ފިލިތެޔޮ ކަރަންޓީންގައި ހުރި އަންހެނަކަށް ސިފައިންގެ މީހަކު ފުރައްސާރަ ކުރި މައްސަލައެއް

ފިލިތެޔޮ އައިލެންޑް ރިސޯޓު ކަރަންޓީން ފެސިލިޓީގައި ހުރި އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި ސިފައިންގެ މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ މިއަދު ހަވީރު...

18 Jun 2020 | 17:28

ފިލިތެޔޮ އައިލެންޑް ރިސޯޓު ކަރަންޓީން ފެސިލިޓީގައި ހުރި އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި ސިފައިންގެ މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ މިއަދު ހަވީރު ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ވަނީ ސިފައިންގެ މީހަކާއި ގުޅޭ އެ މައްސަލައެއް ބަލަމުންދާކަން ކަށަވަރުކޮށްދީފައި އެވެ. އެކަމަކު ބުނީ އެ މައްސަލައިގެ މައުލޫމާތު ހާމަކުރާނީ ފުލުހުން ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ މައްސަލައިގަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން އެ އަންހެން މީހާގެ އާއިލާއަށް އެކަން އަންގައި ޖެންޑާ މިނިސްޓްރީން ދަނީ އެ އަންހެން މީހާއަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދެމުން ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ އަންހެން މީހާ އަކީ ސްރީލަންކާއިން ގެނައި ދިވެހިންގެ ތެރޭގައި ހިމެނޭ މީހެކެވެ.

މިއީ ކަރަންޓީންކޮށްފައި ހުރި މީހަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައެއް ފެންމަތިވި ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން ވަނީ ކަރަންޓީން ފެސިލިޓީއެއްގައި މަސައްކަތް ކުރި ސިފައިންގެ މީހަކާއި އަންހެން ޑޮކްޓަރަކު ރޭގަނޑު ދަންވަރު އެކަހެރިވި މައްސަލައެއް ފެންމަތިވެފައި އެވެ. އެ މައްސަލަ ފުލުހުން ބެލީ ޝަކުވާއެއްގެ ގޮތުގައި އެވެ.

އޭގެ ފަހުން ވަނީ ކަރަންޓީން ފެސިލިޓީއެއްގައި ހުރި ނަރުހަކަށް ޖިންސީ ފުރައްސާރަ ކުރި ފުލުހެއްގެ މައްސަލައެއް ފެންމަތިވެފައި އެވެ. އެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް