ވިލާ ގްރޫޕުން ހިންގާ ފަން އައިލެންޑް ރިސޯޓު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ނިންމައިފި އެވެ.
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ފަން އައިލެންޑު ހުރީ މިހާރު ތައްޔާރީ ހާލަތުގައި ކަމަށެވެ. އެކަމަކު އަދި އެތަނަކަށް އެއްވެސް މީހަކު ނުގެންދެ އެވެ. ފަންގެ އިތުރުން މިދިޔަ އަހަރު ޑިސެމްބަރު މަހު ބަންދު ކުރި އއ. ވެލިދޫ އައިލެންޑް ރިސޯޓުވެސް އޮތީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ތައްޔާރީ ހާލަތުގައި އެވެ.
އެ ރިސޯޓުގައި ބޭނުން ކުރެވެން ހުރީ ކިހާ އަދަދެއްގެ ޖާގައެއް ކަމެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.
އެ ދެ ރިސޯޓުގެ އިތުރުން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ހުޅުލޭ އައިލެންޑް ހޮޓެލް، ކ. ވިލިވަރު، ފަރުކޮޅުފުށި އަދި ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރެ އެވެ. މިވަގުތު ވިލިވަރުގައި25 މީހުން، ހުޅުލޭ އައިލެންޑް ހޮޓެލްގައި57 މީހުން، ފަރުކޮޅުފުށީގައި15 މީހުން އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ދެ މީހަކު ކަރަންޓީންކޮށްފައި އެބަތިއްބެވެ
މަބްރޫކް އިއްޔެ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގެންނަވުމަކީ މާލެ ސަރަހައްދުގައި ކޯވިޑް-19 އަށް ހާއްސަކޮށްގެން1،000 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީތަކެއް ގާއިމް ކުރުން ކަމަށެވެ. އެ މަސައްކަތް ފެށީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަން އައިލެންޑު ރިސޯޓަކީ ވިލާ ގްރޫޕުން ކ. އަތޮޅުގައި ހިންގާ ދެ ރިސޯޓުގެ ތެރެއިން ރިސޯޓެކެވެ. އެ ރިސޯޓާއި އެކު އެ ކުންފިން ހިންގާ އިތުރު ތިން ރިސޯތެއް ބަންދު ކުރަން ނިންމި އިވެ. މިހާރު ހިންގަނީ ޕެރެޑައިސް އައިލެންޑް ރިސޯޓު އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް