ޑެލިވަރީ ކުރާ މީހާއާ ސީދާ ބައްދަލުވެގެން ނުވާނެ، ކޮތަޅު ވަގުތުން އެއްލާލާ: އެޗްޕީއޭ

މާލެ ލޮކްޑައުން ކޮށްފައިވާ މިހާލަތުގައި ގޭގެއަށް ތަކެތި ޑެލިވަރީ ކުރާ ފަރާތްތަކާއި ގޭގައި ދިރިއުޅޭ މީހުންނާއި ސީދާ ބައްދަލުވެގެން ނުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ...

18 Apr 2020 | 10:02

މާލެ ލޮކްޑައުން ކޮށްފައިވާ މިހާލަތުގައި ގޭގެއަށް ތަކެތި ޑެލިވަރީ ކުރާ ފަރާތްތަކާއި ގޭގައި ދިރިއުޅޭ މީހުންނާއި ސީދާ ބައްދަލުވެގެން ނުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކެއްގައި ބުނެފައިވަނީ ޑެލިވަރީ ކުރާ ތަކެއްޗަށް ފައިސާ ދެއްކުމުގައި ކޭޝް ކާޑު ނުވަތަ އޮންލައިކޮށް ފައިސާ ދެއްކުން މުހިންމު ކަމަށެވެ. އަދި ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުން ޑެލިވަރީ ކުރަން ފޮނުވައިގެން ނުވާނެ ކަމަށެވެ.

ޑެލިވަރީ ކުރާ ތަކެއްޗާއި ހަވާލުވުމަށް ތަކެތި ހިފައިގެން އަންނަ މީހާ މަތީ ފްލޯތަކަށް އެރުވުމުގެ ބަދަލުގައި ތަކެތި ބަހައްޓަން ގޭގެ އެންމެ ތިރީގައި މޭޒެއް ފަދަ އެއްޗެއް ބަހެއްޓުން މުހިންމު ކަމަށެވެ. އެޗްޕީއޭއިން ބުނީ މިފަދަ އިންތިޒާމެއް ހަމަޖެއްސުން މުހިންމީ ތަކެތި ހިފައިގެން އަންނަ މީހާ އާއި ސީދާ ބައްދަލު ނުވުމަށެވެ.

އެޗްޕީއޭގެ މައުލޫމާތުތަކުގައި ވާގޮތުގައި ތަކެއްޗާއި ހަވާލުވުމަށް ފަހު ވީހާވެސް އަވަހަކަށް ތަކެތި އަޅާފައި ހުންނަ ކޮތަޅު ގޭތެރޭގައި ނުގެންގުޅެ ރައްކާތެރި ގޮތަކަށް ޑަސްޓްބިނަށް ލާންވާނެ ކަމަށެވެ. އަދި އަވަހަށް ސައިބޯނި ލައިގެން އަތް ދޮންނަން ވާނެ ކަމަށެވެ.

މާލޭ ލޮކްޑައުން ކުރުމާއި ގުޅިގެން އާންމުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ހުރިހާ ފިހާރަތަކަށް ވަނީ24 ގަޑިއިރު ޑެލިވަރީ ކުރުމުގެ ހުއްދަ ދީފައި އެވެ. އަދި ރެސްޓޯރެކްޓް ކެފޭ ތަކަށްވެސް އެ ހިދުމަތް ދެވެ އެވެ.

މިހާތަނަށް މާލެއިން12 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވާއިރު މާލޭގައި ވައިރަހުގެ ލެވަލް ވަނީ ރަތަށް ބަދަލު ކޮށްފައި އެވެ. އެއީ ގައިންގަޔަށް ބަލި ފެތުރެމުންދާތީ އެވެ.

އެހެންވެ އެޗްޕީއޭއިން ދަނީ ކިތަންމެ މުހިންމު ބޭނުމެއްގައި ވިޔަސް ގެއިން ނުނިކުތުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް