ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ދޫނިދޫ ޖަލުން މާލެ ގެނެސް އެކްސްރޭއެއް ނަގައިފި އެވެ.
އެކްސްރޭ ނަގަން ފާރިސް މާލެ ގެނައީ ރޭ ދަންވަރު 12:00 ހާއިރު އެވެ. ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވީ އެކްސްރޭއެއް ނަގަން ޖެހުނީ ފުލުހުންގެ އިހުމާލުން އޭނާގެ އަތާއި ކޮނޑަށް ގެއްލުމެއް ވެގެން ކަމަށެވެ. މާލެ ގެނައިރު އޭނާގެ އަތާއި ގޮނޑަށް އަނިޔާވުމުން ބެންޑޭޖާއިއެކު އަތް ވަނީ ހިފަހައްޓާފައެވެ.
ފާރިސްގެ ވަކީލުން ވިދާޅުވީ އެ ހާދިސާ ހިނގީ ހުކުރު ދުވަހު ވަކީލުން ނެތި ފާރިސް އާއި ތަހުގީގުގައި ސުވާލު ކުރުމަށް ކަމަށް ބުނެ ބިޑި އަޅުވައިގެން ގަދަކަމުން ގޮޅިން ނެރެން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެކްސްރޭއެއް ނަގަން މާލެ ގެނެސްފައި ވަނީ ފަރުވާ އަށް އެދުނުތާ 24 ގަޑިއިރު ފަހުން ކަމަށެވެ.
ފާރިސް މައުމޫންގެ ގާނޫނީ ވަކީލު އަލްއުސްތާޒު މައުމޫން ހަމީދު ވިދާޅުވީ އޭނާ ގަދަކަމުން ގޮޅިން ނެރެން މަސައްކަތް ކުރީ ހަ ފުލުހަކު ވެގެން ކަމަށެވެ. އެކަމަކު ވަކީލުންގެ ހާޒިރުގައި ނޫނީ ސުވާލުތަކަށް ޖަވާބު ނުދޭނެ ކަމަށް ވިދާޅުވެ ފާރިސް ތަހުގީގަށް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.
އެ ހާދިސާ އާއި ގުޅިގެން މިހާރު ފާރިސްގެ ގޮޅި ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން މިހާރު ފާރިސް މައުމޫން ބަހައްޓާފައި ހުންނަނީ އެއްވެސް އަލިކަމެއް ނެތް އަދި ފަންކާއެއްވެސް ނެތް ގޮޅިއެއްގައިކަމަށް ވަކީލް ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފާރިސް ބަންދުކުރިތާ 40ވުރެ ގިނަ ދުވަސްވަނީ ވެފައެވެ. އޭނާ ހައްޔަރު ކުރީ މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި އެވެ. އެކަމަކު ދައުލަތުން ފާރިސް އާއި ދެކޮޅަށް ހުށަހެޅި ހެކި ވަނީ އޭނާއަށް ފާރިސް ރިޝްވަތު ނުދޭ ކަމަށް ކޯޓުގައި ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް