މިއަދު ދިވެހި މުޖްތަމައު ނިދިން މި ހޭލީ އަނެއްކާވެސް ހިތާމަވެރި ހަބަރަކަށެވެ. ނުވަ އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ދެ ބެއިން ޖިންސީ ގޯނާ ކުރި ކަމުގެ ހަބަރަށެވެ. އެ ދެބެންނަކީވެސް 18 އަހަރު ނުފުރޭ ކުޑަ ދެކުދިންނެވެ.
މިފަދަ އެތައް ނޭއްގާނީ އަމަލުތަކެއް މި މުޖްތަމައުގައި އަންނަނީ ހިނގަމުންނެވެ. ރޭޕް ކުރުން އިންތިހާއެވެ. މީޑިއާތަކާއި ހަމައަށް ތިލަވަނީ މި ފަދަ ކަންތައްތަކުގެ ތެރެއިން ވަރަށްވެސް މަދު މިންވަރެކެވެ. މިފަދަ ކަންކަން މިވަނީ މި މުޖްތަމައުގައި ހައްދުން ނެއްޓި ކަމުގެ އިންތިހާއަށް ގޮސްފައެވެ.
ގަބޫލު ކުރެވޭ ގޮތުގައި މިފަދަ ކަންކަން ހައްލު ކުރުމަށް އެޅިދާނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ވެބްސައިޓްތައް ބްލޮކް ކުރުމެވެ. މިއީ ހަމަ ގައިމުވެސް ސަރުކާރަކަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. މީގެ ކުރިންވެސް ބައެއް ވެބްސައިޓްތައް ބްލޮކް ކޮށްފައި އެބަ ހުއްޓެވެ. އެގޮތުން ދިވެހި އޮބްޒާވަރ ކިޔާ ވެބްސައިޓަކާއި ހިއްލަތު ބްލޮގާއި އައްޑޫ ލައިވް ބްލޮކް ކޮށްފައިވެއެވެ. ހަމަ އެ ބީދައިން ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ވެބްސައިޓްތައްވެސް ބްލޮކް ކުރެވިދާނެ ނޫންތޯ އެވެ.
ޒަމާން ކުރިއަރާގޮސް އުމުރުން 14، 15 އަހަރުގައި ކުޑަކުދިންގެ އަތަށް އެކުދިންގެ އަމިއްލަ ފޯނު މިހާރު ލިބެއެވެ. ބެލެނިވެރިން އެ ކުދިންނަށް ފޯނު ދެއެވެ. ގޭގައި 24 ގަޑިއިރު އިންޓަނެޓް ލިބެއެވެ. ބޭރުގައި އުޅޭ ހުރިހާ ވަގުތެއްގައި މޯބައިލް ޑާޓާ އަޅައިދީފައި ހުރެއެވެ. އެ ފަދައިން ކަންކަން ކުރަނީ ފަސޭހައަކަށް ކަމުގައި ވެދާނެވެ. ނަމަވެސް އެ ފޯނުގެ ޒަރީއާއި ފަސޭހަ ކަމާއެކު ބަރަހަނާ މަންޒަރުތައް ފެންނަ ވެބްސައިތްތަކަށް ވަނުމުގެ މަގު ފަހިވެގެން ދެއެވެ. ނަމަވެސް ސަރުކާރުން އެފަދަ ވެބްސައިޓްތައް ބްލޮކް ކޮށްފިނަމަ ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިދާނެއެވެ.
ރާއްޖޭގައި އަދި މިކަން ނުކުރި ނަމަވެސް ތަރައްގީވެފައިވާ އެތައް ގައުމެއްގައި އަދި މުސްލިމް އެތައް ގައުމެއްގައި ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ވެބްސައިޓްތައް ހުންނަނީ ބްލޮކް ކޮށްފައެވެ.
ރާއްޖޭގައިވެސް މިފަދަ ވާހަކަތަކެއް ވަރަށް ބާރަށް 2015 ވަނަ އަހަރު ދެކެވުނެވެ. އަދި ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ވެބްސައިޓްތައް ބްލޮކް ކުރުމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒް މުހްސިން އޭރުގެ ހޯމް މިނިސްޓަރަށް އެންގެވިވެސް މެއެވެ. މި އެންގުން އެންގީ ފެބްރުއަރީ 12 2015ގައެވެ.
ބަރަހަނާ މަންޒަރުތައް ފެންނަ ވެބްސައިޓްތައް ބްލޮކް ކުރުމަށް ޓެކްނިކަލް ހައްލެއް ހޯދަމުން އަންނަ ކަމަށް އެ މަހުގެ 23ގައި ހޯމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި 2016ގެ އޮގަސްޓް މަހުގައި އެފަދަ ވެބްސައިޓްތައް ބްލޮކް ކުރާނެ ކަމުގައިވެސް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިއެވެ. ނަމަވެސް އަދި އަދާއި ހަމައަށްވެސް އެފަދަ އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ މިހާތަނަށް ރައްޔިތުންނަށް ހެވާއި ލާބައަށްޓަކައި ކަންތައްތަކެއް ކުރަމުން އަންނަ ސަރުކާރެކެވެ. އެގޮތުން އެއްކަމެއް ގޮތުގައި ފާހަގަކޮށްލެވޭ ކަމަކީ ބުރިޖު އަދި ބައެއް ސަރަހައްދުތަކުގައި ހެލްމެޓް އަޅަން މަޖުބޫރު ކުރި ކުރުމެވެ. ހަމަ އެފަދައިން މިކަންވެސް ކޮށްދެއްވާށެވެ. ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭނެހެން ބްލޮކް ކޮށްދެއްވާ ދިވެހި ޒުވާން ޖީލު ހަލާއްކުގެ ތެރެއިން ސަލާމަތް ކޮށްދެއްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް