ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ބްރޭންޑްގެ ލިސްޓުން އުރީދޫ އަނެއްކާވެސް ކުރިއަށްޖެހިލައި އިތުރު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.
އެ ލިސްޓުގައި ކޮންމެ އަހަރަކު ކުރިއެރުން ހާސިލު ކުރަމުން އަންނަ އުރީދޫ މިދިޔަ އަހަރު އޮތީ 43 ވަނައިގަ އެވެ. މި އަހަރު 41 ވަނައަށް އަރާފައިވާއިރު އުރީދޫގެ ބްރޭންޑް ވެލިއު ވަނީ 12 އިންސައްތައިގެ ކުރިއެރުމަކާއެކު 3.7 ބިލިއަން ޑޮލަރަށް އަރާފައެވެ.
މި ލިސްޓަކީ އެކި ޝިނާއަތްތައް ގިންތި ކުރާ "ބްރޭންޑް ފައިނޭންސް" އިން އެކުލަވާލާފައިވާ ޓެލެކޮމް 300، 2019 އާއެކު ގިންތިކޮށް އެކުލަވާލާފައިވާ ލިސްޓެކެވެ. މި ލިސްޓަކީ 2014 އިން ފެށިގެން ކޮންމެ އަހަރަކު ނެރެމުން އަންނަ ލިސްޓެކެވެ.
މި ކާމިޔާބީއާއި ބެހޭގޮތުން އުރީދޫ ގްރޫޕްގެ ސީއީއޯ ޝެއިހް ސައުދު ބިން ނާސިރު އަލް ތާނީ ވިދާޅުވީ މި ކާމިޔާބީ ލިބިފައިވަނީ އެ ކުންފުނީގައި އޮތް ވަރުގަދަ ޓީމުގެ މަސައްކަތުން ކަމަށެވެ. ކަސްޓަމަރުން ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމް ކުރުމުގައި އެ ކުންފުނިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މި ކާމިޔާބީއާއެކު އޭނާ ވަނީ ދެއްވާފަ އެވެ.
ގަތަރަށް ނިސްބަތްވާ އުރީދޫން އަންނަނީ ޖުމްލަ 10 ގައުމެއްގައި މުއާސަލާތީ ހިދުމަތް ދެމުންނެވެ. ރާއްޖޭގެ މުއާސަލާތީ ދާއިރާއަށްވެސް އުރީދޫން ވަނީ ބޮޑު އިންގިލާބެއް ގެނުވާފައެވެ.
ޓެލެކޮމިއުނިކޭޝަން ދާއިރާގައި އުރީދޫއިން ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާއިރު އުރީދޫގެ ބްރޭންޑް ރޭޓިން ވަނީ "އޭއޭ ޕްލަސް" އަށް އަރާފައެވެ. މި ރޭޓިން އަކީ ބައިނަލްއަގްވާމީ އެންމެ ވަރުގަދަ ބްރޭންޑްތަކަށް ލިބޭ ރޭޓިންއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް