އަންނަ މަހު ސިންގަޕޫރުގައި ބާއްވާ އޭޝިއަން ޕޭސްޓްރީ ކަޕްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވާން ނިންމައިފި އެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމަށް ތިން ޝެފުން ވާދަ ކުރާނެ އެވެ. އެއީ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގެ ޝެފް އާމިނަތު ހަމީދު، ސޮނެވާ ފުށީގެ ޝެފް އިބްރާހިމް ފަރީދުގެ އިތުރުން ހުޅުލެ އައިލަންޑް ހޮޓެލްގެ ޝެފް އިންދްރަ ކުމާރް ލިމްބޫ އެވެ.
މި ތިން ބައިވެރިންވެސް ބުނީ މިފަދަ މުބާރާތަކުން ފުރުސަތު ލިބުމުން އުފާ ކުރާ ކަމަށާއި އުންމީދަކީ ރާއްޖެއަށް ރަން ވަނައެއް ހޯދައި ދިނުން ކަމަށެވެ. އަދި މިފަދަ މުބާރާތްތަކުގައި ބައިވެރިވުމުން ބައިނަލް އަގުވާމީ ފެންވރުގައި މަސައްކަތް ކުރުމަށް ދިވެހި ޝެފުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް ބުންޏެވެ.
މި ތިން ބައިވެރިންގެ ދަތުރުގެ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް (އެމްއީސީއެސް) އިންނެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 ގައި އެވެ.
މި މުބާރާތަކީ ސަރަހައްދުގެ ހުރިހާ ގައުމަކުން ގިނަ އަދަދެއްގެ ޝެފުން ބައިވެރިވެގެން އެގްޒިބިޝަނަކާވެސް އެކު ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި މާކްސް ދިނުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ކެއްކުމުގެ ހުނަރާއި، ޑިޒައިން ކުރުމާއި އެތުރުމުގެ ވައްޓަފާޅީގެ އިތުރުން ހުށަހަޅައި ދިނުމުގެ ވައްޓަފާޅި ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް