އެނަރޖީ އެފިޝަންސީ ބިލްޑިންގ ގައިޑްލައިން ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އިމާރާތްކުރުމުގައި ގެންގުޅޭނެ ހަކަތަ ސަމަކާރަ ގައިޑްލައިނެއް ތައްޔާރު ކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާއިއެކު ބާއްވާ އިންސެޕްޝަން ވަރކްޝޮޕް އެންވަޔަރަންމަންޓް މިނިސްޓްރީން އިއްޔެ ބާއްވައިފިއެވެ. ޝީ ބ...

18 Apr 2019 | 07:20

އިމާރާތްކުރުމުގައި ގެންގުޅޭނެ ހަކަތަ ސަމަކާރަ ގައިޑްލައިނެއް ތައްޔާރު ކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާއިއެކު ބާއްވާ އިންސެޕްޝަން ވަރކްޝޮޕް އެންވަޔަރަންމަންޓް މިނިސްޓްރީން އިއްޔެ ބާއްވައިފިއެވެ.

ޝީ ބިލްޑިންގގައި ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި، ކަމާއި ގުޅުންހުރި ވުޒާރާތަކާއި، ކުންފުނިތަކާއި ޖަމްޢިއްޔާތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާއި މުޚާތަބު ކުރައްވާ މިނިސްޓްރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވީ، އާންމުންނާއި ސަރުކާރުން ކަރަންޓަށް ކުރާ ބޮޑު ހޭދަ ކުޑަކުރުމަށް އަޅުގަނޑުމެންގެ ތެރޭގައި ހަކަތަ ސަމަކާރަ ގޮތްތައް އަށަގެންނެވުމަކީ ކޮންމެހެން ލާޒިމްކަމެއް ކަމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ސްޕެޝަލިސްޓް ޚަދީޖާ ނަސީމް ވިދާޅުވީ، މިނިސްޓްރީގެ ފަރާތުން ތައްޔާރުކުރާ އިމާރާތްކުރުމުގައި ގެންގުޅޭނެ ހަކަތަ ސަމަކާރަ ގައިޑްލައިނަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ގުޅިގެން ތައްޔާރުކުރާ ގައިޑް ލައިނެއް ކަމަށެވެ. އެހެންކަމުން މި ތައްޔާރުކުރެވޭ ގައިޑްލައިނަކީ ދިވެހި ރާއްޖެ ބިލްޑިންގ ކޯޑުގެ ބައެއްގެ ގޮތުގައި ހިމަނައި، އާންމުންނަށް ފަސޭހައިން ލިބޭނެހެން އާންމު ކުރުމަށް ތައްޔާރު ކުރާ ގައިޑްލައިނެއް ކަމަށާއި އެގޮތުން ދަރިވަރުންނަށާއި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި އަދި މިނޫންން ދާއިރާތަކުގެ ބޭފުޅުންނަށްވެސް މި ގައިޑްލައިންގެ ފަސޭހަކަމާއި އެކު ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަކީ މިމަސައްކަތުގެ އަމާޒެއް ކަމަށްވެސް ޚަދީޖާ ވިދާޅިވިއެވެ.

އެނަރޖީ އެފިޝަންސީ ބިލްޑިންގ ގައިޑްލައިނެއް ތައްޔާރުކުރުމުގެ މަޤްސަދަކީ ރާއްޖޭގައި ހަދާ އިމާރާތްތަކަކީ ތިމާވެއްޓާއި ރައްޓެހި ސިފަތަކެއް ހިމަނައިގެން ހަދާ އިމާރާތްތަކަކަށް ހެދުމަށް ބާރުއެޅުމާއި، މިހާރު ހުރި އިމާރާތްތަކަށް ކުދިކުދި ބަދަލުގެނެސްގެން އެ އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓުގެ މިންވަރު ދަށްކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީގެން އިމާރާތްތަކުގެ ދާއިރާއިން ބޭނުންކުރާ ހަކަތަ ސަމަކާރަ ކުރާވަރު އިތުރުކުރުމެވެ.

މި މަސައްކަތަކީ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލްސީއީއައި) މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެލްސީއީއައި މަޝްރޫޢުއަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް