އޮސާކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވޭ

ޖަޕާނުގެ އޮސާކާއަށް މިއަދު އައި ބާރުގަދަ ބިން ހެލުމުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. މިއަދު ހެނދުނު 8:00 ގައި ޖަޕާނުގެ އޮސާކާއަށް ބިން ހެލުން އައިސްފައ...

18 Jun 2018 | 09:22

ޖަޕާނުގެ އޮސާކާއަށް މިއަދު އައި ބާރުގަދަ ބިން ހެލުމުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިއަދު ހެނދުނު 8:00 ގައި ޖަޕާނުގެ އޮސާކާއަށް ބިން ހެލުން އައިސްފައި ވަނީ ރެކްޓަ މިންގަނޑުން 6.1 ގެ ބާރު މިނުގައި އެވެ. މި ބިންހެލުމުގައި އެ ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އިމާރާތްތައް ވެއްޓުމާއި އިމާރާތްތަކުގައި އަލިފާން ރޯވުމުގެ އިތުރުން ބައެއް ހިސާބުތަކުން ފެނާއި ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ އިރު ރޭލާއި، އާންމު ދަތުރުފަތުރުގެ ހިދުމަތް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބިން ހެލުން އައުމާއި ގުޅިގެން އޮސާކާގައި ދިރިއުޅޭ ދިވެހިންނަށް ވަކިވަކިން ގުޅައި އެމީހުންގެ ހާލުބެލި ކަމަށާއި އޭގެން އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ. އަދި އެމީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ބިން ހެލުން އައި ސަރަހައްދުގައި ދިރިއުޅެނީ އަށް ދިވެހިން ކަމަށެވެ.

ބިން ހެލުން އައުމާއި ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ އެހީތެރިކަމެއް ބޭނުންވާ ނަމަ ގުޅުމަށް ނަމްބަރެއް އާންމުކޮށްފައި އެވެ. އެ މިނިސްޓްރީން ބުނީ ޖަޕާނުގައި 100 އެއްހާ ދިވެހިން ދިރިއުޅޭ ކަމަށެވެ.

މި ބިންހެލުމުގައި މަރުވި ކަމަށް މިހާތަނަށް ޖަޕާނުން ބުނެފައިވަނީ ތިން މީހުންނެވެ. އެކަމަކު ޒަހަމްވި މީހުންގެ އަދަދު ވަނީ 200 އިން މައްޗައް އަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް