ހަތް ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިން ކޯހުގެ ބައިވެރިންނަށް ކަނޑުއަޑީގައި ބެޖު ހަވާލުކޮށްފި އެވެ.
މި ކޯހުގެ ބައިވެރިންނަށް ކަނޑުއަޑީގައި ބެޖު ހަވާލުކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ އަބްދުﷲ ޝަމާލެވެ.
މިއަދު އެމްއެންޑީއެފް ގިރިފުށި ޓްރޭނިން ސެންޓަރުގައި ދަސްވެނިވުން ބާއްވާފައިވާއިރު މި ކޯހަކީ ރާއްޖެ އިން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގި ކޯހެކެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވާފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އެވެ.
އެގޮތުން ހަތް ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިން ކޯހުގެ ބެސްޓް އޯލް ރައުންޑަކަށް ހޮވިފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ލާންސް ކޯޕްރަލް އިޝާގް ރަޝީދެވެ.
އަދި މި ކޯހުގެ ފިޓެސްޓް ޑައިވަރުގެ މަގާމް އެމްޑީޔޫ ދޭއްގެ ލާންސް ކޯޕްރަލް މިފްތާހް އިބްރާހީމް ހޯދާފައިވާއިރު ކޯހުގެ ބެސްޓް ފޮރިން ކެޑޭޓަކަށް ހޮވިފައި ވަނީ ސްރީލަންކާގެ ލާންސް ކޯޕްރަލް ޗަތުރަންގާ އެލްއޭއެސް އެވެ.
މީގެއިތުރުން ކޯހުގެ ފަސްޓް އިން މެރިޓަކަށް ހޮވިފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ލާންސް ކޯޕްރަލް ހަސަން ޢަލީ އެވެ.
މި ކޯސް ފަށާފައިވަނީ މިދިޔަ ޖަނަވަރީ 14 ވަނަ ދުވަހުއެވެ.
މި ކޯހަކީ 16 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯހެކަށް ވާއިރު، އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގި އެ ކޯހުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައި ވަނީ 19 ދަރިވަރުންނެވެ.
އަދި ބޭރު އަސްކަރިއްޔާތަކުން އަށް ސިފައިން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ނޭޕާލް އާމީގެ ސިފައިންގެ ބޭކަލަކާ އިންޑިއާ ކޯސްޓްގާޑުގެ ސިފައިންގެ ބޭކަލެއްގެ އިތުރުން ސްރީލަންކާގެ ހަ ސިފައިންގެ ބޭކަލުން ހިމެނޭއިރު އެމްއެންޑީއެފް ކޯސްޓްގާޑުގެ 13 ސިފައިން އެ ކޯހުގައި ބައިވެރިވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް