ބުރުސޫރަ- ތިރީސް ހަވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... "އީމާން ދޮރުހުޅުވަބަލަ" މާޒިން އެގެއަށް އައިސް އީމާންގެ ކޮޓަރީގެ ދޮރުގައި ތަޅާތާ ކިތަންމެ އިރެކެވެ. "ތަޅުދަނޑިން ހުޅުވަބަލަ... ދެ ދުވަސް ވަނީ އެހެން އޮންނަތާ... ކޮންމެ ފަހަރަކު ތ...

18 Jun 2019 | 06:13

ކުރީގެ އަދަދާ ގުޅޭ...

"އީމާން ދޮރުހުޅުވަބަލަ" މާޒިން އެގެއަށް އައިސް އީމާންގެ ކޮޓަރީގެ ދޮރުގައި ތަޅާތާ ކިތަންމެ އިރެކެވެ.

"ތަޅުދަނޑިން ހުޅުވަބަލަ... ދެ ދުވަސް ވަނީ އެހެން އޮންނަތާ... ކޮންމެ ފަހަރަކު ތަޅުދަނޑިން ހުޅުވައިގެން ކާއެއްޗެއް ދެވޭތޯވެސް މި ބަލަނީ... ވީ ގޮތެއްވެސް ބުނީއެއް ނޫން" އީމާންގެ މަންމަ ހަމީދާ ތަޅުދަނޑިއެއް މާޒިންގެ އަތަށް ދެމުން ބުނެލިއެވެ. ހަމީދާ ދިއުމުން މާޒިން ތަޅުދަނޑިން ދޮރުހުޅުވައިލިއެވެ. މުޅި ކޮޓަރިތެރޭގައި ވަނީ މަރުގެ ހިމޭން ކަމެވެ. އަނދިރި ކިއްލާއެއް ފަދަ އެ ކޮޓަރިތެރޭގައި ވަނީ އޭސީގެ ފިނިކަން ހިފާލާފައެވެ. މާޒިން ބޮކި ދިއްލައިލިއިރު އީމާން އޮތީ މުޅި ގައިގައި ރަޖާ އަޅައިގެންނެވެ. މާޒިން ފުރަތަމަ އޭސީ ނިއްވައިލިއެވެ. އަދި އީމާން އާއި ކައިރިވެލުމަށްފަހު ރަޖާ ނެގިއެވެ. އީމާން އޮތީ ފިނިވެގެން ގޮސް ގަނޑުވެފައެވެ.

"އޭ ބަލީތަ؟" އީމާން ކައިރީ އިށީންނަމުން މާޒިން އަހައިލިއެވެ. އަދި އީމާންގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ.

"ކައެ ފިހެނީއެއްނު... ތެދުވެގެން ހިނގާ ހޮސްޕިޓަލަށް ދާން" މާޒިން ބުނެލިއެވެ. އީމާން ބޯހޫރައިލިއެވެ.

"އީމު ޑީލް ވިތް އިޓް... މަންހާ އަކީ ރަގަޅު ކުއްޖެއް ނަމަވެސް އެންމެ ރަގަޅު ތިހެން ޑެސްޕޯ ވެގެން އުޅޭން... އޭނަ އިނީ ޖަލުގައޭ... އަމިއްލައަށް ހަނދާން ނައްތައިލަން އުޅުނީމަ އެކަން ވާނީ... އަހަރެމެން އެންމެން މިތިބީ ހެލްޕް ވާށޭ..." މާޒިން އީމާންގެ މޫނަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ. އީމާން އޮތީ ލޯމަރައިލައިގެންނެވެ.

"ހިނގާބަލަ ފެންވަރައިގެން ހޮސްޕިޓަލަށް ދާން... މަ ދާނަމޭ" މާޒިން ވަރަށް އާދޭސްކުރުމުން އެންމެފަހުން އީމާން އެނދުން ތެދުވެ ފާހާނާއަށް ވެނެވެ.

***

ރާނީ ގެއަށް ދޫކޮށްލުމުން، ރާނީ ގޮވައިގެން ގެއަށް އައީ ޒިއަން އާއި ޒައިނާ އެވެ. ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކީ ތިން މީހުން ވެސް މަޑުޖެހެލީ ސޯފާގައި އިށީންދެ ތިބި މީހުން ފެނިފައެވެ.

"ރާނީ އަވަހަށް އާދޭ... ރަގަޅުތަ މިހާރު؟" ރާނީ ފެނުމުން ޒާހިދާ އަވަހަށް އައިސް ރާނީގެ އަތުގައި ހިފައިގެން އެތެރެއަށް ވެއްދިއެވެ. ޒިއަން ފުރަތަމަ ދިޔައީ ރާނީގެ ދަބަސް ހިފައިގެން ކޮޓަރިއަށެވެ. ޒައިނާ ހުރީ ދެ ބުމަ ގޮށްޖަހައިލައިގެންނެވެ.

"ރާނީގެ ދައްތަ އެހެން ގެއަކު ހުންނާތީ މަންމަ ބުނީ މިގެއަށް ބަދަލުވާށޭ..." ރާނީ ހައިރާންވެފައި ބަލަން ފެށުމުން ޒާހިދާ އޮޅުންފިލުވައިދިނެވެ. ރާނީ ބަލައިލުމުން ޝަމީމާ ހުރިހާ ދަތްތަކެއް އެއްކޮށް ދައްކައިލިއެވެ. ޝިޔާ ވެސް އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. ހީވަނީ އަމިއްލަ ގޭގައި ހަމަޖެހިލައިގެން އިންހެންނެވެ. ޝަމީމާގެ އެބަލައިލުމާއި އެކީ ރާނީގެ ހިތް ތެޅެން ފެށީ އެހެނަކުންނެއް ނޫނެވެ. މޭ ފަޅާފައި ބޭރަށް ހިތް ނިކުންނަން އުޅުނުހެން ވެސް ރާނީ އަށް ހީވިއެވެ.

"ދައްތަމެން ކޮންއިރަކުން ފުރަނީ؟" ނުހުރެވިގެން ޒައިނާ އަހައިލިއެވެ.

"ދެން ރާނީ ރަގަޅު ވެލީމަ ފުރަންވީ... އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮ ބަލީވީމަ އަހަރެންވެސް ދެރަވާނެ ދޯ..." ވަރަށް އޯގާތެރި ކުލަވަރު މޫނުމަތިން ދައްކައިލަމުން ޝަމީމާ ބުނެލިއެވެ. ޝަމީމާގެ މޮޅެތި ބަސްތަކުގެ އަވައިގައި ޒާހިދާ ޖެހުނީ ކިހިނެއް ކަމެއްވެސް ނޭންގެއެވެ.

"ރާނީ ދެން ދޭ އަރާމުކޮށްލަން" ރާނީ ކޮޅަށް ހުރުމުން ޝަމީމާ ބުނެލިއެވެ. ރާނީ ކޮޓަރިއަށް ދާން ހިނގައިގަތެވެ.

ރާނީ ކޮޓަރިއަށް ވަނުމުން ޒައިނާ ވެސް މަޑުނުކޮށް އެގެއިން ހިނގައްޖެއެވެ.

"ހެއި ޔޫ އޯކޭ؟" ރާނީ އައިސް ކޮޓަރިއަށް ވަނުމުން ޒިއަން އަހައިލިއެވެ. ރާނީ އެއްވެސް އެއްޗެއް ނުބުނު އެނދުގައި އިށީނެވެ.

"ބިރުގަންނަނީ" ޒިއަންގެ ގައިގައި ބައްދައިލަމުން ރާނީ ބުނެލިއެވެ. އޭރު ރާނީގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ.

"އަހަރެން އަބަދުވެސް ރާނީ ކައިރީގަ ހުންނާނަން އިނގޭ... ދޭ ފެންވަރައިގެން އަންނަން ކާން ދާން" ރާނީގެ ބޮލުގައި ފިރުމައިލަމުން ޒިއަން ވަރަށް ލޯބިން ބުނެލިއެވެ. ޒިއަންގެ އަތުތެރޭގައި އިރުކޮޅަކު އޮތުމަށްފަހު ރާނީ ފާހާނާ އަށް ދިޔައެވެ.

ޒިއަން ދެން ދިޔައީ މަންމަ ހޯދާށެވެ. އޭރު ޒާހިދާ ހުރީ ބަދިގޭގައި ކާން ހަދާށެވެ. އަދިވެސް ސޯފާގައި ޝަމީމާ އާއި ޝިޔާ ޓީވީ ބަލަން ތިއްބެވެ. އެމީހުންނަށް ކަޅިއެއް އެއްލުމަށްފަހު ޒިއަން އައިސް ހުއްޓުނީ މަންމަ އާއި ވަރަށް ކައިރީގައެވެ. ޒިއަން އައިސް ހުއްޓުމުން ޒާހިދާ ދިޔައީ ސިއްސައިގެންނެވެ.

"މަންމަ އަށް އެންމެ ފުރަތަމަ ދުވަހު ކިޔައިދިނިން ދޯ އެމީހުން ރާނީ އާ ދޭތެރޭ ކަންތައް ކުރި ގޮތް... ދެން ކީއްވެ މިގެއަށް ތި ވެއްދީ؟" ޒިއަން ވާހަކަ ދެއްކީ ވައި އަޑުން ނަމަވެސް ވަރަށް ހަރުކަށިކޮށެވެ.

"މަންމަ އަށް އިނގޭ... އެކަމަކު އެމީހުން ލަދުގަންނަވާލާފަ ފޮނުވާލައިފިއްޔާ މީހުންވެސް އެއްޗެހި ކިޔާނެ ދޯ... ބައްޕަ ވެސް ރުޅި އަންނާނެ އެހެން ހަދައިފިއްޔާ... އެމީހުން ގޯހެއް ނަހަދާހާ ހިނދަކު މިގޭގައި ބައިތިއްބާ... ޒިއަން ވެސް ވާނެ ރީތިކޮށް ވާހަކަދައްކަން" ޒާހިދާގެ އަޑުވެސް ނިކުތީ ވަރަށް މަޑުންނެވެ.

"ނޫޅެން ވާހަކަ ދައްކާކަށް... މަންމަ ދައްކާ" މޭޒުމަތީގައި ގޮށް މުށުން ޖެހުމަށްފަހު ޒިއަން ވައިރޯޅިއެއްހާ ބާރަށް ނިކުމެގެން ހިނގައްޖެއެވެ. ޒިއަން ދިޔަ ދިމާލަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު ޒާހިދާ މަސައްކަތާއިގެން މަސްއޫލުވިއެވެ.

***

"އޭ ދެން މަށާ ވާހަކަ ދައްކަބަލަ" މާޒިން އާއި އީމާން އިށީންދެ ތިބީ ޑޮކްޓަރު ބަލާ ކޮޓަރީގެ ކުރިމަތީގައެވެ. ބައިވަރު މީހުން ތިބުމުން ދެމީހުން ވެސް ތިބީ ފޫހިވެފައެވެ. މާޒިން ވާހަކަ ދައްކާތާ ކިތަންމެ އިރެކެވެ. އީމާން އިނީ އަނގައިން ބުނާ ކަހަލަ ގޮތަކަށް ނޫނެވެ.

"ކައެ މިތަނުން ދައްކަބަލަ ކަމުދާ ކުއްޖެއް... ޔަގީން ސެޓު ކޮށްދޭނަން..." މާޒިން ބެލީ އީމާންގެ ސަމާލުކަން ހޯދޭތޯއެވެ. މާޒިން މިހެން ބުނުމުން އީމާން ކޮޅުކޮޅު ބަލައިލިއެވެ. އީމާން އިނގިލިން ކަނާތްފަރާތު ގޮނޑިބަރީގައި އިށީންދެ ތިބި ދެ އަންހެން ކުދިން ދައްކައިލިއެވެ.

"އެތަނުން ކާކު؟" މާޒިން އަހައިލިއެވެ.

"ރަތް ބުރުގާ" އީމާން ވަރަށް މަޑުން ބުނެލިއެވެ.

"ބުރުގާއޭ؟ ޝޯލް އަޅާނީ މިހާރުގެ ކުދިން... ކައެ ބޭނުމީ އެކުއްޖާތަ؟ ހަޑިއެއް ނޫން" މިހެން ބުނުމަށްފަހު މާޒިން ތެދުވެގެން ހިނގައިގަތެވެ. މާޒިން ތެދުވެ ހިނގައިގަތުމުން އީމާން ދިޔައީ ސިއްސައިގެންނެވެ. މާޒިން ގޮސް އިށީނީ އެކުއްޖާ ކައިރީ ހުރި ހުސް ގޮނޑީގައެވެ. އީމާން މޫނުގައި އެއް އަތް އެޅުމަށްފަހު ލަދުން މޫނު އަނެއް ފަރާތަށް އަނބުރައިލިއެވެ. މާޒިން ހަގީގަތުގައި ވެސް ދާނެކަމަކަށް އީމާން ހިއެއް ނުކުރެއެވެ.

"ހައި" އެކުއްޖާ ކައިރީ އިށީނުމަށްފަހު މާޒިން ބުނެލިއެވެ. އެކުއްޖާ ލަދުން ހީލިއެވެ.

"ކޮން ނަންބަރެއް ލިބުނީ؟" ނޫން ކަމަށް ހެދިފައި މާޒިން އަހައިލިއެވެ. އެކުއްޖާގެ މެމޯ ދައްކައިލިއެވެ.

"އީމާންގެ ފަހުން ދޯ...މާޝާ" މާޒިން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބުނެލިއެވެ. އެކުއްޖާ ކުއްލިއަކަށް ބަލައިލިއެވެ.

"ސޮރީ ހެހެ... އަސްލު އޭނީނު މަގޭ ރައްޓިއްސެއް... އޭނަ ބުނީ މާޝާ ވަރަށް ރީއްޗޯ... ބޭނުންތަ ފްރެންޑް ވެލާން؟ ބިޓެއް ނެތިއްޔާ ސެޓުވެސް ކޮށްދީފާނަން" މާޒިން އެއް ފައްޗަކަށް އަމުނައިލިއެވެ. މާޝާ ކައިރީ އިން އަންހެން ކުއްޖާ އިނީ ހީހީ ބަލިވެފައެވެ. މާޝާ ބަލައިލީ އީމާން އަށެވެ. އެވަގުތު އީމާން ވެސް ބަލައިލިއެވެ.

"އީމާން؟" ވަރަށް މަޑުމަޑުން މާޝާ އެނަން ކިޔައިލިއެވެ.

"އިނގޭތަ އަނެއްކާ؟" މާޒިން ބުނެލިއެވެ. އަދި އީމާން އަށް ބަލައިލުމަށްފަހު ނިތް އަރުވައިލިއެވެ. މަޝާ ކުއްލިއަކަށް ތެދުވެގެން އީމާން އާއި ދިމާލަށް ހިނގައިގަތެވެ. މާޒިންގެ އިތުރުން މާޝާ އާއި އެކު އިން ކުއްޖާ ވެސް ހައިރާންވިއެވެ.

"އީމާން؟" މާޝާ އައިސް އީމާން ކައިރީ އިށީނެވެ. މާޒިންގެ ކަންތަކޭ ހިތައް އަރައި އީމާން ރަގަޅަށް އެމޫނަށް ބަލައިލިއެވެ. ދަންނަ ކުއްޖެއްހެން ހީވުމުން އީމާން ވަރަށް ފުންކޮށް އެމޫނަށް ބަލައިލިއެވެ.

"މާ... މާޝާ؟" އީމާން އަށް ވެސް ވީ މާޝާ އަށް ވީ ފަދަ ގޮތެކެވެ.

"އޯއެމްޖީ... ވާއު އީމު ކައެ ދަންނަންތަ؟ މަ ނުޖެހުނެއްނު ކަމެއް ކޮށްދޭކަށްވެސް" މަންޒަރު ބަލަން އިން މާޒިން ތެދުވެގެން އައިސް ބުނެލިއެވެ.

"މާޝާ ކޮންއިރަކު އައީ؟ ނުވެސް އިނގުން ބުރުގާ އަޅާފަ އިނީމަ" މާޝާގެ މޫނަށް ބަލައިލަމުން އީމާން ބުނެލިއެވެ.

"ވަރަށް ފަހުންނޭ ބުރުގާ އެޅީވެސް... ކުރީ ދުވަހު އައީ.. އައި އިރަށް ރޯގާ ޖެހިއްޖެ ހެހެ..." އީމާންގެ މޫނަށް ބަލައިލަމުން މާޝާ ބުނެލިއެވެ. އެވަގުތު އީމާންގެ ނަންބަރާ ޖެހުމުން އީމާން ދިޔައީއެވެ.

"ސޮރީ އިނގޭ އެގޮތަށް ގޮސް ކިއުނީމަ... އެކަމް ވެސް ކުރީގެ ރައްޓިއްސަކާ ދިމާވެއްޖެ އެންނު މަށާ ހެދި ދޯ" މާޝާ ކައިރީ އިށީންނަމުން މާޒިން ބުނެލިއެވެ.

"އައިމް މާޒިން... އީމުގެ ފްރެންޑެއް" މާޒިން އަނެއްކާވެސް ބުނެލިއެވެ. މާޝާ ހިނިތުންވެލިއެވެ.

"ކިހިނެއް އީމު އިނގެނީ؟" އަނެއްކާވެސް މާޒިން އަހައިލިއެވެ.

"ވަރަށް ކުރީގެ ރައްޓިއްސެއް... ނޮޓް އިން ޓަޗް ފޯ އިޔާސް..." މާޝާ ބުނެލިއެވެ. އޭގެ ފަހުން އިތުރު އެއްޗެއް އަހަން މާޒިން އަކަށް ނުކެރުނެވެ. މިހާރުވެސް މާގިނަ ސުވާލު ކުރެވިއްޖެއެވެ. އީމާން ނިމުމުން މާޝާ ޑޮކްޓަރު ބަލާ ކޮޓަރިއަށް ވަނެވެ.

"ނުދާނަންތަ؟" އީމާން އަނެއްކާ އިށީނުމުން މާޒިން އަހައިލިއެވެ.

"އޭނަ ނިމުނީމަ" އީމާން ވަރަށް މަޑުން ބުނެލިއެވެ. މާޝާ އާއި ދިމާވުމުން ކޮންމެވެސް ވަރަކަށް އީމާންގެ މޫނުގެ ކުލަވަރު ބަދަލުވިކަން މާޒިން އަށް ފާހަގަ ކުރެވުނެވެ. މިއީ ހެޔޮ ފާލެއްކަން މާޒިން އަށް ނަގައިގަނެވުނެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް