ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ހ.ހާޖަރާގޭ، އަބްދުﷲ ލުތުފީ ރާއްޖެއިން ފިލައިގެން ދިޔަ މައްސަލަ އާއި ގުޅިގެން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސުވާލުކުރަން މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.
މާދަމާގެ ޖަލްސާގައި މިނިސްޓްރު އިމްރާން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހެޅީ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މިނިސްޓަރާއި ކުރުމަށް ދެ ސުވާލެއް ނަޝީދު ހުށަހަޅާފައިވާއިރު، އެއް ސުވާލަކީ ރާއްޖެއަށް ލުތުފީ ގެނައުމަށް އެއްވެސް މަސައްކަތެއް ކުރެވޭތޯ އެވެ. އަދި އޭނާ މިހާރު އުޅޭ ތަނެއް ސަރުކާރަށް އިނގޭތޯއެވެ.
1988 ވަނަ އަހަރު ރާއްޖެއަށް ބޭރުގެ ކުލީ ސިފައިން އަރުވައި ހަމަލާ ދިން މޭސްތިރިއަކީ ލުތުފީއެވެ. އޭރުގެ ދިވެހި ސަރުކާރުން ލުތުފީއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް، ބޭސްފަރުވާގެ ނަމުގައި ރާއްޖެއިން ބޭރަށް ގޮސް އޭނާ ވަނީ ފިލާފައެވެ. އޭނާ މިހާރު ދިރިއުޅެމުން ދަނީ ލަންކާގައި ކަމަށްވެސް އަޑުތަކެއް ވަނީ ފެތުރިފައެވެ.
ލުތުފީ ފިލައިގެން އުޅޭ މައްސަލައާއި ގުޅިގެން މިނިސްޓަރު އިމްރާން މަޖިލީހަށް ހާޒިރުވާން މިހާރު ވަނީ ނޯޓިސް ފޮރުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް