ތަށި ހޯދުމަށްފަހު ޖެހިގެން އަންނަ ވޯލްޑް ކަޕުގެ ފުރަތަމަ މެޗު ކާމިޔާބު ނުކުރެވުން. އާކަމެއް ނޫން.

ފީފާ ވޯލްޑް ކަޕްގައި ރޭ، އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު ކުޅުނު ފުރަތަމަ މެޗުން މެކްސިކޯ އަތުން 1-0 ން ބަލިވުމާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އަދި ބައެއް ފަރާތްތަކުގެ ފާޑުކިޔުން ޖަރުމަނު ...

18 Jun 2018 | 06:43

ފީފާ ވޯލްޑް ކަޕްގައި ރޭ، އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު ކުޅުނު ފުރަތަމަ މެޗުން މެކްސިކޯ އަތުން 1-0 ން ބަލިވުމާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އަދި ބައެއް ފަރާތްތަކުގެ ފާޑުކިޔުން ޖަރުމަނު ޓީމަށް އަމާޒު ވިއެވެ.

ރޭގެ މެޗުގައި މޮޅަށް ކުޅެމުން ދިޔަ ޖަރުމަނު ޓީމަށް ކާމިޔާބު ނުހޯދި މެޗު ނިންމާލަން ޖެހުމަކީ، ފަހުގެ ތާރީޚްގައި ދުނިޔޭގެ ޗެމްޕިއަން އަކަށް އަލަށް ދިމާވި ކަމެއް ނޫނެވެ. މި މަންޒަރު މިވަނީ ފާއިތުވި ދެ ވޯލްޑް ކަޕާއި، މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް ތަކުރާރު ވެފައެވެ.

2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު އިޓަލީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި ފުރަތަމަ ނުކުތީ ޕެރެގުއޭ އާ ދެކޮޅަށެވެ. އެ މެޗު އިޓަލީން ކާމިޔާބު ކުރާނެކަމަށް ބެލެވުނު ނަމަވެސް މެޗު ނިމުނީ އިޓަލީން މޮޅަކަށް ކުރި އުންމީދު ގެއްލިގެނެވެ. 1-1 ގެ ހަމަހަމަ ނަތީޖާ އަކުންނެވެ. އެއަށް ފަހު އިޓަލީއަށް ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ދެވޭވަރު ވެސް ނުވެ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީއެވެ.

2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރީ ސްޕެއިންއެވެ. ވޯލްޑް ކަޕްގެ އަލަތު ތަށްޓަށް ފަހު ދެން ޖެހިގެން އައި ޔޫރޯ ވެސް ކާމިޔާބުކޮށް، އަދި ކޮލިފައިންގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެފައިވުމުން ގިނަ ބަޔަކު 2014 ގެ ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ލިސްޓްގެ ކުރިން ސްޕެއިންއަށް ޖާގަ ދިނެވެ. އެހެނަސް، ފުރަތަމަ މެޗުގައި ނެދަލޭންޑް އަތުން 5-1 ގެ ލަދުވެތި ނަތީޖާ އަކުން ބަލިވީއެވެ. އެއަށް ފަހު ދެން ޖެހިގެން އައި ދެ މެޗުން ރަނގަޅު ނަތީޖާއެއް ނެރޭނެކަމަށް ބެލެވުނަސް، ޗިލީ އަތުން ވެސް ބަލިވެ، ގްރޫޕް ސްޓޭޖުން ކެޓީއެވެ.

މިއީ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުގެ ކުރިން ވޯލްޑް ކަޕްގެ ތަށި އުފުލާލި ދެ ޓީމަށް ދެން ޖެހިގެން އައި މުބާރާތުގައި ކުރިމަތިވި ހިތްދަތިކަމެވެ. އިޓަލީ އާއި ސްޕެއިން އެކޭ އެއްގޮތަށް، ޗެމްޕިއަނުންގެ ގޮތުގައި ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗު ކާމިޔާބު ނުކުރެވުނަސް، ޖަރުމަނު އޮތް ގްރޫޕްގައި ހިމެނޭ ޓީމުތަކަށް ބަލާއިރު، އެ ގައުމަށް ގްރޫޕް ސްޓޭޖް ފަހަނައަޅާ ނުދެވޭންވީ ސަބަބެއް ނެތެވެ. އަދި މިހާ އަވަހަށް ފާޑު ކިޔާންވީ ސަބަބެއް ވެސް ނެތެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ފޭވަރިޓުންގެ ނަން ދިން ގައުމުތަކުން ފުރަތަމަ މެޗުން މާކަ އެދެވޭ ނަތީޖާއެއް ނެރެފައި ވަނީކީ ވެސް ނޫނެވެ.

އެހެނަސް، ކުރިންގެ ދެ ޗެމްޕިއަނުންނަށް ވިގޮތް ޖަރުމަނަށް ވުމަކީ ވެސް ނުވާނެ ކަމެކޭ ބުނެވޭކަށް ނެތެވެ. ފުޓްބޯޅައިގެ ދުނިޔޭގައި، ވޯލްޑް ކަޕް މުބާރާތުގައި ހަމަ ކޮންމެ ނަތީޖާއެއް ވެސް ނުކުމެދާނެއެވެ. ބަލި ޓީމެއް އޮތްކަމަށް ބެލެވޭކަށް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް