ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތައް އާންމުކޮށް ހުޅުވައިލައިގެން ކުރިއަށް ގެންދަން އެ ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޮމިޝަނުން މިކަން ހާމަކޮށްފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ބަލަން ނިންމާފައި ވާއިރު، މި މައްސަލަތަކާއި ގުޅިގެން ފަނޑިޔާރު ޑީޑީ ރޭގެ ވަގުތެއްގައި ޖޭއެސްސީ އަށް ހާޒިރުކޮށްފައި ވެއެވެ. ހާޒިރުކުރުމުން ފަނޑިޔާރު ޑީޑީ އާއި، ވަކީލުންގެ ޓީމުން އެދިފައި ވަނީ މައްސަލަތައް އާންމުކޮށް ހުޅުވައިލައިގެން ކުރިއަށް ގެންދިއުމަށެވެ.
ޖޭއެސްސީ އިން މައުލޫމާތު ދޭގޮތުގައި، ފަނޑިޔާރު ޑީޑީގެ ދެ މައްސަލައެއް އެކޮމިޝަނުން މިހާރު އަންނަނީ ބަލަމުންނެވެ. އެއީ ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ އަދި ޕޮލިހުން ބަލަމުން އަންނަކަމަށް ޖޭއެސްސީ އިން ބުނެފައިވާ ރިޝްވަތުގެ މައްސަލަ އާއި، ސަސްޕެންޑް ކޮށްފައި ވަނިކޮށް ވަޒީފާ އަށް ނިކުތުމުގެ މައްސަލައެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލައެއް ވެސް މިހާރު ހުށަހަޅާފައި ވާކަމަށް ވެސް ޖޭއެސްސީ އިން މިއަދު ބުނެފައިވެއެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް