އިސްލާމީ ގައުމު ތަކުގެ ވެރީން އަނިޔާވެރި ކަމާއި ކޮރަޕްޝަނާއި ނޭއްގާނި ކަމުގެމަތީގައި ތިބެ ދީން ޙިމާޔަތް ކުރާ ވާހަކަ ދެއްކުމަކީ ޒުވާން ޖީލު ދީނާއި ދުރަށް ދިއުމުގެ އެއް ސަބަބު ކަމުގައި އަދާލަތު ޕާޓީގެ ނައިބުރައީސް ޑރ. މައުރޫފް ހުސެއިން ވިދާޅުވެއްޖެ އެވެ.
ޑރ .މައުރޫފް މިހެން ވިދާޅުވެފައިވަނީ ޝެއިޚް އާދަމް ނިޝާން އޭނާގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގެ ސްކްރީންޝޮޓާއެކު ކޮށްފައިވާ ޓްވީޓެއްގައި އެވެ.
"ޢަދުލުވެރި ކަމަކީ ދީނުގެ އެންމެ މުހިއްމު އެއް މަގްސަދެވެ!" ޑރ. މައުރޫފްގެ ޓްވީޓްގައި ވެ އެވެ.
ޑރ. މައުރޫފް ޓްވީޓް ކުރައްވާފައިވާ، ޝެއިޚް ނިޝާންގެ ފޭސްބުކް ޕޯސްޓްގައި ބުނެފައިވަނީ މިއަދު ގިނަ އިސްލާމީ ގައުމުތަކުގައި ޒުވާނުން އިސްލާމްދީނުގެ ސައްހަ އަގީދާ އާއި ދުރުހެލިވެ ހުޅަނގުގެ ކުރުފާއި ޝިރުކުގެ ސެކިއުލާރ އެތީސްޓް ފިކުރަށް ފަސޭހައިން ލެނބި، އެމީހުންގެ ގޮވެލި ފަތީގައި ޖެހޭ އެއް ސަބަބަކީ އިސްލާމީ ގައުމުތަކުގެ އިސް ވެރީން އިސްލާމީ ހިދާޔަތާއި އިސްލާމީ ޝަރީއަތް ދޫކޮށްލާ، ޚުދުމުހުތާރު އަނިޔާވެރިކޮށް ވެރިކަން ކޮށް، ވައްކަމާއި ފޭރުމާއި ފަސާދައާއި އަދި އެނޫންވެސް ފާހިޝް މުންކަރާތްކަތަށް ފާޅުގައި އަރައިގަނެ އަދި އެކަންކަން ފަތުރާ ހެދުމަށްފަހު، އެމީހުންގެ އެ މުންކަރާތްތައް ފޮރުވައި މަތިޖެހުމަށް، އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ކަމަށެވެ.
މިފަދަ ވެރީންގެ ސަބަބުން ކާފަރުންނަށް އެމީހުންގެ ކުފުރުގެ ޕްރޮޕެގަންޑާ އިސްލާމީ ގައުމުތަކުގައި ހިންގަން މަގުފަހިވެ، އެކަން ހިލޭ ސާބަހަށް ކޮށްދޭނެ މީހުން ވެސް މުޖްތަމައުތަކުން ލިބިގެންދާކަމުގައިވެސް ޝެއިޚް ނިޝާންގެ ފޭސްބުކް ޕޯސްޓްގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް