ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވެދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، އުރީދޫ އިން މިނިސްޓްރީ އޮފް ހެލްތް އަށް ތިން ސީ އެމްބިއުލަންސް ހަދިޔާކޮށްފި އެވެ. އުރީދޫއިން މިކަން ކޮށްފައިވަނީ، ގިނަ ރަށްތަކަކަށް ބެހިފައިވާ ދިވެހިރާއްޖޭގައި ސިއްޙީ ޙިދުމަތް ފޯރުކޮށްދިނުމަށް މިހާރުވެސް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ސަރުކާރުގެ ސީ އެމްބިއުލަންސް ފްލީޓް އަށް އިތުރު އެހީތެރިކަމެއް ދިނުމުގެ ގޮތުންކަމަށް އެކުންފުނިން ހާމަކުރެއެވެ.
އުރީދޫ އިން މި ސީ އެމްބިޔުލެންސް ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު އިއްޒުއްދީނު ފާލަން ކައިރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ސީ އެމްބިއުލާންސްތައް ދިވެހި ސަރުކާރާ ހަވާލު ކޮށްދެއްވީ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްސާނީ އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ ގްރޫޕްގެ ޗެއާމަން، އައްޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދް އަލް ޘާނީ ވިދާޅުވީ ކުއްލި ހާލަތްތަކުގައި، ބަލި މީހުންނަށް ކަނޑު ދަތުރުފަތުރު މަގުފަހި ކޮށްދެމުންދާ ރާއްޖޭގެ ފްލީޓަށް، އިތުރު ތިން ސީ އެމްބިއުލަންސް ހަދިޔާކުރެވުމަކީ ލިބިގެންދިޔަ އުފަލެއްކަމުގައެވެ. " މިއަދު ދެ ސީ އެމްބިއުލަންސް ހަވާލުކުރެވިފައިވާއިރު، އިތުރު އުޅަނދެއް މިއަހަރު ނިމުމުގެ ކުރިން ހަވާލުކުރުމަށް ވަނީ ހަމަޖެހިފައި. ސިއްޙީ އަސާސުތަކާއި ރައްޔިތުން ގުޅުވާލަދޭ ކޮންމެ ހަރަކާތަކީވެސް އުރީދޫ އަށް މުހިންމު ކަމެއް. އަދި ސިއްޙީ ޚިދުމަތްތަށް ހޯދުމަށް ކަނޑުމަގުން ދަތުރުކުރަންޖެހޭ ފަދަ ހާލަތެއްގައި، މި ހަދިޔާ ކުރެވުނު ސީ އެމްބިއުލަންސްތަކުގެ ސަބަބުން ބަލި މީހުންނަށް ލުއިފަސޭހަކަމެއް ލިބޭނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން. " އުރީދޫ ގްރޫޕްގެ ޗެއާމަން، އައްޝައިޚް އަބްދުﷲ ބިން މުހައްމަދު ބިން ސައުދް އަލް ޘާނީ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ އުރީދޫއިން ދިވެހި މުޖުތަމައުގެ ކުރިއެރުމާއި މަންފާއަށްޓަކައި ދެމުންދާ އެއްބާރުލުން ފާހަގަކޮށް، އަގުވަޒަންކުރާކަމަށް ވިދާޅުވެފައެވެ. "ދިވެހިރާއްޖެ އަކީ ގިނަ ރަށްތަކުގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ޤައުމަކަށްވެފައި، އެކި ހިސާބުތަކަށް ބެހިފައިވާ ކުދި ބޮޑު އާބާދީތަކަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިލާން ޖެހިފައި. އެހެނަސް ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ރާއްޖޭގެ ސިއްޙީ ދާއިރާއަށް އަދި ޑެވެލޮޕްމަންޓް އިންޑިކޭޓަރތަކަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވޭ. މި ދާއިރާ ހަރުދަނާކޮށް، ރަނގަޅު ފެންވަރުގެ ސިއްޚީ ޚިދުމަތްތަކެއް ދިވެހި ކޮންމެ ރައްޔިތަކަށްވެސް ފޯރުކޮށްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާކަމެއް. މިގޮތުން، 2015 ވަނަ އަހަރު ސަރުކާރުން ސީ އެމްބިއުލަންސް ތައާރަފްކޮށްފައިވަނީ، ކުއްލި ހާލަތްތަކުގައި ބަލި މީހުން ކަނޑުމަގުން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ޚިދުމަތް، ރައްކާތެރިކަމާއިއެކު އަވަސް ދުވެލީގައި ފޯރުކޮށްދިނުމަށްޓަކައި. މި މަސައްކަތުގެ މުހިންމުކަން އަމިއްލައަށް ފެނިގެން ފްލީޓަށް އިތުރު ތިން ސީ އެންބިއުލަންސް ހަދިޔާކުރުމާއި ގުޅިގެން، އަދި ފެށުނީއްސުރެ ދިވެހި މުޖުތަމައުގެ ކުރިއެރުމާއި މަންފާ އަށްޓަކައި އުރީދޫއިން ދެމުންދާ އެއްބާރުލުން ފާހަގަކޮށް، އަގުވަޒަންކުރަން." މިނިސްޓަރ އޮފް ހެލްތް، އޮނޮރަބަލް އަބްދުﷲ ނާޒިމް އިބްރާހިމް، ވިދާޅުވިއެވެ.
އުރީދޫ އިން މިއަދު ހަދިޔާކޮށްފައިވަނީ، ދެ ބަލިމީހުންގެ އެނދާއި އެކު އިތުރު 12 ޕެސެންޖަރުންނަށް ދަތުރު ކުރެވޭ، 40 ފޫޓުގެ އުޅަނދެވެ. އަދި ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ސިސްޓަމް ހައްޔަރުކުރެވިފައިވެއެވެ. ހަމައެހެންމެ ކޮންމެ އުޅަނދެއްގައި ވެސް ދެ އޮކްސިޖަން ސިލިންޑަރާއި އެކު، ކޮންމެހެން ބޭނުންވާ އިތުރު ސަލާމަތީ އާލާތްތައް ވަނީ ހިމެނިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް