ސިޔާސީ މަޝްރަޙުގައި އެހެން މީހުން ވެސް ވާހަކަ ދައްކަނީ ޙަޤީޤަތް ބަލައިގެން ނޫންކަމަށާއި ސިޔާސީގޮތުން އެ ވަގުތެއްގައި ދައްކަން ބޭނުން ވާހަކައެއް ދައްކާނެކަމަށާއި އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓޭ ކިޔައިގެން ދެއްކި ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް ކަމުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
މި ދެބޭފުޅުން މިހެން ވިދާޅުވެފައިވަނީ 18 ފެބުރުއަރީ 2019 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިސްގެ ދެ މެންބަރު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެގި މީހުންނާއި ފައިސާ ހަވާލުކުރި ފަރާތްތައް އެނގޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާތީ އެ ދެމެންބަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.
"އެގޮތުން، 18 ފެބުރުއަރީ 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެ ފަރާތުން ދެއްކި ވާހަކަތަކާއި ގުޅިގެން އޭ.ސީ.ސީގެ ތަޙުޤީޤަށް އޭގެތެރެއިން އެއް ފަރާތުން ދީފައިވާ ބަޔާނުގައި އެ ފަރާތުން ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ ކޮން ބަޔަކަށްކަމެއް އަދި އެ ފައިސާ ކަނޑައެޅިގެން ވަކި ބަޔަކަށް ލިބުނުކަމެއް ވެސް އެ ފަރާތަށް ނޭނގޭކަމަށާއި، އެއީ، ސިޔާސީ ގޮތުން ދައްކާފައިވާ ވާހަކައެއް ކަމަށާއި، އާންމުކޮށް ސިޔާސީ މަޝްރަޙުގައި އެހެން މީހުން ވެސް ވާހަކަ ދައްކަނީ ޙަޤީޤަތް ބަލައިގެން ނޫންކަމަށާއި ސިޔާސީގޮތުން އެ ވަގުތެއްގައި ދައްކަން ބޭނުން ވާހަކައެއް ދައްކާނެކަމަށެވެ. އަދި އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ބެހި ވާހަކަ އެ މެމްބަރަށް އަޑުއިވުނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަމަށާއި، އެ ވާހަކަ ދެއްކީ ސީދާ ކާކުކަމެއް ނުވަތަ ވާހަކަ ދެއްކި އިރު ސީދާ ވަކި މީހަކަށް ފައިސާ ލިބުނުކަމެއް ފާހަގަކުރިކަމެއް ބުނެދޭކަށް ނޭނގޭކަމަށެވެ." އޭސީސީން ބުނެފައިވެއެވެ.
އޭސީސީން ބުނެފައިވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ގުޅިގެން މި ކޮމިޝަނުގެ ތަޙުޤީޤަށް ޙާޒިރުކުރެވުނު ދެވަނަ ފަރާތުން ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ މެންބަރުންނަން ވެސް ލިބުނުކަމަށާއި، ލިބުނީ ކިހާވަރެއްކަމާއި އެ ފަރާތްތަށް އެނގޭކަމަށް ދޭހަވާ މޭރުމުން އޭނާ ދައްކާފައިވާ ވާހަކަތަކަކީ އެ ފައިސާ ލިބުނު މީހުންނާއި އެ ފަރާތްތަކަށް ލިބުނީ ކިހާވަރެއްގެ ފައިސާއެއްކަން އެނގިގެން އޭނާ ދައްކާފައިވާ ވާހަކަތަކެއް ނޫންކަމަށާއި އެއީ އޭނާ ސިޔާސީގޮތުން ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި އެ ވާހަކައަކީ އެކިއެކި މީޑިޔާތަކުގައާއި އެކިއެކި މަރުޙަލާތަކުގައި މީހުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އޭނާ ދައްކާފައިވާ ވާކަތަކެއް ކަމަށާއި، އެއްވެސް މީހަކަށް އެ ފައިސާ ލިބުނުކަމަށް ބުނެ އެއްވެސް މީހަކު ވާހަކަ ދެއްކި އަޑެއް ވެސް އޭނާ ނާހާކަމަށެވެ.
ދެ މެމްބަރުންގެ ވާހަކަތަކަށް ބަލައި އޭސީސީން ބުނެފައިވަނީ ރާއްޖޭގައި ހިނގާފައިވާ އަދި ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދައުލަތުގެ ޒިންމާދާރު މަގާމުތައް އަދާކުރަމުންދާ ފަރާތްތަކުން ސިޔާސީ މަޤުސަދުތަކެއް ޙާސިލްކުރުމުގެ ގޮތުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ދައްކަމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށާއި މިގޮތުން، މީގެ ކުރިންވެސް މިފަދަ ބައެއް ވާހަކަތަކާ ގުޅިގެން ކޮމިޝަނަށް ޙާޒިރު ކުރެވުނު ބައެއް ފަރާތަކުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެމެ، އެކަށީގެންވާ މިންވަރަށް މަޢުލޫމާތު ހޯދުމެއްނެތި، ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ދައްކާފައިވާކަން މި ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ.
މިފަދަ ކޮންމެ މައްސަލައެއްގެ ތަހުޤީޤަށް އެ ފަރާތްތަކުން ޙާޒިރުކުރުމުން މިކޮމިޝަނަށް ދިފައިވާ މައުލޫމާތުތަކުން އެވާހަކަތައް ދައްކާފައިވަނީ ޒިންމާދާރުކަން ކުޑަގޮތެއްގައިކަމާއި އެއްވެސް މައްސަލައެއްގެ ތަޙުޤީޤު ކުރިޔަށް ގެންދެވޭވަރަށް މަޢުލޫމާތު ދީފައިނުވާކަން ވަނީ ފާހަގަކުރެވިފައި ކަމަށާއި އެހެންކަމުން ރައްޔިތުންގެ އިތުބާރު ހިފޭ މިފަދަ މަގާތަކުގައި ތިބޭ ފަރާތަކުން ދައްކާ ވާހަކަތަކީ ވަކި ބަޔެއްގެ މަސްލަހަތު ހިމާތަތްކުރުމަށް އަދި ސިޔާސީ ގޮތުން ވަކިފާއިދާ އެއް ޙާސިލްކުރުމަށް ދައްކާވާހަތަކަކަށް ނުހެދުމަށާއި ޒިންމާދާރުކަމާއެކު ވާހަކަތައް ދެއްކުމަށާއި ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކުރާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް