"ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓުތަކަށް ފޯމު ބަލައި ގަތުމުގެ ވަގުތު އިތުރުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ވަގުތު އިތުރު ކުރީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަަލަށް ކަމަށެވެ. އޭގެ ފަހުން ވަގުތު އިތުރު ކުރުމާއި މެދު ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށެވެ. މިއަދުން ފެށިގެން ފޯމު ބަލައިގެންނާނީ ހެނދުނު 10:30 ން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 ން 11:00 އަށެވެ.
ފްލެޓު ފޯމު ބަލައިގެންނަން ފަށާފައި މިވަނީ އީދަށް ފޯމު ބަލައިގަތުން މެދުކަނޑާލުމަށް ފަހު އެވެ.
ފްލެޓު ފޯމު ހުށަހެޅުމަށް ކިއުގައި ނުޖެހި ނަމްބަރު ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހައުސިން މިނިސްޓްރީން ވަނީ އޮންލައިންކޮށް ކިއުބީ އެޕް މެދުވެރިކޮށް ނަމްބަރު ނެގޭނެ ގޮތް ހަދާފަ އެވެ. އަދި ދަރުބާރުގެއިންވެސް ކިޔުގައި ނުޖެހި ފޯހު ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައި އެވެ.
ފޯމު ހުށަހަޅާ ނަމްބަރު ދޫކުރާނީ ފޯމް ބަލައިގަންނަ ގަޑި ހަމަވާން ބައި ގަޑިއިރަށް ވަންދެނެވެ. އަދި އެ ގަޑިއަށް ކިއުބީ އެޕް މެދުވެރިކޮށް ނަމްބަރު ދޫކުރުންވެސް ހުއްޓާލާނެ އެވެ.
ފްލެޓަށް އެދި މިހާތަނަށް ފޯމް ހުށަހެޅި މީހުންގެ އަދަދު ހާމަ ނުކުރިނަމަވެސް ހައުސިން މިނިސްޓްރީން ބުނީ ހަފްތާއެއްގެ ތެރޭގައި ހާހަކަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 17 ކެޓަގަރީއަކުން ހަތް ހާސް ފްލެޓު ދޫކުރާނެ އެވެ.
ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 31 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް