ފަލަސްތީނުގެ ގާޒާ ބޯޑަރު ސަރަހައްދުގައި އިޒްރާއީލް ސިފައިން ފަލަސްތީނުގެ އާންމު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލް އާންމުގައި ހާލުގައި ޖެހެމުންދާ އާއިލާތަކަށް އެހީވުމަށް ރާއްޖޭގައި ކެމްޕެއިނެއް ފަށައިފި އެވެ.
މީގެ ކުރިންވެސް ގާޒާ އަށާއި ރޮހިންޖާގެ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް ކެމްޕެއިން ހިންގި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން ފަށާފައިވާ މި ހަރަކާތުގައި ގާޒާގައި ހާލުގައި ޖެހިފައިވާ 1،000 އާއިލާއަށް ކެއުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ. އެޖަމިއްޔާއިން ބުނީ މިފަހަރުގެ ކެމްޕެއިންގައި ފުރުސަތު ހުޅުވާލާފައިވަނީ ފައިސާގެ އެހީ ދިނުމަށް ކަމަށެވެ.
"ލޯތްބާއި އެކު ގާޒާގެ ރައްޔިތުންނަށް" މި ނަމުގައި ފަށާފައިވާ ކެމްޕެއިނަށް އެހީވުމަށް ބޭނުންވާ ފަރާތްތަކުން ޖެހެނީ 20 ޑޮލަރު ނުވަތަ އެ އަދަދަށް ވާ ދިވެހި ފައިސާ ހަދިޔާ ކުރާށެވެ. އެ ޖަމިއްޔާއިން ބުނީ އެ އެހީގެ ސަބަބުން ގާޒާގައި ހާލުގައި ޖެހިފައިވާ ކޮންމެސް އާއިލާއަކަށް ކޮންމެ ދުވަހަކު ކެއުން ހަމަޖެހިގެންދާނެ ކަމަށެވެ.
އެ ޖަމިއްޔާއިން ނިންމާފައިވަނީ މި ކެމްޕެއިންގައި ލިބޭ ފައިސާ އެއްފަހަރާ ފޮނުވާގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި ފައިސާ ލިބޭވަރަކުން ކޮންމެ 5،000 ޑޮލަރަކުން ގާޒާއަށް ފައިސާ ފޮނުވާގޮތަށެވެ.
މި ހަރަކާތުން ލިބޭ ފައިސާ އެ ޖަމިއްޔާއިން ހަވާލު ކުރަނީ ފަލަސްތީނުގެ ގާޒާގައި ހަރަކާތްތެރިވާ އަލް ފަލާހު ބިނެލޮވެންޓް ސޮސައިޓީއާއި އެވެ. އެ ޖަމިއްޔާއިން މި ފައިސާއިން ގަންނާނެ ކާބޯ ތަކެތީގެ ތެރޭގައި ޓޮމާޓޯއާއި، ކިއުކަމްބާއާއި، އަލުއްވާއި، ކެބެޖާއި، ކުކުޅާއި، ކުކިން އޮއިލްގެ އިތުރުން ޕާން ހިމެނެ އެވެ.
ކެމްޕޭނަށް އެހީތެރިވުމަށް:
ބީއެމްއެލް އެކައުންޓް ނަންބަރު: 7770000014818 (އެހީ ޖަމިއްޔާ)
ޑޮލަރު އެކައުންޓް ނަންބަރު: 7770000014817 (އެހީ ޖަމިއްޔާ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް