އިޒްރާއީލްގެ ވެރިރަށަކީ ގުދުސް ކަމަށް ކަނޑައަޅައި އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރިތާ ތިން ދުވަސް ފަހުން އިތުރު ގައުމަކުން އިޒްރާއީލްގެ އެމްބަސީ ގުދުސްއަށް ބަދަލުކޮށްފި އެވެ.
ގުއަޓެމާލާއިން އިސްރާއީލުގެ ޓެލްއަވީވްގައި ހުންނަ އެމްބަސީ ގުދުސްއަށް ބަދަލުކޮށް އިއްޔެ ވަނީ ރަސްމިއްޔާތު ބާއްވާފައި އެވެ. މި ރަސްމިއްޔާތުގައި އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ބައިވެރިވި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ގުއަޓެމާލާގެ އިތުރުން ލެޓިން އެމެރިކާގެ ގައުމެއް ކަމަށްވާ ޕެރަގުއޭ އާއި އިރުމަތީ ޔޫރަޕްގެ ގައުމެއް ކަމަށްވާ ރުމޭނިޔާއިން ވަނީ ޓެލްއަވީވްގައި ހުންނަ އެ ގައުމުތަކުގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރަން ނިންމާފައި އެވެ.
މި ތިން ގައުމަކީވެސް އެމެރިކާގެ އެހީގެ މައްޗަށް ބަރޯސާވެ އަދި އެމެރިކާގެ ބާރާއި ނުފޫޒު ބޮޑު ދެގައުމެވެ. އަދި ޔަހޫދީ ޒަޔަނިސްޓް ވިޔަފާރިވެރިންގެ ބާރާއި ނުފޫޒުވެސް މިތިން ގައުމުގައި ވަރަށް ބޮޑެވެ.
މިތިން ގައުމުގެ އިތުރުން އެމެރިކާގެ ނުފޫޒު ގަދަ އިތުރު ގައުމުތަކެއް ގުދުސްއަށް އެ ގައުމުތަކުގެ އެމްބަސީ ބަދަލު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ގުދުސްގައި އެމެރިކާ އެމްބަސީ ހުޅުވި ދުވަހު ފަލަސްތީން ރައްޔިތުންނާއި އިޒްރާއީލް ސިފައިންނާ ދެމެދު ހިންގަން ފެށި ހަމަނުޖެހުންތަކާއި ގުޅިގެން އެ ރަސްމިޔާތުގައި ބައިވެރިވި ބައެއް ގައުމުތަކުން ވަނީ ގުދުސްއަށް އެމްބަސީ ބަދަލު ކުރުމަކީ ވަރަށް ވިސްނަން ޖެހޭ ކަމެއް ކަމަށާ އެއީ ބިރުވެރި ކަމެއް ކަމަށް ބުނެފަ އެވެ.
އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވުމާއި ގުޅިގެން ގާޒާ ބޯޑަރު ކައިރީގައި ހިނގަމުންދާ ހަމަނުޖެހުންތައް އަދިވެސް ދަނީ ކުރިއަށެވެ. މި ހަމަނުޖެހުންތަކުގައި މިހާތަނަށް އިޒްރާއީލް ސިފައިން ވަނީ ފަލަސްތީނުގެ ކުށެއް ނެތް 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް