ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި ކުރީގެ ފުލުހުންގެ ބޯ ބޭލުވި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އަށް ފުލުހެކެވެ. އެމީހުންގެ ބޯ ނުގަބޫލުގައި ބޭލުވި މައްސަލަ ވަކީލުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެ މައްސަލަ ކްރިމިނަލް ކޯޓުން ނުބެލުމުންނެވެ.
އެ ފުލުހުންގެ ވަކީލުން ބުނެފައިވަނީ އެމީހުންގެ މުއްދަތު ޖެހުމަށް މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހަޒިރު ކުރި އިރު އެ މީހުންގެ ބޯ ބާލާފައިވާ ކަމަށެވެ. އެކަމަކު އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހެއްގެ ހުއްދައަކާނުލައި ބޯ ބޭލުމަކީ ޓޯޗާގެ އަމަލެއް ކަމަށެވެ. އަދި އެ ދުވަހުގެ މުއްދަތު މަޖިލީހުގައި ކޯޓުން އެކަމަށް ރިޔާއަތް ކޮށްފައި ނުވާ ކަމަށާއި އިސްތިއުނާފު ކުރީ އެހެންވެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެމީހުން ތިބީ މާފުށީ ޖަލު ބަންދުގައި ކަމަށްވާތީ ވަކީލުން އިސްތިއުނާފު ކުރި މައްސަލައިގަ ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެމަޖަންސީ ސަޕޯޓް ގްރޫޕްގެ ޗީފް ޕްރިޒަންސް އޮފިސާ އަހުމަދު އަބްދުލް ވައްހާބް މުހައްމަދު ހައިކޯޓަށް ހާޒިރު ކުރުމަށް ވެސް ވަނީ އެދިފަ އެވެ.
މި މައްސަލަ އިއްޔެ ވަކީލުންގެ ފަރާތުން ވަނީ އެޗްއާރުސީއެމަށާއި ފުލުހުންނަށްވެސް ހުށަހަޅާފައި އެވެ. ވަކީލުން ވިދާޅުވީ ކަރެކްޝަނަށްވެސް މީހަކު ހައްޔަރުކުރުން ފިޔަވައި އެމީހަކަށް އަދަބެއްގެ ގޮތުގައި އޭނާގެ ގަޔަށް އަތްލައި އޭނާގެ ގުނަވަންތައް ބުރިކޮށް ހެދުމުގެ އެއްވެސް ގާނޫނީ އަދި ޝަރުއީ ހައްގެން ނޯންނާނެ ކަމަށެވެ. އަދި ބަންދުގައި ބެހެއްޓުން ފިޔަވައި އިތުރަށް ތުރާ ކުރުމަށް ކުރާ ކަންކަމަކީ ދެވޭ އަނިޔާއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް