127 ވަނަ ސިފައިންގެ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން މާލެ ސިޓީގައި މާދަމާ ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުމުގައި، ސިފައިންގެ ބައެއް އުޅަނދުތައް ދައްކާލުމަށް ހަމަޖެހިއްޖެއެވެ.
މާދަމާ ހަވީރު 16:00 ގައި މާލެ ގައި ބާއްވާ މި ހިނގާލުމުގައި، 8 ގެމަ ބައިވެރިވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި ޝަރަފުގެ ހިނގާލުމުގެ ލަޝްކަރުގެ ފޯރމޭޝަންގައި، އެމްއެންޑީއެފް ކޯސްޓްގާޑް، މެރިންކޯ، ޑްރިލް ޓީމް، އެމްއެންޑީއެފް ބްރާސް ބޭންޑް، ސަޕޯރޓް ސަރވިސް، ސްޕެޝަލް ފޯސެސް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ހިމެނޭނެއެވެ. މި ގެމަތަށް ބައިވެރިވަމުންދާނީ އެބަޔަކަށް ޚާއްޞަ ކުރެވިފައިވާ ޔުނިފޯރމުގައި ކަމަށާއި، މި ހިނގާލުމުގައި އަންހެން ސިފައިންނަށް ޚާއްޞަ ގެމައެއް ވެސް ހިމެނޭނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ސިފައިންގޭގައި މިހާރު ބޭނުންކުރާ ބައެއް އުޅަނދުތަކުގެ ތެރެއިން ފަޔަރ ވެހިކަލްތަކާއި، ސްޕެޝަލް ފޯސަސްގައި ބޭނުންކުރާ ބައެއް އުޅަނދުތައް މި ހިނގާލުމުގައި ދައްކާލުމަށް ވަނީ ހަމަޖެހިފައިވެއެވެ.
އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، މި ޝަރަފުގެ ހިނގާލުން ހުއްޓުމަށް ހަމަޖެހިފައިވާ ފުރަތަމަ ތަނަކީ މުލިއާގެ ސަރަހައްދު ކަމަށާއި، މި ހުއްޓުމުގައި ބޭންޑުގައި ބޮޑުބެރާއި އެކު ފުނަޖެހުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން، ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމަތި، މަޖީދީ މަގާ ފާށަނާ ކިލޭގެ މަގު ގުޅޭ ކަންމަތި، މާފަންނު ސަހަރާ ޕާކިން ޒޯން ކައިރި އަދި އިއްޒުއްދީން މަގާ އާޒާދީ ހިންގުން ގުޅޭ ކަންމައްޗަށްވެސް ހުއްޓާނެއެވެ. ކޮންމެ ހުއްޓުމެއްގައިވެސް ސިފައިންގެ ބޭންޑުގައި ރީތި އެކި ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ ބަންޑާރަކޮށިން ނިކުމެ އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް ގޮސް، މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް ގޮސް، ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް، މަޖީދީ މަގުން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުގެ ދެކުނަށް އަޅައި އަމީނީ މަގުން އިރަށް ގޮސް، އިއްޒުއްދީން މަގުން ދެކުނަށް ގޮސް، ކަޅުތުއްކަލާ ކޮށްޓަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް