ކުޅިވަރުގެ ރޫހާއި މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމަށް ދިރާގު މުވައްޒަފުންގެ މެދުގައި 2005 ވަނަ އަހަރުން ފެށިގެން ވިދި ވިދިގެން ކޮންމެ އަހަރަކު ބާއްވާ ފުޓްސަލް މުބާރާތް ކަމުގައިވާ ދިރާގު އެމްޕްލޮއީސް ސޮކަރ ކަޕް ނުވަތަ "ޑެސްކަޕް" ފަށައިފިއެވެ.
"ޑެސްކަޕް" އަކީ ދިރާގު މުވައްޒަފުންގެ ޖަމިއްޔާ "އީކްލަބް" އިން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ދާނީ 16 މާރިޗް އިން 22 މާރިޗް 2019 ގެ ނިޔަލަށް, އެފްއޭއެމް ޓަރފު 2 ގައި އެވެ.
މި އަހަރުގެ ޑެސްކަޕްގައި ޖުމްލަ 26 ޓީމަކުން 360 ކުޅުންތެރިން ބައިވެރިވާ އިރު، 20 ފިރިހެން ޓީމާއި 6 އަންހެން ޓީމު އެކުލެވިގެންވެއެވެ. އެގޮތުން ރާއްޖޭގެ 9 ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގެ މުވައްޒަފުން ގުޅިގެންވެސް ވަނީ 3 ޓީމު ހަދައި މުބާރާތުގައި ބައިވެރިވެފައިއެވެ. މި އަހަރުގެ މުބާރާތް ވެސް ފެށުމުގެ ގޮތުން ދިރާގު އެކްސްކޮމް އަދި ސީނިއަރ މެނޭޖްމަންޓް ގެ މެދުގައި ވަނީ ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފައިއެވެ.
މި މުބާރާތް ކުރިއަށްގެންދާނީ ލީގް ސިސްޓަމަށް ޖުމްލަ 3 ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ، މެންސް ޕްރިމިއަރ ލީގް، މެންސް ސުޕަރ ލީގް އަދި ވިމެންސް ފިއެސްޓާ އެވެ.
ދިރާގު "އީކްލަބް" ގެ ޗެއަރމަން އަދި މެނޭޖަރ ހެލްތް އެންޑް ސޭފްޓީ، މުހައްމަދު ޝަފީއު ވިދާޅުވީ، އީކަލްބުން މަސައްކަތް ކުރަމުން ދަނީ އަހަރަކަށް ވުރެ އަހަރެއް ޑެސްކަޕްގެ ފެންވަރު މަތިކޮށް، މުވައްޒަފުން ހިންހަމަޖެހޭ ގޮތަކަށް މުބާރާތް ކުރިއަށް ގެންދިޔުމަށްކަމަށެވެ. އެގޮތުން މި މުބާރާތް އިންތިޒާމު ކުރަން ވަކި ވަކި ކޮމިޓީތައް ހަދައި، ވީހާވެސް ގިނަ މުވައްޒަފުން ޝާމިލު ކޮށްގެން މުބާރާތް ހިންގުމަށް ދަނީ މަސައްކަތް ކުރަމުންކަމަށާއި، އޭގެ ސަބަބަކީ ޑެސްކަޕަކީ ދިރާގުން މުވައްޒަފުންނަށް ބާއްވާ ހުރިހާ ހަރަކާތްތަކުގެ ތެރޭގައިވެސް، މުވައްޒަފުން އެކަމަށް އެންމެ އިންތިޒާރު ކުރާ ހަރަކާތް ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ. ޝަފީއު އިތުރަށް ވިދާޅުވީ، ކުޅެން ދަނޑަށް ނޭރި ކަމުގައި ވިޔަސް، ކޮންމެވެސް އެއް ސިފައެއްގައި ދިރާގު ހުރިހާ މުވައްޒަފުންވެސް މި މުބާރާތުގައި ބައިވެރިވާ ކަމަކީ އެބޭފުޅާ ވަރަށް އުފަލާއިއެކު ފާހަގަކުރާ ކަމެއްކަމަށާއި، އަދި ހަމަ އެހެންމެ މެނޭޖެމަންޓްގެ ފަރާތުން ލިބޭ އެއްބާރު ލުމަކީ މިފަދަ ހަރަކާތްތައް ފުރިހަމަ ކަމާއި އެކު ކުރިއަށް ގެންދިޔުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، ދިރާގަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންޏެކެވެ. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމަށް އަދި މުވައްޒަފުންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތް ޕްރޮމޯޓު ކުރަން ދިރާގުން ދަނީ ތަފާތު ހަރަކާތްތަށް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދަމުންނެވެ. "ޑެސްކަޕް" އަކީ ވެސް މި މޭރުމުން ދިރާގުން ހިންގާ ގިނަހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް