މޮރޮކޯގައި މުޒާހަރާ ކުރުން މަނާކޮށްފައިވަނިކޮށް އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ އަޑު އުފުލައިފި އެވެ.
މިދިޔަ ހުކުރު ދުވަހު މޮރޮކޯގައި މި މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ ކުރިން ކޮށްފައިވާ މުޒާހަރާގައި ހައްޔަރު ކުރި މީހުން ދޫކޮށްލުމަށާއި އަދި އިގްތިސާދީ ބަދަލެއް ގެނެސްދިނުމަށް ގޮވާލަމުންނެވެ.
މި މުޒާހަރާތައް ކުރިއަށް ގެންދަނީ މޮރޮކޯގެ ޖެރާޑާ ޓައުނުގައި އެވެ. އެ ޓައުނުގެ ރައްޔިތުން މުޒާހަރާއަށް ނިކުމެފައިވަނީ އިގްތިސޯދީގޮތުން އާމްދަނީ ހޯދާނެ މަގެއް ސަރުކާރުން ހޯދައިދީފައި ނުވާތީ އެވެ.
ޖެރާޑާގެ ރައްޔިތުން އާމްދަނީ ހޯދުމަށް އާންމުގޮތެއްގައި ކޮށް އުޅޭ ކަމަކީ ރަން ހޯދުމަށް ކޮނުމެވެ. އެކަން ވެސް ކޮށްއުޅެނީ ރައްޔިތުން އަމިއްލައަށް ކަމުން އެކަމަކީ އިންތިހާއަށް ނުރައްކާތެރިކަން ބޮޑު، އަދި އަހަރަކު އެތައް ބައެއްގެ ފުރާނަ ގެއްލޭ ނުރައްކާތެރި މަސައްކަތަކަށް އޮންނަނީ ވެފަ އެވެ. އެހެންކަމުން މުޒާހަރާގެ ބައިވެރިންގެ ޑިމާންޑަކީ އިގްތިސާދީ ގޮތުން އެ ޓައުނަށް އިތުރު ގޮތެއް ހޯދައި ދިނުމެވެ.
މި މުޒާހަރާތައް ފުރަތަމަ ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެދުވަހު މުޒާހަރާ ކޮންޓްރޯލު ކުރަން ނިކުތް ފުލުހުންނާ މުޒާހަރާގެ ބައިވެރިން ކުރިމަތިލި އެވެ. ހިނގި ކުރިމަތިލުންތަކުގައި 200 އަށްވުރެ ގިނަ މީހުން ޒަހަމްވި ކަމަށާއި ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ ފުލުހުން ކަމަށް ރިޕޯޓް ކޮށްފައި ވެ އެވެ. އެދުވަހުގެ މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރު ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް