ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް ފުރިހަމަކުރި ތިން ސްޓާޓް-އަޕް އަކަށް އުރީދޫ އިން އިންވެސްޓް ކޮށްދެނީ

ނިރު އެކްސެލެރޭޓަރގެ ފުރަތަމަ ޑެމޯ ބާއްވައި، 16 ހަފްތާގެ އެކްސެލެރޭޓަރ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ތިން ސްތާޓް-އަޕް ކުންފުނިތަކުގެ ހިދުމަތް ދައްކާލައިފިއެވެ. ހޮޓެލް ޖެންގައި ރޭގައި ބޭއްވި މި އިވްނެޓ...

18 Mar 2019 | 04:58

ނިރު އެކްސެލެރޭޓަރގެ ފުރަތަމަ ޑެމޯ ބާއްވައި، 16 ހަފްތާގެ އެކްސެލެރޭޓަރ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ތިން ސްތާޓް-އަޕް ކުންފުނިތަކުގެ ހިދުމަތް ދައްކާލައިފިއެވެ.

ހޮޓެލް ޖެންގައި ރޭގައި ބޭއްވި މި އިވްނެޓްގައި، އިންވެސްޓްކޮށް އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސީޑް-ފަންޑިންގ ފޯރުކޮށްދީފައިވަނީ، އައިޑިއަނައިޒް، ކުނބު އަދި ބީ2ބީ މޯލްޑިވްސްއަށެވެ.

އައިޑިއަނައިޒް ކުންފުންޏަކީ ފަސޭހައިން ދޭހަވާނޭ ގޮތަށް ޖަވާބު ފޯރުކޮށްދޭ ކޮންވަޒޭޝަން އެޖެންޓު ނުވަތަ ޗެޓްބޮޓްތައް ފަރުމާކޮށް، ވިޔަފާރިތައް ޑިޖިޓަލް ކޮށްދޭ ކުންފުންޏެކެވެ. ކުނބު ކުންފުންޏަކީ ފަސޭހަކާމާއެކު އުޅަނދުތައް ހޯދައި، ދަތުރުތަކަށް ޓިކެޓް ނަގައި އަދި އުޅަނދުތައް ކުއްޔަށް ނުގެމަށް ބޭނުންކުރާނެ ސެންޓްރަލައިޒް ކޮށްފައިވާ ސީ ޓްރާންސްފާ މެނޭޖްމަންޓް ސިސްޓަމެކެވެ. ތިންވަނަ ކުންފުނި ކަމަށްވާ ބީ2ބީ މޯލްޑިވްސްއަކީ، އިންޓެގްރޭޓެޑް ލޮޖިސްޓިކް އަދި ސަޕްލައި ސޮލިއުޝަންތައް ފޯރުކޮށްދޭ ބީ2ބީ ޕްލެޓްފޯމެކެވެ.

ރޭގެ އިވެންޓް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.  މީގެ އިތުރުން، ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ސައީދުގެ އިތުން، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރާއްޖޭގެ ކުދި ވިޔަފާރިތަކާއި އެންޓަޕްރިނިއާޝިޕްގެ ދާއިރާއިން ފުންނާބު އުސް ބޭފުޅުންވެސް ވަނީ ރޭގެ އިވެންޓްގައި ބައިވެރިވެވަޑައިގެންފައެވެ.

ނިރުގެ ފުރަތަމަ ފިޔަވަހި ވަރަށް ކާމިޔާބުކަމާއި އެކު ކުރިއަށްގޮސްފައިވާއިރު، އަޅުގަނޑުމެންގެ މި ދަތުރުގައި އެހާ އުފެއްދުންތެރި އަދި މަސައްކަތަށް ޝައުގުވެރިވާ ޓީމްތަކެއް ހިމެނުމަކީ، އުރީދޫ އަށް ލިބުނު އުފަލެއް ކަމަށް އުރީދޫގެ ސީއީއޯ ނަޖީބް ޚާން ރޭގެ އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. ނަޖީބް އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމުގެ އަމާޒަކީ، ރާއްޖޭގެ ސްޓާޓް-އަޕް އީކޯސިސްޓަމް އިތުރަށް ވަރުގަދަކޮށް، އަޅުގަނޑުމެންގެ މުޖުތަމައުގައި ހިމެނޭ ޒުވާން ވިޔަފާރިވެރިންގެ ހުނަރުތައް ބިނާކުރުމާއި އެކު، ކުރިއެރުމުގެ ފުރުސަތުތަކާއި ގުޅުވާލަދިނުންކަމަށެވެ. ނިރުގެ ފުރަތަމަ އަހަރުގެ ތަޖުރިބާ އާއި އެކު، ބައިނަލްއަޤްވާމީ ވިޔަފާރީގެ ދާއިރާގައި ރާއްޖޭގެ ޒުވާނުންނަށް ކާމިޔާބީ ހޯދޭނެކަމާއި މެދު އަޅުގަނޑުމެންގެ ޔަގީންކަން އިތުރަށް ވަރުގަދަވެފައިވާކަމަށާއި، އަދި މިއަހަރުގެ ޕްރޮގްރާމުގެ އަލީގައި، އުރީދޫއިން މަސައްކަތްކުރާނީ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް އިތުރަށް ބިނާކޮށް، ބައިވެރިންނަށާއި، ރާއްޖޭގެ ވިޔަފާރީގެ ވިއުގައަށް އިތުރު ފައިދާތަކެއް ފޯރުކޮށްދިނުމަށް ކަމަށްވެސް ނަޖީބް ވިދާޅުވިއެވެ.

ނިރު އެކްސެލެރޭޓަރ އަކީ ދިވެހި މުޖުތަމަޢަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި އެކްސެލެރޭޓާރ ޕްރޮގްރާމުގައި ބައިވެރިވެވެނީ،  އުރީދޫ އާއި ޑައިލޮގް އެކްޒިއާޓަރ ޕލސ. ގެ އައިޑިއާމާޓް ގުޅިގެން ކުރިއަށްގެންދިޔަ ނިރު ހެކަތަންގައި ވާދަކޮށް ހޮވުނު ޓީމްތަކަށެވެ.

މިގޮތުން އެކްސެލެރޭޓަރަށް ހޮވާލެވުނު ޓީމް ތަކަށް ވަނީ 12 ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއްގެ އިތުރުން، މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް، އަދި ދާއިރާގެ ފަންނުވެރިންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވިފައެވެ. ޓްރެއިނިންގް ޕްރޮގްރާމް ނިމުމަކަށް އައުމާއި އެކު، ސީޑް ފަންޑިންގ ފޯރުކޮށްދިނުމުގެ އިތުރުން، އެހެނިހެން އިންވެސްޓްމަންޓު ހޯދުމަށްޓަކައި ސަރުކާރުގެ އޮފިޝަލުން، އަދި ރާއްޖެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ސްޓާޓްއަޕްތައް ޕިޗްކޮށް، އިތުރު ކުރިއެރުން ފަހިކޮށްދިނުމަށް އުރީދޫ އިން ދަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް