ނ. ހޮޅުދޫ މޭނާސްކޫލަށް 75 އަހަރު ފުރޭ އަލިމަސް ޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ހޮޅުދޫގެ އިތުރުން މާލޭގައިވެސް ފަށައިފިއެވެ.
އެ ސްކޫލުން ހާމަކޮށްފައިވާގޮތުގައި އަލިމަސްޔޫބީލްއާ ގުޅޭ ހަރަކާތްތައް މިމަހުގެ ކުރީކޮޅު ހޮޅުދޫގައި ފަށާފައިވާއިރު މިހަރަކާތްތައް މާލޭގައި ފެށުމުގެ ގޮތުން މާލޭގައި ދިރިއުޅޭ މޭނާ ސްކޫލްގެ އިސްދަރިވަރުންނަށް އަލިމަސްޔޫބީލްގެ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރުމާއި ބައްދަލުވުމެއް ރޭ ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓުގައި ވަނީ ބާއްވާފައެވެ. މޭނާ ސްކޫލް އަލިމަސްޔޫބީލްގެ ރަސްމީ ހަފްލާއާ އަދި 75 ވަނަ އަހަރީ ދުވަހުގެ ރަސްމީ ހަރަކާތްތައް އޮންނާނީ އަންނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައެވެ.
މޭނާސްކޫލަށް 75 އަހަރު ފުރޭ އަލިމަސް ޔޫބީލް މުނާސަބާއާ ގުޅިގެން ކުރިޔަށްގެންދާނެ ކަންކަމާބެހޭ ގޮތުން މަޝްވަރާކުރުމަށް މިދިޔަ މަހުގެ ތެރޭގައި ހޮޅުދޫގައި ވަނީ މަހާސިންތާއެއް ބާއްވާފައެވެ. މި މަހާސިންތާއިން ލިބުނު ޚިޔާލުތަކުގެ އަލީގައި މިހާރު ވަނީ އަލިމަސް ޔޫބީލްގެ މުނާޞަބާއާ ފާހަގަކުރުމަށް ކުރިޔަށްގެންދާނެ ކަންތައްތަކެއް ކަނޑައަޅާ އެ ކަންތައްތަކަށް ފަންޑު ހޯދުމުގެ ބައެއް ހަރަކާތްތައް ވެސް ފަށާފައެވެ. މިގޮތުން ހޮޅުދޫގެ ފިހާރަތަކުގައި މިހާރު ވަނީ ފަންޑު ހޯދުމަށް "ކޮއިން ބޮކްސް" ތަޢާރަފު ކޮށްފައެވެ.
މޭނާސްކޫލަކީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ތެރެއިން ދެވަނައަށް އެންމެ ދުވަސްވީ ސްކޫލެވެ. މޭނާސްކޫލުގެ ދިގުމާޒީގައި ތައުލީމީ ގޮތުންނާއި އަދި އަޚްލާޤީގޮތުން މޭނާސްކޫލަކީ ރާއްޖޭގައި ނަން މަޝްހޫރު ސްކޫލެކެވެ. އެގޮތުން މިހާރުވެސް މޭނާ ސްކޫލަކީ ތަޢުލީމީ ގޮތުން 'ހައި ޕަރފޯމިން' ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. ގުރޭޑް 12އާ ހަމައަށް ކިޔަވައިދޭ މޭނާސްކޫލުގެ ފަހުގެ ތާރީޚަށް ބަލާއިރުވެސް ރާއްޖޭގެ ގަދަ ދިހައެއްގެ އެއްވަނައާއާއި އެހެން ވަނަތަކާއި ބައެއް މާއްދާތަކުން ދުނިޔޭގެ ފެންވަރުގެ އެއްވަނައާއި އެހެން ވަނަތައް ވެސް މޭނާ ސްކޫލުގެ ދަރިވަރުން ހާޞިލްކޮށްފައިވެއެވެ. އަދި ސްކޫލުގެ 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް އަހަރަކަށްވުރެ އަހަރެއް މަތިވަމުން އަންނަކަން ފާހަގަކުރެވެއެވެ.
މޭނާސްކޫލަށް 75 އަހަރު ފުރިގެންދާއިރު މިހާރު ސްކޫލަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލުގެ ކިޔެވުން 2 ކެންޕަސްއެއްގައި ކުރިޔަށްގެންދަން ޖެހޭތީ ހުރި ދަތިތައްކާއި ޖާގައިގެ ގޮތުން ހުރި ދަތިތައްކަން ސްކޫލުން ފާހަގަކުރައްވައެވެ. ސްކޫލުގެ ކިޔެވުން މިހާރު އެއް ސެޝަނަށް ކިޔަވައިދެމުންދާއިރު ޖާގައިގެ ދަތިކަމާހުރެ މަލްޓި ޕާޕަސް ހޯލާއި އަދި ބައެއް ލެބްތައްވެސް ކްލާސްރޫމުގެ ގޮތުގައި ބޭނުންކުރަންޖެހޭކަން ސްކޫލުން ފާހަގަކުރެއެވެ. އަދި ޖާގައިގެ ދަތިކަމާހުރެ ޒަމާނީ ބައެއް ވަޞީލަތް ޤާއިމުނުކުރެވި ހުރުމާ، ދެ ކެންޕަސް ދެ ސަހަރައްދެއްގައި ހުރުމުން ހުރި ވަޞީލަތްތައްވެސް ދެ ތަނަށް ބެހިފައި ހުރުމުގެ ސަބަބުން އޭގެ ދަތިކަން ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް ވަރަށް ބޮޑަށް ފޯރާކަން ސްކޫލުން ފާހަގަކުރެއެވެ. އެހެންކަމުން މިކަންކަމަށް ހައްލެއް ހޯދުމަށް ކޮންމެ ކެންޕަސްއަކަށްވެސް ފުދޭވަރަށް އެ ކެންޕަސްއެއްގައި ވަޞީލަތްތައް ޤާއިމުކުރުމުގެ މުހިންމުކަން ސްކޫލުން ފާހަގަކުރެއެވެ.
މޭނާސްކޫލުގެ އަލިމަސް ޔޫބީލްއާ ގުޅިގެން ކުރިޔަށްގެންދާ ހަރަކާތްތައް ފަށާފައި ވަނީ މި މުނާޞަބާ ފާހަގަކުރުމަށް ކުރިޔަށްގެންދާނެ ހަރަކާތްތަކާމެދު ޚިޔާލުބަދަލުކޮށް މަޝްވަރާކުރުމަށް މިދިޔަ މަހުގެ ތެރޭގައި މޭނާސްކޫލުގެ އިސްދަރުވަރުންނާއެކު ބޭއްވި ކޮންފަރެންސްއަކަށް ފަހުއެވެ. މި ކޮންފަރެންސްގައި މޭނާސްކޫލުގެ އެހާރާއި މިހާރުގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ. މޭނާސްކޫލަކީ ހޮޅުދޫގެ އިތުރުން ނ. އަތޮޅާއި އަދި ކައިރި ބައެއް އެހެން އަތޮޅުތަކުގެ ދަރިވަރުންވެސް ތައުލީމު ހާޞިލްކޮށްފައިވާ އަދި ތައުލީމީގޮތުންނާއި ތަރުބަވީގޮތުންވެސް ރަންވަނަތައް ހޯދުމުގެ ދިގުމާޒީއެއް އޮތް ސްކޫލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް