ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ޖަޕާނުގެ ބޮޑުވަޒީރަށް ރައީސް ސޯލިހް ދައުވަތު އަރުއްވައިފި

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތެއް ކުރެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދައުވަތު އަރުއްވައިފިއެވެ. މި ދައުވަތު ...

18 Jun 2019 | 15:26

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތެއް ކުރެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދައުވަތު އަރުއްވައިފިއެވެ.

މި ދައުވަތު ރައީސް ސޯލިހް އަރުއްވާފައިވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްޞަ އެޑްވައިޒަރ މިސްޓަރ ކެންޓަރޯ ސޮނޮއުރާ، ރައީސް ސޯލިހްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

"މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މިއަހަރުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރައްވަން ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅާބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ ބޮޑުވަޒީރަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގަންނަވާކަން ވެސް މި ބައްދަލުކުރެއްވުމުގައި ހާމަކުރައްވާފައެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްޓަރ ކެންޓަރޯ ސޮނޮއުރާ ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޝުކުރުއަދާކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ. އަދި މިހާރު ކުރިޔަށްދާ މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމްގައި މިސްޓަރ ކެންޓަރޯ ސޮނޮއުރާ ބައިވެރިވެ ވަޑައިގެން ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ޖަޕާނާ ދެމެދުގައި ދޭދޭ ގުޅުން ޤާއިމުކުރީއްސުރެ، ދެޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ޖަޕާނު ސަރުކާރުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވަމުން ދާދިފަހުން ޖަޕާނު ސަރުކާރުން ފައްސަތޭކަ މިލިޔަން ޖަޕަނީޒް ޔެންގެ އަގުހުރި ކަނޑުއުޅަނދުފަހަރު ހަދިޔާ ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް