ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕަށް ސަރުކާރުން ދޫކޮށްފައިވާ ރަށްތަކެއް އަތުލީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައި އެ މައްސަލަތައް އެ ކުންފުންޏާއި އެއްކޮޅަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ވިލާ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ ފަސް ރަށެއް ސަރުކާރުން 2015 ވަނަ އަހަރު އަތުލީ ގާނޫނާއި ހިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން އެ ހުކުމް ބާޓިލް ކުރީ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުންނެވެ. އެކަމަކު އެ މައްސަލަ ވިލާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ކޯތުން މިއަދު ހުކުމް ކުރީ އެ ރަށްތައް އަތުލީ ގާނޫނާއި ހިލާފަށް ކަމަށާއި ހައި ކޯޓުގެ ހުކުމް ބާތިލް ކަމަށެވެ.
އެ ފަސް ރަށަކީ ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާއި ތ. އެލާގެ އިތުރުން ކ. ބޮލުދުށްފަރާއި ވާވެއްދިފަޅާއި އެ ދެ ފަޅުގެ ދެމެދުގައި އޮންނަ ނަމެއް ދީފައިނުވާ އިތުރު ކުޑަ ފަޅަކާއި ކ. މާދިއްގަރު ފަޅާއި އެ ފަޅާ ޖެހިގެން އޮންނަ ކަނުހުރާ ނަމަކަށް ކިޔާ ފޮނޮޅެކެވެ.
މި ރަށްތަކަކީ ވިލާ އަތުން 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދަން މީރާއިން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލަތަކާ ގުޅުންހުރި ރަށްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް