ސެލްޓަ ވިގޯ 2-2 ބާސެލޯނާ: ބަލިނުވުމުގެ ރެކޯޑާއެކު ބާސާ ކުރިއަށް

އެކަކު މަދުކޮށް ކުޅެމުންދިޔަ ބާސެލޯނާ އާއި ސެލްޓަ ވިގޯ 2-2 އިން އެއްވަރުވެ، ސްޕެނިޝް ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކޮށް މިދިޔަ ހަފުތާގައި ބާސެލޯނާއިން ހެދި ރެކޯޑަށް ބޮޅެއް އިތުރު ކޮށްލައިފިއެ...

18 Apr 2018 | 03:00

އެކަކު މަދުކޮށް ކުޅެމުންދިޔަ ބާސެލޯނާ އާއި ސެލްޓަ ވިގޯ 2-2 އިން އެއްވަރުވެ، ސްޕެނިޝް ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކޮށް މިދިޔަ ހަފުތާގައި ބާސެލޯނާއިން ހެދި ރެކޯޑަށް ބޮޅެއް އިތުރު ކޮށްލައިފިއެވެ.

ރޭގެ މެޗު ބާސެލޯނާއިން ފެށީ ގިނަ ބަދަލުތަކަކާއެކުގައެވެ. އަންނަ ހޮނިހިރު ދުވަހު ސެވިއްޔާއާ ދެކޮޅަށް ކުޅޭ ސްޕެނިޝް ކަޕްގެ ފައިނަލް މެޗު އޮތުމާއެކު ބާސެލޯނާގެ ކޯޗު ވަނީ ރޭގެ މެޗަށް ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ފަދަ މުހިންމު ބައެއް ކުޅުންތެރިން ބެންޗް ކޮށްފައެވެ.

ރޭގެ މެޗު ފެށިގެން ދެ ޓީމުން ވެސް ހަމަލާތައް އުފައްދަމުން ދިޔައިރު، 25 ވަނަ މިނިޓުގައި ބާސެލޯނާގެ ޕައުލީނޯ ފޮނުވާލި ހަމަލައެއް ގޯލު ދަނޑިއަށް އަމާޒުވިއެވެ. އެއާއެކު ލިބުނު ބޯޅައިގައި ސެލްޓައިން އަވަސް ކައުންޓާ އެޓޭކެއް އުފައްދައި ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ ޓީމަށް ވެސް ލަނޑެއް ނުޖެހުނެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ބާސެލޯނާއިންނެވެ. ޕަކޯ އަލެސެޔާ ދިން ބޯޅައަކުން މެޗުގެ 36 ވަނަ މިނިޓުގައި ބާސެލޯނާއަށް ގޯލު ހުޅުވާލަދިނީ އޮސްމާން ޑެމްބެލޭއެވެ.

ބާސާއިން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލަން ދަނިކޮށް އެންމެ ފަހު މިނިޓުގައި ޖޮނީ ކާސްޓުރޯ ޖެހި ލަނޑާއެކު ސެލްޓައިން ނަތީޖާ ހަމަހަމަ ކޮށްލިއެވެ. މި ލަނޑު ޖަހަން މަގުފަހިކޮށްދިނީ މެކްސި ގޮމޭޒް އެވެ.

64 ވަނަ މިނިޓުގައި ޕަކޯ އަލެސެޔާ ކާމިޔާބު ކޮށްދިން ލަނޑާއެކު ދެ ވަނަ ހާފުގައި އަނެއްކާ ވެސް ބާސެލޯނާއިން ލީޑު ނެގިއެވެ. އެހެނަސް އެ ޓީމަށް ލީޑު ހިފަހައްޓާލަން އުނދަގޫވީ 71 ވަނަ މިނިޓުގައި ސެލްޓަގެ އަސްޕަސް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ސާޖީ ރޮބާޓޯއަށް ރަތްކާޑު ދެއްކުމުންނެވެ.

ސެލްޓަ ވިގޯއަށް ބާސެލޯނާއާ ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ އިއޭގޯ އަސްޕަސް އެވެ. އަސްޕަސް މި ލަނޑު ޖެހީ 83 ވަނަ މިނިޓުގައެވެ.

މި މެޗު އެއްވަރުވުމާއެކު ބާސެލޯނާ މި ވަގުތު އެއް ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެފައިވާ އެތުލެޓިކޯގެ މައްޗަށް 12 ޕޮއިންޓްގެ ލީޑެއް ހޯދައިގެންނެވެ. މާދަމާ ރޭ އެތުލެޓިކޯ މެޑްރިޑް ރެއާލް ސޮސެއިޑާޑް އާ ދެކޮޅަށް ކުޅޭ މެޗުން އެ ޓީމު މޮޅު ވެއްޖެނަމަ ލީޑު 9 ޕޮއިންޓަށް ކުޑަ ވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް