ރެޑްވޭވް ސަލީމް މަސައްކަތްތެރީންނަށް ކުރި މަލާމާތް ކުށްވެރިކުރަން – އެމް.އެލް.އެސް.ޑީ.ޕީ

19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ މެދުގައި، ޕަބްލިކް ސާރވިސް މީޑިއާއިން އިންތިޒާމްކޮށްގެން ބޭއްވި ބަހުސްގައި، އޭދަފުށީ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓެއް ކަމުގައިވާ ހ...

18 Mar 2019 | 06:36

19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ މެދުގައި، ޕަބްލިކް ސާރވިސް މީޑިއާއިން އިންތިޒާމްކޮށްގެން ބޭއްވި ބަހުސްގައި، އޭދަފުށީ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓެއް ކަމުގައިވާ ހ. ފަށަން އަޙްމަދު ސަލީމު ( ރެޑްވޭވް ސަލީމް) ދެއްކި ވާހަކަ ކުށްވެރިކޮށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ނޫސްބަޔާނެއް ނެރެފިއެވެ.

މި ނޫސްބަޔާނުގައި ވާ ގޮތުން، ސަލީމް ދެއްކެވި ވާހަކައިގައި، ރޫމް ބޯއީން މަޖްލީހަށް ވާދަކުރުން ކުފޫހަމަނުވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކާފައިވަނީ ވާދަވެރި ކެންޑިޑޭޓަކަށް ނިސްބަތްކޮށް ކަމަށް ބަޔާންކޮށްފައިވެއެވެ. އޭނާ ނުސީދާކޮށް އިޝާރާތްކުރި ކެންޑިޑޭޓަކީ އެޕާޓީ ގެ ކެންޑިޑޭޓެއްކަމުގައި ޤަބޫލުކުރެވޭ ކަމަށާއި، އޭނާގެ މިޢަމަލަކީ ރާއްޖޭގެ އެންމެހާ މަސައްކަތްތެރިންނަށް މަލާމާތާއި ފުރައްސާރަ ރައްދުވާ، ދަށުދަރަޖައިގެ ޢަމަލަކަށްވާތީ ވަރަށް ހަރުކަށި ޢިބާރާތުން އޭނާގެ މި ނާތަހުޒީބު ޢަމަލު ކުށްވެރި ކުރާކަމަށް މި ނޫސްބަޔާނުގައި ހާމަކޮށްފައި ވެއެވެ.

އަދި އެޕާޓީން ވަނީ، އޭދަފުށީ ދާއިރާގެ އެންމެހާ މަސައްކަތްތެރިންނާއި، އެމީހުންގެ ޢާއިލާތަކުން އަދި މަސައްކަތްކަތްތެރިންނަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުން، މަސައްކަތްތެރިންނާއި ބައިވެރި ވުމުގެ ގޮތުން އަޙްމަދު ސަލީމަށް އިންތިޚާބުގައި ވޯޓު ނުދިނުމަށް ގޮވާލާފައިވެއެވެ. އަދި އޭނާގެ އެ ނާތަހުޒީބު ޢަމަލަށް މަޢާފަށް ނޭދޭނަމަ އޭނާގެ ވިޔަފާރިތައް ބޮއިކޮޓް ކުރުމަށްވެސް އެޕާޓީއިން ވަނީ ގޮވާލާފައެވެ.

މަސައްކަތްތެރިންނަށް އިހާނެތި ބަސްބުނުމާއި އެފަދަ ޢަމަލެއް މިޕާޓީ ވުޖޫދުވެފައިވާ ހިނދު، ތަޙައްމަލް ނުކުރާނެ ކަމުގައި މި ނޫސްބަޔާނުގައި އިތުރަށް ހާމަކޮށްފައި ވެއެވެ. އަޙްމަދު ސަލީމު ފަދަ ރާއްޖޭގެ މަދު ބައެއް މަހުޖަނުން އިންތިހާއަށް ފައިސާ ގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ދައުލަތުގެ ބާރުތައް ފިރުކައިލައިގެން، ދައުލަތުގެ ވަސީލަތްތަކުގެ މައްޗަށް އަތްގަދަ ކުރުމަށް ކުރަމުންދާ މަސައްކަތަކީ އެ ޕާޓީއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، މި ކަމާއިމެދު  ދިވެހި ރައްޔިތުން ފުންކޮށް ވިސްނުމަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޤައުމުގެ ކުރިމަގާއި މެދު ވިސްނައި، މަހުޖަނުންނަށް ފައިސާއަށް ވޯޓު ނުވިއްކުމަށާއި މަސައްކަތްތެރިން ބާރުވެރިކުރުވައި، ރައްޔިތުން ގެ ޙައްޤުތައް ހޯދުމަށް މަސައްކަތްކުރާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެމްއެލްއެސްޑީޕީ އިން ވަނީ މި ނޫސްބަޔާނުގައި އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް