ދައުލަތުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ދޭއިރު، އާސަންދައިގެ ތެރެއަށްވެސް އިންތިހާ ދަރަޖައަށް ކޮރަޕްޝަން ވަދެފައި ވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ޢިއްޒަތްތެރިންގެ ސަމިޓް އިފްތިތާޙް ކުރެއްވުމުގެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަނުގެ ސަބަބުން، ދައުލަތުގެ ބަޖެޓުން ވަރަށް ގިނަ ފައިސާތަކެއް އިސްރާފުވެގެން ދާކަމަށާއި، މިއީވެސް ޞިއްޙީ ޚިދުމަތުގެ ނިޒާމު ތަރައްޤީ ކުރުމަށް މަޝްވަރާ ކުރައްވާއިރު ޙައްލު ހޯދަންޖެހޭ ކަންތައްތައް ކަމުގައެވެ. އަދި މިކަންކަން ހުއްޓުވުމުގައި އާންމު ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާ ކަމަށާއި، ލަންކާ، އިންޑިޔާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިން، ހިލޭ ބޭސްފަރުވާ ކުރުމަށްޓަކައި "މެރަނާ"ގެ ނަމުގައި، މި މަހުގެ ތެރޭގައި ސަރުކާރުން ވަނީ، އާސަންދަ ސްކީމެއް ތަޢާރުފުކޮށްފައި ކަމަށެވެ. އަދި މިފަދަ ސްކީމްތަކުގެ ބޭނުން ހިފުމުގައިވެސް ޒިންމާދާރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދޅުވީ، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް ތަރައްޤީ ކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ތިޔަބޭފުޅުންގެ (ކުރީގެ ހެލްތް މިނިސްޓަރުންނަށް އިޝާރާތް ކުރައްވަމުން) ތަޖުރިބާގެ އަލީގައި ލަފަޔާއި އިރުޝާދު ދެއްވާނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވާ ކަމުގައެވެ. އަދި ކުރީގެ ހެލްތް މިނިސްޓަރުންގެ ޚިދުމަތުގެ ދުވަސްވަރު ރައްޔިތުންގެ ޢާންމު ޞިއްޙަތާއި ދުޅަހެޔޮކަމުގައި، ރާއްޖެ ވަނީ ކުރިއެރުންތަކެއް ޙާޞިލުކޮށްފައި ވާކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
މި ސަމިޓުމިއަދު ހަވީރުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާ ކުރި އެރުވުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ކާމިޔާބީތަކައް ބަލައި، ރާއްޖޭގެ ސިއްހީ ދާއިރާގެ ދުރު ރާސްތާ ބައްޓަން ކުރުމަށް މަޝްވަރާތައް ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް