ލީގުގައި ޔުވެންޓަސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް

އިޓާލިއަން ލީގުގެ މި ސީޒަންގައި ބައްޔެއް ނުވެ މިހާ ހިސާބަށް އައި ޔުވެންޓަސްއަށް ރޭ ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހިއްޖެއެވެ. ރޭ އެ ޓީމު ކުޅުނު މެޗުން ޖެނޯއާ އަތުން ބަލިވީ 2-0 ގެ ނަތީޖާއިންނެވެ. ރޭގެ ...

18 Mar 2019 | 02:37

އިޓާލިއަން ލީގުގެ މި ސީޒަންގައި ބައްޔެއް ނުވެ މިހާ ހިސާބަށް އައި ޔުވެންޓަސްއަށް ރޭ ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހިއްޖެއެވެ. ރޭ އެ ޓީމު ކުޅުނު މެޗުން ޖެނޯއާ އަތުން ބަލިވީ 2-0 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޖެނޯއާއިން ބޮޑަށް ނުރައްކާ ކުރިއިރު، ޔުވެންޓަސްއަށް އެންމެ ހަމަލާއެއް ވެސް ގޯލަށް އަމާޒުކޮށް ނުލެވުނެވެ. އެ ޓީމުގެ އެޓޭކިންގ ފެނުނީ ބަލިކަށިކޮށެވެ.

ދެ ވަނަ ހާފު ފެށިގެން ކުރީކޮޅު ޔުވެންޓަސްއަށް ލީޑު ލިބުނުކަމަށް އެ ޓީމަށް ހީކުރެވުނަސް، ޑައިބަލާ ޖެހި ލަނޑު ލަނޑެއް ނޫންކަމަށް ވީއޭއާރ ރިވިޔު އިން ނިންމީ، އެ ލަނޑު ޖެހުމަށް އުފެއްދި ހަމަލާފައި އޮފްސައިޑް ބޯޅައެއް ކުޅެފައިވާތީއެވެ.

ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އަރާމުކުރަން ވަގުތު ދިނުމަށް ރޭގެ މެޗަށް ރޮނާލްޑޯ ނުނެގުމުން ޔުވެންޓަސްގެ އެޓޭކްތައް ބަލިކަށިކޮށް ފެނުނުއިރު، މެޗުގެ 72 ވަނަ މިނިޓުގައި ގެނޯއާ އިން ވަނީ ޔުވެންޓަސްގެ ގޯލު ފޫއަޅުވާލާފައެވެ. މި ލަނޑު ޖަހައިދިނީ ޔުވެންޓަސް އިން ލޯނު އެއްބަސްވުމެއްގެ ދަށުން ޖެނޯއާއަށް ކުޅެމުން އަންނަ ސްޓްރާރޯ އެވެ.

ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަ ކޮށްލުމަށް މާކަ ބޮޑުކަމެއް ނުކުރެވުނުއިރު، ޖެނޯއާގެ ޕަންޑޭވް ވަނީ އިތުރު ލަނޑެއް ޖަހާ އެ ޓީމަށް 3 ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

ކުރިއަށް އިންޓަނޭޝަނަލް ބްރޭކް އޮތްއިރު، އޭގެ ފަހުން ޔުވެންޓަސް ދެން ނުކުންނާނީ ލީގުގައި ފޯމު ކަޓާފައި އޮތް އެމްޕޮލީއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް