ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަދި އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާ އަލީ ނަޒީރުގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.
މި ތިން ބޭފުޅުންގެ ޕާސްޕޯޓު ހިފެހެއްޓީ މިދިޔަ މާޗު މަހު ކުއްލި ހާލަތު އިއުލާނުކޮށްފައި ވަނިކޮށް މާލެއަށް މީހުން އަރައި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ގޮވާލުމާއި ގުޅިގެން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައި އެވެ. އެ ތިން ބޭފުޅުންގެ ޕާސްޕޯޓު ދޫކޮށްލީ ޕާސްޕޯޓު ހިފެހެއްޓި މުއްދަތި ހަމަވެގެން ކްރިމިނަލް ކޯޓުންނެވެ.
ކޯޓުން މިގޮތަށް އަމުރު ކުރީ އެ ހަތަރު ބޭފުޅުންނާއި ދެކޮޅަށް ދައުވާ ކުރުމަށް ފުލުހުން ފޮނުވި މައްސަލައަކީ ޖިނާއީ ދައުވާއެއް ކުރެވޭނެ ފަދަ މައްސަލައަކަށް ނުވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަނޑައެޅުމާއި ގުޅިގެންނެވެ. ޕީޖީ އޮފީހުން ވަނީ އެ މައްސަލަތައް ފައިލްކޮށްފައި އެވެ.
ޕާސްޕޯޓު ހިފެހެއްޓީ އެންމެ ފުރަތަމަ މަސް ދުވަހަށެވެ. އެ މުއްދަތު ހަމަވިފަހުން އޭގެ ތެރެއިން ފައިސަލް އާއި ނަޒީރު ރާއްޖެއިން ބޭރަށް ފުރަން ވަޑައިގެން ފަހުން އެއާޕޯޓުގައި މަޑު ކުރުވުމަށް ފަހު ވަނީ އަނެއްކާވެސް ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް އަންގާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް