ރިޔާސީ އިންތިހާބަށް އެސްއޯފުލުހުން ތަމްރީނު ޕްރޮގްރާމެއް ފަށައިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން  ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޔުނިޓުތަކުގައި މަސައްކަތ...

18 Jul 2018 | 03:50

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން  ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޔުނިޓުތަކުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ރިފްރެޝަރ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ޢަމަލީ މައިދާނުގައި ދިމާވެދާނެ ކޮންމެ ކަމަކަށް އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބުމާއި، ދިމާވެދާނެ ޙާލަތްތަކަށް އަހުލުވެރި ކުރުވުމާއި، އެއްގަމާއި ކަނޑުމަތީގައި ހިންގަންޖެހޭ އޮޕަރޭޝަންތަކަށް ޓީމު ތައްޔާރުކުރުމާއި އަދި އޮޕަރޭޝަނަލީ ހުރިހާ ޓީމެއް ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމަށް ކުރިއަށް ގެންދާ މިތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.

"ހުޅުމާލެ އާއި ކާށިދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާމި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ފުރަތަމަ ބުރު ޖުލައި 14ން 17ށް ކާށިދޫގައި ފެށިގެން ކުރިއަށް އެބަދެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމުގައި، ސްޕެޝަލިސްޓް ރެސްޕޯންސް ޔުނިޓް ގައި  މަސައްކަތްކުރާ ފުލުހުން ބައިވެރިވާއިރު، ތަމްރީނުތައް  މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ސްވޮޓް ޓީމުން ހަރަކާތްތެރިވާންޖެހޭ ފަދަ ޙާލަތްތަކަށް ޓީމު ތައްޔާރުކޮށް، އެފަދަ ޙާލަތްތަކުގައި ދިމާވެދާނެ އެކިއެކި ސިނާރިއޯތަކާއި އެކްސަސައިޒްތައް ހިމެނޭގޮތަށެވެ." ފުލުހުން ބުނެފައި ވެ އެވެ.

މީގެއިތުރުން މިއަދު ވަނީ ހުޅުމާލޭގައިވެސް ތަމްރީނު ޕްރޮގްރާމެއް ފަށާފައެވެ. މިއަދުން ފެށިގެން ޖުލައި 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި، އެސްއޯގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޯންސް ޔުނިޓް ގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވާކަމުގައިވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ހުޅުމާލޭގައި ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި  މައިގަނޑުގޮތެއްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޕަބްލިކް އޯޑަރ ޔުނިޓުތައް ހަރަކާތްރިވާންޖެހޭ ފަދަ ޙާލަތްތަކަށް ސްކޮޑު ތައްޔާރުކުރުމާއި ރިއެކްޝަން ޓީމުތަކުގެ ގޮތުުގައި ހަރަކާތްތެރި ވާންޖެހޭ  ޙާލަތްތަކަށް ޓީމުތައް ތައްޔާރުކުރުމާއި އެފަދަ ޙާލަތްތަކުގައި ދިމާވެދާނެ އެކިއެކި ސިނާރިއޯތަކަށް އެކްސަސައިޒްތައް ހިމެނޭގޮތަށެވެ. ހުޅުމާލޭގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ބުރު ޖުލައި 21ން 23ށް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް