މަޖިލީސް މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންއަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.
ފާރިސްގެ ވަކީލު އިބްރާހިމް ޝަމީލް މިއަދު ކުރެއްވި ޓުޥީޓެއްގައި ވިދާޅުވީ ފާރިސްއަށް އަނިޔާކޮށްގެން ތަހުގީގު ހިންގާ މައްސަލަ އެކޮމިޝަނުން ބަލަމުންދާކަން އޭނާއަށް އަންގާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް އެޗްއާރުސީއެމްގެ ފަރާތުން ފާރިސްއަށް ޒިޔާރަތް ކުރިކަމެއް ނުވަތަ ނޫންކަމެއް ޔަގީން ނުކޮށްދޭ ކަމަށެވެ.
https://twitter.com/IbrahimShameel/status/975227286944272384
ފާރިސްގެ ވަކީލުން ވިދާޅުވީ އޭނާއަށް އަނިޔާވީ ހުކުރު ދުވަހު ވަކީލުން ނެތި ފާރިސް އާއި ތަހުގީގުގައި ސުވާލު ކުރުމަށް ކަމަށް ބުނެ ބިޑި އަޅުވައިގެން ގަދަކަމުން ގޮޅިން ނެރެން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެކްސްރޭއެއް ނަގަން މާލެ ގެނެސްފައި ވަނީ ފަރުވާ އަށް އެދުނުތާ 24 ގަޑިއިރު ފަހުން ކަމަށެވެ.
ފާރިސް އެކްސްރޭ އެއް ނެގުމަށް މާލެ ގެނައީ ރޭ ދަންވަރު 12:00 ހާއިރު އެވެ. އޭނާގެ އަތަށާއި ކޮނޑަށް އަނިޔާވެފައިވާތީ ބެންޑޭޖާއިއެކު އަތް އޮތީ ހިފަހައްޓާފައެވެ.
ފާރިސް މައުމޫންގެ ގާނޫނީ ވަކީލު އަލްއުސްތާޒު މައުމޫން ހަމީދު ވިދާޅުވީ އޭނާ ގަދަކަމުން ގޮޅިން ނެރެން މަސައްކަތް ކުރީ ހަ ފުލުހަކު ވެގެން ކަމަށެވެ. އެކަމަކު ވަކީލުންގެ ހާޒިރުގައި ނޫނީ ސުވާލުތަކަށް ޖަވާބު ނުދޭނެ ކަމަށް ވިދާޅުވެ ފާރިސް ތަހުގީގަށް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.
އެ ހާދިސާ އާއި ގުޅިގެން މިހާރު ފާރިސްގެ ގޮޅި ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން މިހާރު ފާރިސް މައުމޫން ބަހައްޓާފައި ހުންނަނީ އެއްވެސް އަލިކަމެއް ނެތް އަދި ފަންކާއެއްވެސް ނެތް ގޮޅިއެއްގައިކަމަށް ވަކީލް ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފާރިސް ބަންދުކުރިތާ 40ވުރެ ގިނަ ދުވަސްވަނީ ވެފައެވެ. އޭނާ ހައްޔަރު ކުރީ މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި އެވެ. އެކަމަކު ދައުލަތުން ފާރިސް އާއި ދެކޮޅަށް ހުށަހެޅި ހެކި ވަނީ އޭނާއަށް ފާރިސް ރިޝްވަތު ނުދޭ ކަމަށް ކޯޓުގައި ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް