އިންޑިއާގައި ޓިކްޓޮކް ބްލޮކް ކުރީ ސަބަބުތަކެއް ނެތިއެއް ނޫން – ކަން ހިނގާ ދިޔަ ގޮތަކީ މީ

އަވަށްޓެރި އިންޑިއާގައި އެކަންޏެއް ނޫނެވެ. މި ކުޑަ ކުޑަ ރާއްޖޭގައިވެސް ޓިކްޓޮކް ވަނީ ވައިގާ ހިފާފައެވެ. ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ޓިކްޓޮކްގެ އަވައިގާ ޖެހިފައެވެ. ރާއްޖޭގައިވެސް ޓިކްޓޮކް މަނ...

18 Apr 2019 | 14:41

އަވަށްޓެރި އިންޑިއާގައި އެކަންޏެއް ނޫނެވެ. މި ކުޑަ ކުޑަ ރާއްޖޭގައިވެސް ޓިކްޓޮކް ވަނީ ވައިގާ ހިފާފައެވެ. ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ޓިކްޓޮކްގެ އަވައިގާ ޖެހިފައެވެ.

ރާއްޖޭގައިވެސް ޓިކްޓޮކް މަނާކުރަންޖެހޭ ކަމުގެ އަޑު ގަދަވެފައިމިވަނީ އަވަށްޓެރި އިންޑިއާގައި ޓިކްޓޮކް ބްލޮކް ކުރުމުންނެވެ. އިންޑިއާގައި ޓިކްޓޮކް ބްލޮކް ކުރީކީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ހަމަ ކުއްލިއަކަށްވެސް ނޫނެވެ. ކަން ހިނގާ ދިޔަ ގޮތާއި މަގު ތިރީގައި އެވަނީއެވެ.

17 އޮކްޓޯބަރު 2018 – އުމުރުން 24 އަހަރުގެ ޗެންނާއީ ރައްޔިތަކު ޓިކްޓޮކާހެދި އަމިއްލައަށް މަރުވި. އޭނާ މަރުވީ އަންހެން ހެދުން އަޅައިގެން އޭނާ އަޕްލޯޑު ކުރަމުންދިޔަ ވީޑިއޯތަކަށް މީހުން އިންތިހާއަށް ފާޑުކިޔަން ފެށުމުން.

01 ޖަނަވަރީ 2019 – އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމުގައިވާ ޕައްޓާލީ މައްކަލް ކާޗީ ޕާޓީގެ ފައުންޑަރު، ޓިކްޓޮކް އިންޑިއާގައި ބްލޮކް ކޮށްދިނުމަށް އެދި ސަރުކާރު ކުރެން އެދުނު. އޭނާ އެކަމަށް އެދުނީ ބަރަހަނާ މަންޒަރުތައް ޓިކްޓޮކުން ހުރަހެއްނެތި ފެންނާތީ ޒުވާނުން އޭގެ އަވައިގާ ޖެހި ޒުވާނުން ގޯސް މަގުން ގޮސްދާނެތީ.

11 ފެބްރުއަރީ 2019 – ތަމިލްނާޑޫގައި ޓިކްޓޮކް ބްލޮކްކުރާނެކަން ތަމިލްނާޑޫގެ އައިޓީ މިނިސްޓަރު އިއުލާނުކުރި އަދި އެކަން ކުރިވެސްމެ، އޭނާ އެކަން ކުރީ ބަރަހަނާ މަންޒަރުތައް ޓިކްޓޮކުން ފެންނަ ކަމަށް ބުނެ.

22 ފެބްރުއަރީ 2019 – ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި އިންޑިއާގައި ކޮލެޖު ދަރިވަރަކު މަރުވެ އިތުރު ދެ ދަރިވަރަކު ވަރަށް ބޮޑަށް ޒަހަމްވި. މި ހާދިސާ ހިނގީ ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި ލޮރީއަކުން ޖެހި.

01 އޭޕްރީލް 2019 – މުއްތު ކުމާރު ނަމަކަށް ކިޔާ ވަކީލަކު މެޑްރާސްގެ ހައި ކޯޓަށް ޓިކްޓޮކް މައްސަލަ ވެއްދި، އޭނާވެސް ފާހަގަކޮށްފައިވަނީ ޓިކްޓޮކުން ބަރަހަނާ މަންޒަރު ދައްކުވާ ކަމަށް އަދި ކުޑަކުދިންނާ ނުގުޅޭ އެތައް މަންޒަރެއް ދައްކަމުން އަންނައިރު ކުޑަކުދިން ޓިކްޓޮކް ބޭނުން ކުރަމުން އަންނަ ކަމަށް.

03 އޭޕްރީލް 2019 – އިންޑިއާގައި ޓިކްޓޮކް މަނާކުރަން މަޑްރާސް ހައި ކޯޓުން އިންޑިއާގެ ސަރުކާރަށް އެންގި

12 އޭޕްރީލް 2019 – ޓިކްޓޮކްގެ އާންމު އުސޫލާ ހިލާފު ހަ މިލިޔަނަށްވުރެ ގިނަ ވީޑިއޯ ފޮހެލާފައިވާނެކަމަށް ޓިކްޓޮކުން ބުނި

13 އޭޕްރީލް 2019 – ރަހުމަތްތެރިންތަކަކާއެކު ބަޑިއެއް ހިފައިގެން ޓިކްޓޮކް ވީޑިއޯއެއް ހަދަން އުޅުމުގެ ތެރޭގައި އިންޑިއާގެ 19 އަހަރުގެ ފިރިހެނަކު މަރުވި، އޭނާ މަރުވީ އެ ބަޑީގެ ވަޒަން އޭނާގެ ބޮލަށް އަމާޒުވެގެން

15 އަދި 16 އޭޕްރީލް 2019 – މެޑްރާސް ހައި ކޯޓުގެ ނިންމުމާއެކު އެގައުމުގައި ޓިކްޓޮކް އެއްކޮށް މަނާ ނުވާކަމަށާއި އެ މައްސަލަ އަދިވެސް ކުރިއަށްދާކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ބުނި، ނަމަވެސް އިންޑިއާ ރައްޔިތުންނަށް ޓިކްޓޮކް ޑައުންލޯޑް ނުކުރެވޭ ގޮތަށް ގޫގަލް އަދި އެޕަލް އިން ނިންމި. ޓިކްޓޮކް މައްސަލައިގާ ސުޕްރީމް ކޯޓުގެ ނިންމުން މި މަހުގެ 22 ގައި.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް