ބުރުސޫރަ - ފަނަރަވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... ޒިއަން އަށް ގެއަށް ވަދެވުން އިރު މަންމަމެން ވާހަކަ ދައްކާ އަޑު އިވުނީ މަތިންނެވެ. އެހެންކަމުން ދުވެލާފައި ޒިއަން ސިޑިން އަރައިގެން ދިޔައެވެ. "ޒިއަން ދަރިފުޅާ މަންހާ ހޮސްޕިޓަލަށް ...

18 Apr 2019 | 04:38

ކުރީގެ އަދަދާ ގުޅޭ...

ޒިއަން އަށް ގެއަށް ވަދެވުން އިރު މަންމަމެން ވާހަކަ ދައްކާ އަޑު އިވުނީ މަތިންނެވެ. އެހެންކަމުން ދުވެލާފައި ޒިއަން ސިޑިން އަރައިގެން ދިޔައެވެ.

"ޒިއަން ދަރިފުޅާ މަންހާ ހޮސްޕިޓަލަށް ގެންދަން ހިނގާ" ޒިއަން ވަތްއިރަށް މަންމަ އަނެއްކާވެސް ރޯން ފެށިއެވެ. ޒައިނާ ދުއްވައިގަތީ ކާރު ގަރާޖުން ނެރޭށެވެ. ޒިއަންއަށް ބަލައިލެވުން އިރު މަންހާ އޮތީ ތަޅަންމަތީގައި ވެއްޓިފައެވެ. ވީ ކީއްތޯވެސް އަހާނުލައި މަންހާ އަތްދަނޑި މައްޗަށް އުފުއްލާލައިގެން ޒިއަން ދާން ހިނގައިގަތެވެ. ފަހަތުން ޒާހިދާވެސް ދުވަމުން ކަހަލަ ގޮތަކަށް ސިޑިން ފޭބިއެވެ.

"ބްލިޗް ފުޅި ބޯލީ" މަންހާ ގޮވައިގެން ކާރަށް އެރުމުން ޒާހިދާ ބުނެލިއެވެ. ޒިއަން ސުވާލުގެ ނަޒަރަކުން މަންމަގެ މޫނަށް ބަލައިލިއެވެ. އޭރު ޒައިނާ ކާރު ދުއްވާލައިފިއެވެ.

"މަންހާގެ މަންމަ އިރުކޮޅެއް ކުރިން ނިޔާވެއްޖެ ދަރިފުޅާ... އެ ހަބަރު ލިބުނީމަ" ޒާހިދާ ކިޔައިދިނެވެ. ޒިއަން އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ.

"އެކަމަކު ދެން މީ..." ޒިއަންގެ ކޮނޑުމައްޗަށް ވެއްޓިފައިވާ މަންހާގެ މޫނަށް ބަލައިލަމުން ޒިއަން ބުނަން އުޅުން ޖުމްލަ މެދު ކަނޑައިލިއެވެ.

"އެމީހުން މިހާރު މަންހާގެ މަންމަގެ ހަށިގަނޑު މާލެ ގެނެވޭތޯ އެ އުޅެނީ... މި ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނާތި އެހެން ނޫނީ އެމީހުން އިތުރަށް ހާސްވެދާނެ" ކަން ކުރަންވީ ގޮތް ޒާހިދާ ކިޔައިދިނެވެ.

މަންހާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. މަންހާ ގެންދިއުމާއި އެކީ އެމަޖެންސީ ރޫމުގައި ފަރުވާ ދޭން ފެށިއެވެ. މިހުރިހާއިރު ޒައިނާ ހުރީ ހިމޭނުންނެވެ. ޒިއަންއަށް މަންމަ ގުޅަން ޖެހޭ ހެއްޔެވެ. ރާނީ މިހާރު އިންނާނީ ކަންބޮޑުވެފައެވެ. އަހަރެމެންނަށް ވެސް މަންހާ ގޮވައިގެން ހޮސްޕިޓަލަށް އާދެވޭނެއެވެ. އެހެން ނޫނަސް މަންހާ މީ މީހުންގެ ސަމާލުކަން ހޯދަން އުޅޭ މީހެކެވެ. ކޮންމެ މީހަކުވެސް މި ދެނިޔެއިން ވަކިވާނެ ދުވަހެއް އަންނާނެއެވެ. ބްލިޗް ފުޅި ބޯން ޖެހޭ ހެއްޔެވެ. ޒައިނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފާރުގައި ލެނގިލިއެވެ.

ނިދަން އުޅެ އުޅެ ރާނީ އަކަށް ނުނިދުނެވެ. އަނެއްކާ ބޮޑު ކަމެއް ވީ ހެއްޔެވެ. ވީ ގޮތެއް ބުނެލާފަ ދިޔަނަމަވެސް މިހާރު ރާނީ އަށް ނިދެއްޖީހެވެ. ކައިވެނީގެ ފުރަތަމަ ރޭ މިޖެހުނީ ފިރިމީހާއާއި ނުލައި ހޭދަކުރާށެވެ. ޔަގީނުންވެސް ކޮންމެވެސް ކަމެއް ވެއްޖެކަން ރާނީ އަށް އިނގެއެވެ. ކެތް ނުވެގެން ރާނީ ޒިއަންގެ ފޯނަށް ގުޅައިލިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. މިހާރު ހައެއްކަ ފަހަރު ގުޅިއްޖެއެވެ. ރާނީގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. ދެރަވަނީއެވެ. ބިރުގަންނަނީއެވެ. ރުޅިވެސް އައިސްފިއެވެ. ޒިއަން މިރޭ އޭނަ ދޫކޮށްލާފައި ދާން ޖެހޭ ހެއްޔެވެ. މިފަދަ ހިޔާލުތަކެއްގައި އޮއްވައި ރާނީ އަށް ނިދުންއިރު ފަތިސް ވަނީއެވެ.

މަންހާ ހޭ އެރީ އިރު އެރި ފަހުންނެވެ. އެ ހުރިހާއިރު ޒިއަންމެން ތިބީ ހޮސްޕިޓަލުގައެވެ. މަންހާ ހޭއެރި ވާހަކަ ބުނި އިރު ޒައިނާ އަށް އިނީ ނިދި ޖެހިފައެވެ.

"ދަރިފުޅު ފުރަތަމަ ވަދެބަލަ އޭރަށް ހިތްހަމަ ޖެހޭނެ" ޒާހިދާ ބުނެލިއެވެ. ނުވަންނާން އުޅެފައިވެސް ޒިއަން ވަނީ މަންމަ އާދޭސްކުރާ ވަރުންނެވެ. ޒިއަން ފެނުމުން މަންހާ ހީލިއެވެ. މަންހާއަށް ވަނީ އައިވީއެއް ގުޅައިފައެވެ. އޮކްސިޖަން މާސްކް ވަނީ ހޭ އެރުމުން ނަގައިފައެވެ.

"އޯކޭ ތަ؟" މަންހާގެ ކައިރީގައި އިށީންނަމުން ޒިއަން އަހައިލިއެވެ.

"ޒިއަން ފެނުމުން އޯކޭ މިހާރު" އެވަގުތުވެސް މަންހާ ބެލީ ޒިއަންއާއި ކައިރި ވެވޭތޯއެވެ.

މިވަގުތު މަންހާއާއި ދިމާލަށް އެއްޗެހި ކިޔާކަށް ޒިއަންއަކަށް ނުކެރޭނެއެވެ. މަންމަ ދުނިޔޭއާއި ވަކިވުމަކީ ހަގީގަތުގައިވެސް ވަރަށް ހިތާމަހުރި ކަމެކެވެ. މިވަގުތު މަންހާ އަށް ބޭނުންވާނީ އެންމެންގެ އަޅާލުމާއި އެހީތެރިކަމެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ޒިއަން ގިނައިރު މަންހާ ކައިރީގައި ބޭންދޭތޯ މަންމަ ބަލާނެކަން އޭނާއަށް އިނގެއެވެ. އިރުކޮޅަކުން ޒައިނާ އާއި ޒާހިދާވެސް އެތަނަށް ވަދެ މަންހާގެ ހާލު ބެލިއެވެ.

"މަންހާ ދަރިފުޅު ވަރަށް ހިތްވަރު ކުރަންޖެހޭނެ... މީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް... މަންމަގެ ހަށިގަނޑު މިހާރު މާލެ އެބަ ގެނޭ... ޒިއަންގެ ބައްޕަ ވެސް އިންޑިއާ އަށް ގޮސްފަ މިހާރު އެމީހުންނާ އެކީ އެބަ އާދޭ" ޒާހިދާ ވާހަކަ ދައްކައި ނިމުންއިރު މަންހާ އަށް އަނެއްކާވެސް އިނީ ރޮވިފައެވެ. ޒާހިދާ މަންހާގެ ކަރުނަތައް ފުހެދިނުމަށްފަހު ހުއްޓައިލުމަށް ބުނެލިއެވެ.

އެވަގުތު މަންހާގެ ބޮޑު ދައިތަ އާއި އާއިލާގެ ދެތިން މީހަކު އެތަނަށް އައެވެ. ވަގުތެއް ލިބުމުން ޒިއަން ބޭރަށް ނިކުމެ ފޯނު ބަލައިލިއިރު ރާނީގެ ބައިވަރު މިސް ކޯލު ހުއްޓެވެ. ރާނީ ހާސްވާނެވަރު ޒިއަންއަށް އިހުސާސްކުރެވެއެވެ. ނަމަވެސް މި ވަގުތު އެއްވެސް ތަނަކަށް ހިނގައްޖެނަމަ މަންމަ ހިތްހަމައެއް ނުޖެހޭނެއެވެ.

"ކުޑޫ ދޭ ރެސްޓް ކޮށްލަން ގެއަށް... ވިޒިޓް ރާނީ ޓޫ" ޒައިނާ އައުމުން ޒިއަން ބުނެލިއެވެ. ޒައިނާ ބޯ ޖަހައިލިއެވެ.

"ގުޅާލައްޗޭ އޭނައަށް" މިހެން ބުނުމަށްފަހު ޒައިނާ ހިނގައްޖެއެވެ. ޒިއަން ފުން ނޭވާއެއް ދޫކޮށްލިއެވެ. ގުޅައިފިނަމަ އެތައް ސުވާލަކާއި ޝަކުވާއަކާއި ކުރިމަތިލާން ޖެހޭނެއެވެ. ނަމަވެސް ނުގުޅައިފި ނަމަ ރާނީ ދެރަވެދާނެތީ ޒިއަން ގުޅައިލިއެވެ. ރާނީ ފޯނު ނެގީ ވަރަށް އިރުންނެވެ.

"ހާދަ ނިދި އަޑަކުން... އަދިވެސް ނުހޭލަންތަ؟' ޒިއަން އަހައިލިއެވެ.

"ނުނިދޭނެ ދޯ ފިރިމީހާ ކައިވެނީގެ ފުރަތަމަރޭ ވީ ގޮތެއްވެސް ނުބުނެ ދިޔައީމަ" ހަމަ އެ އަޑުން ރާނީ ބުނެލިއެވެ. ރާނީ އެހެން ބުނިގޮތުން ޒިއަންއަށް ކުޑަކޮށް ހެވުނެވެ.

"ހޮސްޕިޓަލުގަ... މަންހާ ބަލިވެގެން... ކުޑޫ ދާނެ... ނުވިސްނައްޗޭ ޕްލީޒް" ޒިއަން ވީ ގޮތް ކިޔައިދިނެވެ. ޒިއަން ބުނީ މަންހާ އަކީ އާއިލާގެ ރައްޓިއްސެއްގެ ދަރިއެއް ކަމަށާއި، އޭނަ އެގޭގައި ހުންނަނީ އެގޭ އެންމެން އިންޑިއާއަށް ބަދަލުވީމަ ކަމުގައެވެ. އަދި މަންހާގެ މަންމަ ރޭ ނިޔާވި ކަމާއި، މަންހާ ބްލިޗް ބުއި ވާހަކަވެސް ޒިއަން ކިޔައިދިނެވެ. އެވާހަކައިގެ ކުރީ ބަޔަކީ ޒިއަން ހަދައިލި ވާހަކައެކެވެ. ހަގީގަތް މިވަގުތު ކިޔައިދީފިނަމަ ރާނީ އިތުރަށް ދެރަވުން ނޫން ކަމެއް ނުވާނެއެވެ. ނަމަވެސް ވަގުތު ޖެހުމުން ޒިއަން ހުރިހާ ވާހަކައެއް ކިޔައިދޭނެއެވެ.

މަންހާގެ މަންމަގެ ހަށިގަނޑު މާލެ ގެނެވުންއިރު މެންދުރު ވަނީއެވެ. މަންހާ ގޮވައިގެން މަންމަގެ މޫނު ބަލައިލަން ދިޔައީ ޒިއަންއެވެ. އެމީހުން ދިޔައިރު މަންހާގެ އާއިލާގެ މީހުންނާއި ބައިވަރު ރައްޓެހިން ތިއްބެވެ. މާޒިން އާއި އީމާން ވެސް އެތަނުގައި ތިއްބެވެ. މަންހާގެ ބައްޕަ ފެނުމުން މަންހާ ފުރަތަމަ އޮޅުލައިގަތީ ބައްޕަ ގައިގައެވެ. އެތަނުގައި ޒިއަންގެ ބައްޕަވެސް ހުއްޓެވެ.

ކަށުނަމާދު ކުރީ އަސުރު ނަމާދުގެ ފަހުންނެވެ. ހުރިހާ ކަމެއް ނިންމާލައިފައި އެމީހުންނަށް ގެއަށް އާދެވުންއިރު ހަވީރު ވެއްޖެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ މާޔޫސީކަމެވެ. މަންހާގެ ބައްޕައާއި މާޔާވެސް ތިބީ އެގޭގައެވެ. އެއްވެސް މީހަކު އަނގައިން ބުނާ ހިޔާލެއް ނުކުރިއެވެ. މަންހާވެސް ކޮޓަރީގައި ހަމަ ރޮނީވެއެވެ. މާޔާވެސް ރޮނީއެވެ. ޒިއަންވެސް އިނީ ވަރަށް ދެރަވެފައެވެ. ނަމަވެސް އެވަގުތު އޭނާ ބޭނުންވަނީ ރާނީ ކައިރިޔަށް ދާށެވެ. ނަމަވެސް މިވަގުތު އެންމެން ދޫކޮށްލާފައި ދާކަށްވެސް ނުކެރޭނެއެވެ.

އިރުކޮޅަކުން ޒާހިދާ ނިކުމެ ސައިބޯން ގޮވިއެވެ. ނަމަވެސް ނުބޯނަން ކަމުގައި ބުނެ އަލީ އެގެއިން ނިކުމެގެން ދިޔައީއެވެ.

"ދަރިފުޅު ދޭ މަންހާ ކައިރިޔަށް" ޒާހިދާ މަސައްކަތް ކުރީ މަންހާގެ ކައިރީގައި ގިނަ ވަގުތު ޒިއަން ބެހެއްޓުމަށެވެ. އޭރުން ދެމީހުންގެ ހީނަރުވެފައިވާ ގުޅުންވެސް ރަގަޅު ވެދާނެކަމަށް ޒާހިދާ ދެކެއެވެ. ނަމަވެސް ޒިއަން ހުންނަނީ އެކަމާ އުނދަގޫ ވެފައެވެ. އެއްގޮތަކަށްވެސް މަންހާ އާއި އެކީ އެކަނިވާކަށް ޒިއަން ބޭނުމެއް ނޫނެވެ.

"ބައްޕަ އަށް ފެންނަނީ ކައިވެނި އަވަސް ކުރަން ދެން... އެ ހިތްދަތިކަމުން އަރައިގަންނަންވެސް ފަސޭހަވާނީ އޭރުން" ޝާހިދު ބުނެލިއެވެ. ޒިއަންއަށް އިނދެވުނީ ބައްޕަގެ މޫނަށް ބަލާށެވެ. ޝާހިދު އިނީ އިސްޖަހައިގެންނެވެ. އެއްވެސް އެއްޗެއް ނުބުނެ ޒިއަން ގޮސް ވަނީ ކޮޓަރިއަށެވެ.

****

ކައިވެނި ކުރިފަހުން މިއީ ތިން ވަނަ ދުވަހެވެ. އޭގެފަހުން އަދިވެސް ޒިއަން އެއް ނާދެއެވެ. ރާނީ ހަމަ ދެރަވަނީއެވެ. ޒިއަން އެހެން އެ ހަދަނީ ކީއްވެގެން ހެއްޔެވެ. މިއޮއް ބޮޑު މާލޭގައި އެކަނި ކޮޓަރިއަކު އިންނަން ހާދަ ފޫއްސެވެ. ތަނަކަށް އެކަނި ދާކަށްވެސް އިނގެނީއެއް ނޫނެވެ. ދެރަވަނީއެވެ. ވިސްނޭވަރުން ހަމަ ރޮވެނީއެވެ. ޒިއަން އަންނަން ބޭނުން ނުވަނީހެއްޔެވެ. މިހާރު އެއީ އޭނާގެ އަނބިމީހާއެވެ. އަލަތު އަނބިމީހާ ކައިރިޔަށް ނާދެވެންވީ ކީއްވެގެން ހެއްޔެވެ.

ނިދިޖެހިފައި އޮތް ރާނީ އަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކި ޖެހުމުންނެވެ. ޒިއަން އައީ ހެއްޔެވެ. ދުވެލާފައި ގޮސް ދޮރު ހުޅުވިއިރު ދޮރުމަތީގައި ހުރީ ޒައިނާއެވެ. ވަގުތުން ރާނީގެ މޫނުމަތީގައި ވި ހިނިތުންވުން ފިލައިގެން ދިޔައެވެ.

"އަޅެ ކޮބާތަ ޒިއަން؟" ޒައިނާ ފެނުމުން ރާނީއަށް ފުރަތަމަވެސް ބުނެވުނީ މިހެންނެވެ. ރާނީއަށް ރޮވިއްޖެއެވެ. އެ މަންޒަރު ފެނުމުން ޒައިނާގެ ހިތައްވެސް ތަދުވިއެވެ. އެ އިހުސާސް އޭނާއަށްވެސް ވަރަށް ރަގަޅަށް އިނގެއެވެ.

"ބައްޕަ އުޅޭތީ ނާދެވެގެން" ޒައިނާ ބުނެލިއެވެ. އެދުވަހު ޒައިނާ ބޭރަށް ދިޔައީ ރާނީ ގޮވައިގެން ދުއްވާލާށެވެ. އެއީ ކައިވެނި ކުރި ދުވަހުގެ ފަހުން ރާނީ ބޭރަށް ނިކުތް ފުރަތަމަ ފަހަރެވެ.

މަޖީދީމަގަކީ އާންމުކޮށް ދުއްވާ އެއްޗެހީގެ ސަބަބުން ތާށިވާ މަގެކެވެ. އެގޮތުން ޒައިނާގެ ކާރުވެސް އޮތީ ކުރިއަށް ނުދެވިފައެވެ. ބޭރު ބަލަންއިން ރާނީގެ ލޮލުގައި އަޅައިގަތީ މަގުގެ އަނެއްފަޅިން، ކުރިމަތިން އައި ޒިއަންގެ ސައިކަލެވެ. ޒައިނާގެ ކާރު ކައިރިން ލާފައި ސައިކަލު ދިޔައިރު ރާނީގެ ލޮލުގައި އަޅައިގަތީ ސައިކަލުގެ ފަހަތުގައި އިން މަންހާއެވެ. މަންހާ އިނީ ޒިއަން ގައިގައި ޖެހި ފިތިގެންނެވެ. އެއީ އެއްގޮތަކަށްވެސް ރާނީ ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. ރާނީއަށް އެ ސައިކަލު ދިއުމުން ފަހަތްވެސް ބަލައިލެވުނެވެ.

"ކޯންޗެއް ތި ހޯދަނީ؟" ރާނީ ފަހަތަށް އެނބުރުމުން ޒައިނާ އަހައިލިއެވެ. ހީވާގޮތުން އެ މަންޒަރު ޒައިނާ އަކަށް ނުފެނުނެވެ. ރާނީ ބޯ ހޫރައިލުމަށްފަހު ކަމެއް ނުވެޔޭ ބުންޏެވެ.

ރާނީއަށް ހަމަ ވިސްނެނީއެވެ. މަންހާ ޒިއަންގެ ގައިގައި ޖެހިގަނެގެން އެ އިނީ ކީއްވެގެން ހެއްޔެވެ. ޒިއަން އަނެއްކާ އޭނައަށް ނޭންގޭ ގޮތަށް މަންހާ އާއި އެކީ ގުޅުމެއް ބާއްވަނީ ހެއްޔެވެ. ރާނީ ކައިރިއަށް ނައިސް އެހެން އަންހެނުން ގޮވައިގެން ދުއްވަންދާނެ ވަގުތު ޒިއަން އަށް ވެއެވެ. ރާނީ ދެރަވެ ހާސްވާ ގޮތްވެއްޖެއެވެ. މިހާރު ރާނީ ބޭނުންވަނީ ގެއަށް ދާށެވެ. ނަމަވެސް ޒައިނާ ހިތްހަމަނުޖެހިދާނެތީ އެއްވެސް އެއްޗެއް ނުބުނެ މަޑުން އިނީއެވެ.

ރާނީ ގޮވައިގެން ޒައިނާ ގެއަށް ދިޔައީ ރޭގަނޑު ކައިގެންނެވެ. އެހުރިހާ އިރު ރާނީގެ ހިތުގައި އަނދަމުން ދިޔަ އަލިފާންގަނޑު މައިތިރިކޮށްގެން އިނީ ޒައިނާގެ ސުވާލަކާއި ކުރިމަތިވެދާނެތީއެވެ. ކޮޓަރިއަށް ހަމަ ވަދެވުމާއި އެކީ ރާނީއަށް ރޮވިއްޖެއެވެ. އަޑުން އަޑުނަގައި ރޮވިއްޖެއެވެ. މިއީ އެއްގޮތަކަށްވެސް އޭނާ އުޅެން ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ ޒިއަން އާއި ކައިވެނި ކުރީ މި ދިރިއުޅުން ބޭނުންވެގެންނެއް ނޫނެވެ. ޒިއަން އަށް އޭނާގެ ވާހަކަ ގޭ މީހުން ކައިރީގައި ނުބުނެވިގެން އުޅެނީ ކީއްވެގެން ހެއްޔެވެ. މިއަދު އެ ފެނުނީ ކޮން މަންޒަރެއް ހެއްޔެވެ. ޔަގީނުންވެސް ޒިއަން އެބަ ވަރަށް ބައިވަރު ކަންތައްތަކެއް ރާނީ އަށް ސިއްރުކުރެއެވެ. ޒިއަން ރާނީ އަނދިރީގައި އެ ބަހައްޓަނީ ކީއްވެގެން ހެއްޔެވެ. އަނބީމީހާ ހުރި ހާލެއް ބަލައިލަންވެސް ނާދެވިގެން އެ އުޅެނީ ކީއްވެގެން ހެއްޔެވެ. ރާނީ އަށް ވިސްނުނެވެ. އުފާވެރިކަން އޭނާގެ ނަސީބުގައި ހަމަ ނެތީއެވެ. ކުރިންވެސް އަދި މިހާރުވެސް އެ ނަސީބެއްނެތެވެ. ޔަގީނުންވެސް އެ ނަސީބު ފަހުންވެސް ނުލިބޭނެއެވެ. އުފަލަކީ މި ދުނިޔޭގައި ރާނީ އަށް ލިބިގެންވާ ހައްގެއް ނޫނެވެ. ރާނީ ރޮއެ ރޮއެ ހަލާކުވަނީއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް