ޕޮސިޓިވްވުން މައްސަލައެއް ނޫން، މައްސަލައަކީ ގުޅުން ހުރި މީހުން ބުނެދިނުން ލަސްކުރުން: ޑރ. ނަޒްލާ

މާލެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ފަރާތުން ގުޅުން ހުރި މީހުންގެ މައުލޫމާތު ހޯދުން ވެފައިވަނީ ވަރަށް އުނދަގޫ ކަމަކަށް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އެޗްޕީއޭގެ މެޑިކަލް އޮފިސަރު ...

18 Apr 2020 | 03:47

މާލެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ފަރާތުން ގުޅުން ހުރި މީހުންގެ މައުލޫމާތު ހޯދުން ވެފައިވަނީ ވަރަށް އުނދަގޫ ކަމަކަށް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ގުޅުން ހުރި މީހުންގެ މައުލޫމާތު ނުދީ ބައެއް ފަރާތްތަކުން ގަޑި ދެގަޑިއިރު ހޭދަ ކުރާ ކަމަށެވެ. އަދި އެ ލިބޭ މައުލޫމާތު ތަކަށް ބަލައި އެތައް ބަޔަކަށް ގުޅަން ޖެހޭއިރު ޕޮސިޓިވްވާ މީހާ ބައްޔަށް ހުށަހެޅިފައި ތިބި މީހުންގެ މައުލޫމާތު އަވަހަށް ދިނުމަކީ މާލޭގައި އިތުރަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވަނީ މާލެއިން ޕޮސިޓިވްވާ މީހުން ފެންނަން ފެށިފަހުން ބޭއްވި ހުރިހާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް މިކަަމަށް އެތައް ފަހަރަކު އާދޭހާއި އެކު އެދިވަޑައިގެންފަ އެވެ. މަސައްކަތް އަވަސްކޮށް ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ވީހާވެސް އަވަހަކަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ބައްދަލުވި މީހުންނާއި ދިޔަ ތަންތަނުގެ މައުލޫމާތު އެޗްޕީއޭއާއި ހިއްސާކޮށްގެން ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޯވިޑް-19 ޖެހުމަކީ މައްސަލައެއް ކަމަށް އެއްވެސް މީހަކު ދެކިގެން ނުވާނެ ކަމަށެވެ. އެ ބައްޔަކީ އާންމުންގެ ތެރޭގައި މިހާރު ފެތުރެމުންދާ ބައްޔަކަށް ވާތީ ޕޮސިޓިވްވާ މީހުން އެއްބާރުލުން ދީ މިކަމުން ސަލާމަތްވުމަށް އެހީތެރިވެދޭން ޖެހޭ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޕޮސިޓިވްވާ މީހުންނާއި ގުޅުން ހުރި މީހުންގެ މައުލޫމާތާއި އެއްވަރަށް ގުޅުން ހުރެގެން ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ފަރާތުން އެމީހުން ގުޅުން ބާއްވާފާއިވާ ފަރާތްތަކުންގެ މައުލޫމާތު ހޯދުންވެސް އެހާ އުނދަގޫ ކަމަށެވެ.

ފަހަރުގައި ޕޮސިޓިވްވާ މީހުން ގުޅުން ހުރި މީހުންގެ މައުލޫމާތު ދޭން ފަސް ޖެހެނީ ސިއްހީ ހިދުމަތްތެރިން ގޭގައި ތިބެން ދިން އިރުޝާދުތަކަށް ބޯލެނބިފައި ނުވުމާއި ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީއަށް ދާން ޖެހިދާނެތީ ކަމަށް ވެދާނެ އެވެ.

މިހާތަނަށް މާލެއިން ނުވަ މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު އޭގެ ތެރެއިން ހަ މީހުންނަކީ ފުރަތަމަ ޕޮސިޓިވްވި މީހާ އާއި ގުޅުން ހުރި މީހުންނެވެ. އެމީހުން ވަނީ މަސް ދަތުރު ގޮސް ޕާޓީކޮށް ގިނަ ބަޔަކު އެކުވެގެން ގިނަ ހަރަކާތްތަކެއް ހިންގާފައި އެވެ.

އެމީހުންނާއި ގުޅުން ހުރި މީހުންގެ ގޮތުގައި304 މީހަކު ކަރަންޓީން އާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި އިރު އޭގެ ތެރެއިން158 މީހުންނަކީ މި މީހުންނާއި ސީދާ ގުޅުން ހުރި ބަލީގެ އަލާމާތްތަކާއި އެކު ބަލި ޖެހިފައިވާ ކަމަށް ބެލެވޭ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް