ކޮރޯނާ ވައިރަސްއާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރަން ގޭގައި މަޑުކުރަން އަންގާ މީހުން ބޭރަށް ނުކުންނަ ނަމަ ޖޫރިމަނާކޮށް ނަން ހާމަ ކުރާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ވިދާޅުވެފައިވަނީ ގޭގައި މަޑު ކުރުމަށް ނުވަތަ އެކަހެރިކޮށް އުޅުމަށް އަންގާ ކޮންމެ ފަރާތަކަށް އޭނާ އެގޮތަށް އަންގަވަނީ އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ހާލަތަކަށް މުޖުތައުގެ އެހެން ފަރާތްތައް ހުށަހެޅިދާނެތީ ކަމަށެވެ.
އެންގުމުގައި ބުނެފައިވަނީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގަވާ އެންގުންތަކާއި ހިލާފުވާ ފަރާތްތައް އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ17 ވަނަ މާއްދާގެ ށ. ގެ ދަށުން5،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ހަަމަ އެ ގާނޫނުގެ82 ވަނަ މާއްދާއަށް ރިޔާއަތްކޮށް އެމީހެއްގެ ނަން ހާމަ ކުރާނެ ކަމަށެވެ.
މިގޮތަށް އަމަލު ކުރަން ފަށާފައިވަނީ މިއަދުު ހަވީރު5:00 އިން ފެށިގެންނެވެ.
ރާއްޖެއިން ބޭރުން އައި މީހަކު އިއްޔެ ވަނީ ގޭގައި އައިސޮލޭޝަންގައި މަޑު ނުކޮށް ފިލާފައި އެވެ. އެހެންވެ ވިލިމާލޭގައި އުޅޭ އެމީހާ އެޗްޕީއޭއިން ފަރުކޮޅުފުށީ ކަރަންޓީނަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއި އެކު ހޯދައިގެންނެވެ.
ފުލުހުން ބުނީ ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތް އަންގަވާ އެންގުންތަކަށް އަމަލު ނުކުރާ ފަރާތްތަކުގެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް