މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ފަށާ ސަރަހައްދީ ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ، ސަރަހައްދުގެ ގަދަބާރު އިންޑިޔާ އާއި ސްރީލަންކާއާ އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ.
މީގެ ގަޑިއިރެއްހާއިރު ކުރިން ކުރިއަށް ދިޔަ ގުރުނެގުމުގައި އިންޑިޔާ، ދިވެހިރާއްޖެ އަދި ސްރީލަންކާ ގްރޫޕް ބީ ގައި ހިމެނުނުއިރު، ގްރޫޕް އޭ ގައި އޮތީ މުބާރާތް ބާއްވާ ޤައުމު ބަންގްލަދޭޝް އާއި ނޭޕާލް، ޕާކިސްތާން އަދި ބޫޓާން އެވެ.
ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް 3 ވަނަ ފަހަރަށް ބާއްވާއިރު، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިޔާއާ އެއް ގްރޫޕެއްގައި ލައްވާލުމަކީ ދިވެހިރާއްޖެއަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. 2008 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލްގައި އިންޑިޔާ ބަލިކުރިފަހުން ދިވެހިންނަށް އިންޑިޔާގެ މައްޗަށް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް ކޮންމެ ގްރޫޕަކުން 2 ގައުމު ސެމީއަށް ކޮލިފައިވާއިރު، ފުޓްބޯޅަ އަޑިއަޅާލާފައިވާ ލަންކާގެ މައްޗަށް ދިވެހިރާއްޖެއަށް ކުރި ހޯދެން ވާނެއެވެ.
ސާފް ޗެމްޕިއަންޝިޕް ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާއިރު، ކޮންމެ ދެ މުބާރާތަކުން އެއް މުބާރާތް ބާއްވަނީ މިހާރު އިންޑިޔާގައެވެ. މި އަހަރު ބަންގްލަދޭޝްގައި މުބާރާތް އޮންނައިރު، އެންމެ ފަހުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މުބާރާތް އޮތް 2009 ވަނަ އަހަރު މުބާރާތް ކާމިޔާބު ކުރީ އިންޑިޔާއެވެ. އަދި އެންމެ ފަހުގެ މުބާރާތުގައި އަފްގާނިސްތާން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ވެސް އިންޑިޔާއެވެ. އެ ފަހަރަކީ މި ސަރަހައްދުގެ މުބާރާތުގައި އަފްގާން ވާދަކުރި ފަހު އަހަރެވެ.
ސާފް ޗެމްޕިއަންޝިގެ 12 ވަނަ މުބާރާތް މި އަހަރުގެ ސެޕްޓެމްބަރުގައި ފެށޭއިރު، ދިވެހިރާއްޖޭގެ ޤައުމީ ޓީމު ވެސް އަންނަނީ އައު ކޯޗަކާއެކު، އެތެރޭގެ ގޮންޖެހުންތަކެއް ހުއްޓަސް ބަދަލުތަކެއް ގެނެސް ކާމިޔާބީއަށް ވާޞިލްވުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް