ޔޫކޭ އަށާއި ޔޫއެސް އަށް ދެ ސަފީރަކު އައްޔަން ކުރައްވައިފި

އިނގިރޭސިވިލާތަށާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ރާއްޖެއިން ކަނޑައޅާފައި ހުންނަވާ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ....

18 Apr 2019 | 06:27

އިނގިރޭސިވިލާތަށާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ރާއްޖެއިން ކަނޑައޅާފައި ހުންނަވާ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ޔޫކޭ އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ރައީސް އައްޔަން ކުރެއްވީ، ހެންވޭރު އަމީނީގެ ޑޮކްޓަރ ފަރަޙްނާޒް ފައިޞަލް އެވެ. އަދި ޔޫއެސް އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށާއި، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް، ރައީސް އައްޔަނު ކުރެއްވީ މާފަންނު ނޫހިރި، ތިލްމީޛާ ޙުސައިނެވެ.

މި ދެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ރައީސް ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޑޮކްޓަރ ފަރަޙްނާޒް ފައިޞަލަކީ މީގެ ކުރިން، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އަދި ސްވިޑްން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޑޮކްޓަރ ފަރަޙްނާޒް ޕީ.އެޗް.ޑީ ހާސިލް ކުރައްވާފައިވަނީ ޕޮލިޓިކްސްގެ ދާއިރާއިން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހަލް އިންނެވެ.

ތިލްމީޛާ ޙުސައިން މިހާތަނަށް ހުންނެވީ، ނިއުޖަރސީގެ ރަމަޕޯ ކޮލެޖްގެ އެޑްޖަންކްޓް ޕްރޮފެސަރ އޮފް ސަސްޓެއިނެބިލިޓީގެ މަޤާމުގައާއި، ޔުނައިޓެޑް ސްޓޭޓްސް ކްލައިމެޓް އެކްޝަން ނެޓްވަރކްގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯ-ޗެއާރ ގެ މަޤާމުގައެވެ. ތިލްމީޛާ ޙުސައިން މީގެ ކުރިން ވަނީ، ޕަރމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓެޑް ނޭޝަންސްގެ ޑެޕިޔުޓީ ޕަރމެނެންޓް ރެޕްރެޒެންޓެޓިވް ކަމާއި، އެމެރިކާއާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑަރ ގެ މަޤާމު ވެސް އަދާ ކުރައްވާފައެވެ. ތިލްމީޛާއަކީ އެމެރިކާގެ ކޮލޮރާޑޯ ޓެކްނިކަލް ޔުނިވަރސިޓީއިން މާސްޓަރ އޮފް ސައިންސް އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް