ރާއްޖެއިން ދިޔަ އިތުރު މީހަކު އިންޑިއާގައި ޕޮޒިޓިވް ވެއްޖެ، މިފަހަރު ސިއްހީ ދާއިރާގައި މަސައްކަތްކުރި މީހެއް

ކޯވިޑް19ގެ މި ހާލަތުގައި ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން އެ ގައުމަށް ގެންދިއުމުގެ މަސައްކަތް އެ ގައުމުން ރާއްޖެއިން އެ ގައުމަށްދިޔަ އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި ފަހަރު ޕޮ...

18 May 2020 | 08:54

ކޯވިޑް19ގެ މި ހާލަތުގައި ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން އެ ގައުމަށް ގެންދިއުމުގެ މަސައްކަތް އެ ގައުމުން ރާއްޖެއިން އެ ގައުމަށްދިޔަ އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި ފަހަރު ޕޮޒިޓިވް ވެފައިވަނީ ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކޮށްފައި ދިޔަ މީހެކެވެ.

މި މީހާ ޕޮޒިޓިވްވެފައިވަނީ ކެރެލާ ސްޓޭޓުންނެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ކެރެލާ ސްޓޭޓުން ކޯވިޑް-19 އަށް އިތުރު 14 ކޭސްއެއް ފެނި، "އެކްޓިވް" ކޭސްތަކުގެ އަދަދު މިހާރުވަނީ 100 އިން މައްޗަށް އަރާފައެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެކުވެރި އަރަބި އިމާރާތުން ދިޔަ މީހަކާއި ކުވެއިތުން ދިޔަ މީހަކާއި ރާއްޖެއިން ދިޔަ މީހަކު ހިމެނޭކަމަށް ބުނެފައިވެއެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާގޮތުގައި ރާއްޖެއިން ދިޔަ މީހާއަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރި މީހެކެވެ. އެމީހާއަކީ އަންހެނެއްކަން ނުވަތަ ފިރިހެނެއްކަން ޓައިމްސް އޮފް އިންޑިއާގައި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކެރެލާގެ "ނިއު ކެރަލާ" ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެއީ ފިރިހެނެކެވެ.

މިއާއެކު މި ނޫހަށް މިހާތަނަށް ލިބިފައިހުރި މައުލޫމާތުތަކަށް ބަލާލާއިރު ރާއްޖެއިން އިންޑިއާއަށް ދިޔަ ނުވަ މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ތަމިލްނާޑޫ ސްޓޭޓްގެ ތިރުޗިލައްޕަލީ ނުވަތަ ތިރުޗީން ޕޮޒިޓިވްވެފައިވާ ދެމީހަކާއި ހަމަ އެ ސްޓޭޓްގެ ޗެންނާއީގައި ޕޮޒިޓިވް ވި މީހަކާއި ހަމަ އެ ސްޓޭޓްގެ ކަންޔާ ކުމާރީގައި ޕޮޒިޓިވް ވެފައިވާ ހަތަރު މީހަކާއި ހަމަ އެ ސްޓޭޓްގެ ޕުޑުކޮއްޓާއީން ޕޮޒިޓިވް ވެފައިވާ މީހާގެ އިތުރުން ކެރެލާއިން ޕޮޒިޓިވް ވި މީހާއެވެ.

މި އަދަދު ނުވަޔަކަށް އަރާފައިވީނަމަވެސް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޯވިޑް19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން އިންޑިއާއަށް ދިޔަ ފަހުން ޕޮޒިޓިވްވި ތިން މީހެއްގެ މައުލޫމާތު ރަސްމީގޮތެއްގައި ލިބިފައިވާކަމަށެވެ. އެއީ ބައިސަން ކުންފުނީގައި މަސައްކަތްކުރި ތިން މީހެއް ކަމަށްވެސް ބުނެފައިވެއެވެ. ނޫސްތަކުގައި އިތުރު ކޭސްތަކެއްގެ ވާހަކަ ރިޕޯޓްކޮށްފައިވާއިރު އެކަމުގެ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރަމުން އަންނަ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް