ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ހެޓްރިކް އަކާއެކު ރިއަލް ބެޓިސް އަތުން 4-1 ގެ ނަތީޖާއިން ހޯދި މޮޅާއެކު، އެ ޓީމު ސްޕެނިޝް ލީގު ތާވަލުގެ 1 ވަނައިގައި 10 ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ. ފަސޭހަ މޮޅަކާއެކު ބާސެލޯނާގެ ލީޑު ފުޅާވެ، ލީގު ހޯދުމުގެ ރޭސް ފަސޭހަ މިވީ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް މި ހަފުތާގައި ކުޅުނު މެޗުން އެ ޓީމު ބަލިވުމުންނެވެ. ބިލްބާއޯ އަތުން އެތުލެޓިކޯ ބަލިވީ 2-0 އިންނެވެ.
މުޅި މެޗުގައި ވެސް ބާސާއިން، ޚާއްސަކޮށް ލިއޮނަލް މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، މެސީ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއަށް 2 ލަނޑު ޖަހައިދީފައެވެ.
މެސީ ކާމިޔާބު ކޮށްދިން ބާސާގެ ފުރަތަމަ ލަނޑަކީ، ހިތްގައިމު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ. ދެ ވަނަ ލަނޑަކީ ލުއިސް ސުއަރޭޒް ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެގަނެ، ބެކްހީލް އިން ޖައްސާލި ޕާހަކުން މެސީ ކާމިޔާބު ކުރި ލަނޑެކެވެ.
ފުރަތަމަ ހާފުގައި ބެޓިސް އިން ވެސް ކޮންމެ ވެސް ވަރަކަށް ބާސާގެ ގޯލަށް ނުރައްކާކުރި ނަމަވެސް އެ ޓީމަށް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.
ދެ ވަނަ ހާފު ފެށިގެން މެޗުގެ 63 ވަނަ މިނިޓުގައި ބާސެލޯނާއިން ވަނީ 3 ވަނަ ލަނޑަކާއެކު 3 ޕޮއިންޓް ކަށަވަރުކޮށްފައެވެ. ޕީކޭ ދިން ބޯޅައަކުން މި ލަނޑު ޖެހީ ބާސާގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ.
ބާސާގެ 3 ވަނަ ލަނޑަށްފަހު މެޗުގެ 82 ވަނަ މިނިޓުގައި ބެޓިސް އިން ވަނީ ލަނޑެއް ޖަހައި އުންމީދެއް ހޯދާފައެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ލޯރެން މޯރޯންއެވެ.
ބެޓިންގެ ލަނޑަށްފަހު ގިނައިރުތަކެއް ނުވެ މެސީ ވަނީ އިތުރު ލަނޑެއް ޖަހާ ހެޓްރިކް ފުރިހަމަކޮށްފައެވެ.
ރޭގެ މެޗު ނިމެން ދަނިކޮށް ބާސާގެ ފޯވާޑް ލުއިސް ސުއަރޭޒްއަށް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ.
އިންޓަނޭޝަނަލް ބްރޭކްއަށް ފަހު ބާސާ ދެން ލީގުގައި ނުކުންނާނީ ކަޓަލަން ޑާބީ މެޗަށެވެ. އެސްޕަންޔޯލް އާ ދެކޮޅަށް ކުޅޭ އެ މެޗު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް