ހައްޖު ކޯޓާ ބާތިލުކުރަން ސިސިލްފަރުން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށަނީ

މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހައްޖު ކޯޓާ ކަނޑައެޅިގޮތް ބާތިލުކޮށްދިނުމަށް އެފަދަ ޖަމާއަތެއް ކަމުގައިވާ ސިސިލްފަރުން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަ...

18 May 2019 | 09:04

މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހައްޖު ކޯޓާ ކަނޑައެޅިގޮތް ބާތިލުކޮށްދިނުމަށް އެފަދަ ޖަމާއަތެއް ކަމުގައިވާ ސިސިލްފަރުން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ސިވިލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

އެގޮތުން މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާގެ 11 ޖަހާއިރަށެވެ.

މި އަހަރު ހައްޖަށް ގެންދިއުމަށް ހުއްދައަށް އެދި 18 ކުންފުނިން ހުށަހެޅިއެވެ. ނަމަވެސް ހުއްދަ ދީފައިވަނީ ހަ ކުންފުންޏަކަށެވެ. އެ ހަ ކުންފުންޏަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑާއި ތަޒްކިއާ ޕްރައިވެޓް ލިމިޓެޑާއި ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑާއި އެކްރޯ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލް ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.

މި މައްސަލައިގާ ސިސިލްފަރުން ދައުވާ ކުރަނީ ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވަނީ ކުންފުނިތަކަށް މައުލޫމާތު ދިން ގޮތާއި ހިލާފަށް ކަމަށް ބުނެއެވެ. ދައުވާގައި ސިސިލްފަރުން އެދިފައިވަނީ ހަ ޖަމާއަތަކަށް ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ނިންމުން ބާތިލުކޮށްދިނުމަށެވެ. މީގެ އިތުރުން އެ މައްސަލަ ކޯޓުން ނިމެންދެން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމުގެ ކަންކަން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށްވެސް އެދިފައިވެއެވެ.

މިކަމާއި މެދު އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިނުމުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެ ކަމަށެވެ.

ސިސިލްފަރުން އިސްލާމިކް މިނިސްޓްރީ ދެކޮޅަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށަނީ ދެފަރާތުގެ މެދުގައި ސުލްހަވެރި ހައްލެއް ހޯދަން ކުރި މަސައްކަތުން ހައްލެއް ނުލިބުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް