ލިވަޕޫލް 1 ވަނައަށް އެރިއިރު، ގަދަ 4 ގެ އުންމީދު ޗެލްސީއަށް ގެއްލެނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ލިވަޕޫލް 2-1 އިން ފުލަމް އަތުން މޮޅުވެ ތާވަލުގެ 1 ވަނައަށް އެރިއިރު، 2-0 އިން އެވަޓަން އަތުން ބަލިވި ޗެލްސީއަށް ގަދަ 4 ގެ އުންމީދު ފަޑުވެއްޖެއ...

18 Mar 2019 | 05:19

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ލިވަޕޫލް 2-1 އިން ފުލަމް އަތުން މޮޅުވެ ތާވަލުގެ 1 ވަނައަށް އެރިއިރު، 2-0 އިން އެވަޓަން އަތުން ބަލިވި ޗެލްސީއަށް ގަދަ 4 ގެ އުންމީދު ފަޑުވެއްޖެއެވެ.

ލިވަޕޫލް ތާވަލުގެ އެއް ވަނައަށް ޖެހިލީ 31 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. އެހެންކަމުން އެއް މެޗު މަދުން ކުޅެފައިވާ ސިޓީ މިރޭ ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ލިވަޕޫލް އަނެއްކާ ވެސް 2 ވަނައަށް ވެއްޓޭނެއެވެ.

އަނެއްކޮޅުން ރޭގެ ބައްޔާއެކު ޗެލްސީ ތާވަލުގެ 6 ވަނައިގައި އޮތީ 57 ޕޮއިންޓާއެކުގައެވެ. އެ ޓީމުގެ މަތިން 5 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެމެދު 1 ޕޮއިންޓްގެ ފަރަގެއް އޮތްއިރު، 4 ވަނައިގައި އޮތް އާސެނަލްއާ ދެމެދު 3 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ރޭ ލިވަޕޫލް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުން ސަޑިއޯ މާނޭ ޖެހި ލަނޑާއެކު ލިވަޕޫލްއަށް ލީޑު ލިބުނެވެ.

އަދި އެ ނަތީޖާގައި ދެ ވަނަ ހާފުގެ ބޮޑުބައި ދިނުމުން އެ ނަތީޖާ ދިފާއު ކުރުމަށްޓަކައި ލިވަޕޫލްއިން ތަޖުރިބާކާރު މިޑްފީލްޑަރ ޖޭމްސް މިލްނާ އެރުވިއެވެ. އެހެނަސް، މިލްނާއަށް ހެދުނު ގޯހެއްގެ ނަތީޖާއަކަށްވީ 74 ވަނަ މިނިޓުގައި ނަތީޖާ ހަމަހަމަވުމެވެ. މިލްނާއަށް އޮޅިގެން ފަހަތަށް ދެވުނު ޕާހެއްގެ ސަބަބުން ގޯލްކީޕަރ އެލިސަން އާއި ޑިފެންޑަރ ވެން ޑައިކްއަށް، އެކަކު އަނެކަކަށް ބޯލަ ދޫކޮށްލެވުމުގެ ފައިދާ ނަގައި ބަބެލް ވަނީ ބޯޅަ ހޯދައި ގޯލަށް ވައްދާލާފައެވެ.

އެހެނަސް، މިލްނާ ވަނީ އޭނާއަށް ހެދުނު ގޯހުގެ ބަދަލުގައި 82 ވަނަ މިނިޓު ލިބުނު ޕެނަލްޓީއަކުން އަލުން ލިވަޕޫލްއަށް ލީޑް ހޯދައިދީ މެޗުން މޮޅު ކޮށްދީފައެވެ.

ރޭގެ ޗެލްސީ އާއި އެވަޓަން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ރަނގަޅަށް ކުޅުނު ނަމަވެސް، އެވަޓަން އިން ވަނީ މުޅި މެޗުގެ މަންޒަރު ދެ ވަނަ ހާފުން އަނބުރާލާފައެވެ. ދެ ވަނަ ހާފު ފެށުނު ތަނުން ރިޗާލިސަން ޖެހި ލަނޑާއެކު އެވަޓަން ލީޑު ނެގިއިރު، ދެ ވަނަ ލަނޑު ޖެހީ ސިގާޑްސަންއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ކީޕަރު ދިފާއުކުރުމުން ދެ ވަނަ ފަހަރަށް ލިބުނު ބޯޅައިން ވަނީ ލަނޑު ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް