ބެންކް އޮފް މޯލްޑިވްސް އިން ރ. އުގޫފާރުގައި 24 ގަޑިއިރު ހިދުމަތްލިބޭ ސެލްފް ސާވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށްފިއެވެ.
މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި، ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.
އުނގޫފާރުގައި ގާއިމްކުރެވުނު އާ ބްރާންޗް ހުޅުވުނީ މިއަދު އެރަށުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގައި ބޭންކުގެ ކަސްޓަމަރުންނާއި، އުނގޫފާރުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ އިތުރުން، މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ. އުނގޫފާރު ބްރާންޗް ހުޅުވުން ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ އޭޕްރިލް މަހުގެ ބައްދަލުވުން ބާއްވާފައިވަނީވެސް އާ ބްރާންޗްގައެވެ.
މިއަދުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވީ، އުނގޫފާރުގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި ސެލްފްސަރވިސް ބޭންކިންގ ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އުނގޫފާރަކީ ވިޔަފާރި އާއި އިޤްތިސާދީ ގޮތުން ބަލާއިރު މިއަތޮޅުގެ މައި ރަށަށްވުމާއެކު އިންވެސްޓްމަންޓްތަކުގެ ފައިދާ މި ރަށާ ކައިރި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ލިބިގެންދާނެ ކަމަށްވެސް އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 40 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 100 އޭޓީއެމް، 5300 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލް އިން ވަނީ ތައާރަފްކޮށްފައެވެ. ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް