ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓު ހޮނޑާފުށި އައިލެންޑް ރިސޯޓު މިއަދު ހުޅުވައިފި އެވެ.
ރިސޯޓު މިއަދު ހުޅުވީ އެއްބައި ހެދުމަށް ފަހު އެވެ. އެ ރިސޯޓަކީ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ހަމްޒާގެ އާއިލީ ކުންފުނި ތްރީ އޭ ކުންފުނީގެ ރިސޯޓެކެވެ.
މިއަދު ހިދުމަތް ދޭން ފެށީ 80 ކޮޓަރިއާއި އެކު އެކު އެވެ. އެ ކުންފުނިން ބުނީ އެއްކޮށް ރިސޯޓު ނިމޭއިރު 400 ކޮޓަރި އެ ރިސޯޓުގައި ހުންނާނެ ކަމަށެވެ. އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ ދެ އަހަރެއްވަރު ފަހުންނެވެ.
ހުސް ބީޗް ވިލާސް ހުންނަ ރިސޯޓަށް މިއަދު ފުރަތަމަ ދިޔައީ، ނުވަ ކޮޓަރި އަށް 18 ގެސްޓުންނެވެ. ބާކީ ހުރި ކޮޓަރިތައް މާދަމާއިން ފެށިގެން ފުރޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މުޅި ރިސޯޓު އެއްކޮށް ނުނިމުނު ނަމަވެސް ގެސްޓުންނަށް ދޭންވާ ހުރިހާ ހިދުމަތެއް ފުރިހަމައަށް ދެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.
މި ރިސޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަ މަސް ފަހުންނެވެ.
މި ރިސޯޓު ހުޅުވުމުން ހދ. އަތޮޅުގެ ރައްޔިތުންގެ ބޮޑު ޝަކުވާއަކަށް ނިމުމެއް އައީ އެވެ. އެ އަތޮޅުގެ ރައްޔިތުން ދިޔައީ ޓޫރިސްޓު ރިސޯޓެއް އެ އަތޮޅުގައި ނޯންނާތީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ.
ހޮނޑައިދޫ އަކީ 56 ހެކްޓަރުގެ ބޮޑު ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް