މުހައްމަދު ބުޝްރީ
ރައީސް ނަޝީދު ދައްކަވާ ބައެއް ވާހަކަ ތަކާއި، ކުރައްވާ ބައެއް ކަންތައްތަކަށް ފާޑު ކިޔާ ކޮންމެ މީހަކީ ނަޝީދުއާ ޒާތީ ގޮތުން ޖެހިގެން އުޅޭ މީހެއް ކަމަށް އެމް.ޑީ.ޕީ އަށް ތާއިދު ކުރާ ބައެއް މީހުން ބުނެއެވެ. ނަމަވެސް ކަނޑައެޅިގެން އިސްލާމް ދީނުގެ އުސޫލުތަކަށް ޖަދަލުކޮށް، ރަސޫލުﷲ (ސ.އ.ވ) ގެ ހަދީސް ތަކުން ނާއި ކީރިތި ޤުރުއާނުން ސާފުކޮށް އެގެން ހުރި ކަނތައްތަކުގައި އެއާ އިދިކޮޅަށް ނަޝީދު ވާހަކަ ދެއްކެވުމުން އެކަމާ އަޅާނުލާ، އެއްޗެކޭ ނުބުނެ ތިބުމަކީ މީހާ ފާފަވެރިވާނެ ކަމެކެވެ.
އޭގެ ކުޑަ މިސާލެކެވެ. ދާދިފަހުން ތޮއްޑޫގައި އޮތް އެމް.ޑީ.ޕީ ގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަނގު ރަލުގެ ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާ ވާނެކަމަށެވެ.
"ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި. އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން" ނަޝީދު ވިދާޅުވިއެވެ.
މާނައަކީ ރަލުން ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާބޮޑުވާނެއެވެ. އަދި މުއްސަނދިވާނެއެވެ. މިއީ ނަޝީދުގެ ތިއަރީ އެވެ. ނަޝީދުގެ ފަތުވާއެވެ. ނަމަވެސް ތިރުމީޒީ ރިވާކުރައްވާ ހަދީސެއްގައިވެއެވެ.
Al-Tirmidhi (1295) narrated that Anas ibn Maalik said: The Messenger of Allaah (peace and blessings of Allaah be upon him) cursed ten with regard to alcohol: the one who squeezes (the grapes etc), the one for whom it is squeezed, the one who drinks it, the one who carries it, the one to whom it is carried, the one who pours it, the one who sells it and consumes its price, the one who buys it and the one for whom it is bought.”
ރަސޫލްﷲ (ސ.އ.ވ) ހަދީސް ކުރެއްވިހަދީސެއްގެ މާނާގައި ވެއެވެ: ރަލާއިގުޅޭގޮތުން 10 މީހަކަށް ލައުނަތް ލިބިގެން ވެއެވެ. އެއީ ރާހަދަން މޭބިސް ކަދުރު ފެލާ މީހާ އާއި، އަދި އެ ފެލުވާ މީހާ އާއި، އަދި އެ ބޯމީހާއާއި، އެ ރާ އުފުލާ މީހާއާއި، އަދި އެމީހަކަށްޓަކައި އުފުލެވޭމީހާއާއި، އަދި އެރާ ތައްޓާށްއަޅާ މީހާއާއި، ވިއްކާ މީހާއާއި، އެވިޔަފާރީގެ އަގު ނަގާމީހާއާއި، އެ ރާ ގަންނަ މީހާއާއި އެ ގަނުވާ މީހާއެވެ.
ވީމާ ފަރަންޖީންނާއި ކާފަރުން، އަދި އިސްލާމުންގެ ގޮތުގައި ތިބެވިއަސް ރަލުގެ ވިޔަފާރިކޮށް އެއިން ނަފާ ހޯދާމީހުން އެކުރަނީ ފައިދާބޮޑު ވިޔަފާރިއެއް ކަމަށް ބުނެ އެކަމަށް ހިތްވަރު ދެއްވުމަކީ ނަޝީދު ކުރެއްވި ދީނުގެ އަސާސްތަކާ ހިލާފް ބޮޑު ކުށެކެވެ. އެފަދަ ދީނާ ހިލާފް ވާހަކަ ދައްކަވައި، އެފަދަ ކަންކަމަށް ހިތްވަރު ދެއްވުމުން އެކަމާ ދެކޮޅަށް ޝެއިހުންވެސް އަދި ލިއުންތެރީންނާއި ސިޔާސީ މީހުންވެސް އަދި އާއްމުންވެސް ވާހަކަ ދައްކާނެއެވެ. އެއީ ނަޝީދާ ޒާތީ ވުމެއް ނޫނެވެ.
މިދިޔަ ފެބްރުއަރީ މަހު މާލޭގައި އޮތް އެމް.ޑީ.ޕީ ގެ ކެމްޕެއިން ބައްދަލުވުމެއްގައިވެސް ރައީސް ނަޝީދު މިފަދަ ވާހަކައެއް ދެއްކެވިއެވެ. ނުހަލާލަށް ވިހާ ބައެއް އަންހެނުންގެ ހާލު ބައްލަވަން ވަރަށް ގިނައިން ތިމަން މަނިކުފާނު ވަޑައިގަންނަވާ ކަމަށާއި، އެފަދަ ގިނަފަހަރު ތަކުގައި އިވިވަޑައިގަންނަވާ ވާހަކައަކީ މީހަކާ ކައިވެނި ކޮށްގެން ނެތް އަންހެނެއްނަމަ ނުވިހާ އޮޕަރޭޝަން ކޮށްނުދޭ ވާހަކަ ކަމަށް ނަޝީދު ވިދާޅުވިއެވެ. މާނައަކީ ހުސްހަށިބައިކޮށް ތިބެ ނުހަލާލަށް ވިހާ އަންހެނުންގެ ނުވިހާ އޮޕަރޭޝަން ކޮށްދޭށޭ އެވެ! އަދި އެއިރުން އެމީހުންނަށް "(ބަނޑުބޮޑުވުމުގެ) ބިރަކާ ނުލާ" ޒިނޭ ކުރެވޭނެއޭ އެވެ! މިއީ ޒިނޭއަށް ހިތްވަރު ދެއްވުމުގެ ވާހަކައެއްކަމަށް ސިފަކޮށް ގިނަބަޔަކު އެދުވަސްވަރު ނަޝީދުގެ މިވާހަކައަށް ރައްދު ދިނެވެ.
ނަމަވެސް މިފަދަ އެއްވެސް ވާހަކަ އަކުން ނަޝީދުގެ މަގްބޫލްކަން ކުޑަވާތަނެއް ނުފެނެއެވެ. އިސްލާމް ދީނަށާއި، ރަސޫލްﷲ (ސ.އ.ވ) އަށް ކުޑައިމީސް ބަސް ރައްދުވާފަދަ އެތައް ވާހަކައެއް ނަޝީދު ދައްކަވާއިރުވެސް ސަޕޯޓަރުން ތިބީ ހަމަ ސަޕޯރޓް ކުރުމުގައެވެ. މުންކަރާތް ނަހީކުރަން އެވާހަކަ ދައްކާ މީހުން ވަނީ ނަޝީދުއާ ޒާތީގޮތުން ޖެހިގެން އުޅޭ ބައެއް ކަމަށެވެ.
ހަމަ މިފަދަ އެހެން ވާހަކައެކެވެ. އެމް.ޑީ.ޕީ ގެ ކެންޑިޑޭޓުން ހޮވިއްޖެ ނަމަ ރަށްރަށުގެ، މީހުން އުޅޭ ގޭގޭގެ ހުސް ކޮޓަރި ތަކުގަ ގެސްޓުން ބޭތިއްބޭ ގޮތަށް ހަދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ވިސްނާށެވެ. އެއިރުން، މިހާރު ރަށްރަށުގެ ބީޗްތަކުން ބިކިނީގަ ފެންނަ ގެސްޓުން ދެން ފެނަނާނީ މީހުންގެ ގޭގޭގެ ސިޓިންގް ރޫމް ތަކުން ބިކިނީގަ އުޅޭތަނެވެ. ސުބްހާނަﷲ. ނޭޕާލުން އަންހެނަކު ގެނެސް ގޭގެ ކޮޓާރިގަ ފަތުރުވެރިއެކޭ ކިޔާފަ ބަހައްޓައިގެން ހަށިވެސް ވިއްކުވަން ވީ އެވެ.
ނަޝީދު މިފަދަ ވާހަކަތައް ދައްކަވަމުން މިދާ ރޭޓަށް ބަލާއިރު ދެން އެންމެ އަވަހަށް ދައްކަވާނެ ކަމަށް ފެންނަ ވާހަކަ އަކީ މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ، ހޮޓާ ތަކަށާއި ގެސްޓް ހައުސް ތަކަށް ދޭން ޖެހޭ ވާހަކަ އެވެ. މިއީ ރައީސް ނަޝީދުގެ ވެރިކަމުގައި ކުރައްވަން އުޅުއްވި، އެހަނަސް ގިނަ ބައެއްގެ ދެކޮޅު ހެދުމާ ގުޅިގެން، ނުރެއްވުނު ކަމެކެވެ.
ރަލުގެ ވިޔަފާރި އަކީ ނުހަނު ފައިދާ ހުރި ވާހަކައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެ، ރަލުގެ ވިޔަފާރިއަށް ހިތްވަރު ދެއްވުމުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވި ފަރާތްތަކުގެ ތެރޭގައި ޝެއިހް ޑރ.އިޔާޒް ވެސް ހިމެނެއެވެ. ޑރ.އިޔާޒް މިކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ވަނީ މިފަދައިން ނެވެ:
https://twitter.com/dr_iyaz/status/1105630569113673728?ref_src=twsrc%5Etfw
މުހައްމަދު ނަޝީދު ފަތުރަމުން ގެންދާ ފިކުރު ތަކަކީ އިންތިހާއަށް ނުރައްކާތެރި ފިކުރުތަކެއް ކަމަށާއި، މި ނުރައްކަލުން ސަލާމަތް ވުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭކަމަށާއި، ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިއްމާ އަދާ ކުރަން ޖެހޭ ކަމަށް ޝެއިހް ޑރ.އިޔާޒް ލިއުއްވާފައި ވެއެވެ.
ވީމާ މިދިވެހި ފަސްގަނޑުގައި، އަދި ދިވެހި މުސްލިމުންގެ މެދުގައި އިސްލާމްދީނުގެ ވަހުދަތު ބަލިކަށިވާފަދަ ވާހަކަތައް ރައީސް ނަޝީދު ތަކުރާރުކޮށް ދައްކަވާއިރު އިސްލާމިކް މިނިސްޓްރީ އާއި، ހޯމް މިނިސްޓްރީ އާއި، މޯލްޑިވްސް ޕޮލިސް، އަދި ޕްރޮސެކިޓަރ ޖެނެރަލާއި، ހުދް ރައީސުލް ޖުމްހޫރިއްޔާ ކޮބައިތޯއެވެ؟ މަޖުލިސް މެމްބަރުން ކޮބައިތޯ އެވެ؟ މިއިން ކޮންމެ ބޭފުޅަކީ ވެސް މިޤައުމުގައި އިސްލާމް ދީން ހިމާޔަތް ކުރެއްވުމަށް ހުވާ ކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ. އިސްލާމް ދީނުގެ ދިފާއުގައި މިވަގުތު ނުތެދުވެއްޖެ ނަމަ ފަހުން ކުރެވޭނެ މާބޮޑުކަމެއް ނެތް ހިސާބަށް މިކަންތައް ދިއުމަކީ ދުރު ކަމެއް ނޫނެވެ. ވަގުތު ފާއިތު ނުވަނީސް ނިދީން ހޭލައި ހައްގު ބަސް ބުނުމަކީ ކޮންމެ ފަރުދެއްގެ ވެސް ވާޖިބެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް