ގެވެށި ފަރުވާ: މޫސުމީ ރޯގާތަކާއި ބަލިތަކުން ސަލާމަތް ވުމަށް ކުރެވިދާނެ ބައެއް ކަންކަން

"މިދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް، ކުރަމުންދާ ވިއްސާރަޔާ ގުޅިގެން، އަރިދަފުސް ރޯގާ އަދި މިނޫންވެސް އެހެން ގައިންގައިން އަރާ ބަލިތައް އިތުރުވެގެން ދިޔުމުގެ ފުރުސަތު އޮތުމުން ތިރީގައި ބަޔާން ކު...

17 Mar 2018 | 22:11

"މިދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް، ކުރަމުންދާ ވިއްސާރަޔާ ގުޅިގެން، އަރިދަފުސް ރޯގާ އަދި މިނޫންވެސް އެހެން ގައިންގައިން އަރާ ބަލިތައް އިތުރުވެގެން ދިޔުމުގެ ފުރުސަތު އޮތުމުން ތިރީގައި ބަޔާން ކުރެވިފައިވާ ކަންކަމަށް މިދުވަސްވަރު ހާއްސަ ސަމާލުކަމެއް ދެއްވުންއެދެމެވެ"

މިއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަރިދަފުސް ރޯގާ އާއި ގުޅޭގޮތުން މިދިޔަ އަންގާރަ ދުވަހު ނެރެފައިވާ ނޫސްބަޔާނުގައިވާ އިބާރާތް ކޮޅެކެވެ. ރާއްޖޭގައި ފެތުރެމުން އަންނަ ބަލިތަކާއި އެދުވަސްވަރެއްގައި އާންމުކޮށް ޖެހޭ ބަލިތައް އެންމެ ރަނގަޅަށް އެނގިލައްވާނީ ހެލްތު މިނިސްޓްރީ އަށާއި އަދި އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާ ތަކަށެވެ. އެހެންކަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެ ނޫސްބަޔާނާއެކު އަހަރެމެން ދިވެހިން މިވަނީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ޖެހިފައި އެވެ.

ފުންނާބު އުސް ޑޮކްޓަރުން ލަފާ ދެއްވާގޮތުގައި ބަލި މޫސުމީ ބަލިތަކާއި ރޯގާތަކުން ސަލާމަތްވުމަށް ފިޔަވަޅު ނޭޅޭނަމަ އެ މޫސުމެއްގައި ތިބާއަށް ނުވަތަ ތިބާ ލޯބިވާ އާއިލާގެ މެމްބަރުންނަށް މޫސުމީ ބަލިތައް ޖެހުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ.

ބައެއް މީހުން ދެކޭގޮތުގައި މޫސުމީ ރޯގާއެއް ޖެހި ހަފްތާއެއްގެ ސްކޫލު ކެންސަލް ވިޔަސް ނުވަތަ ވަޒީފާއަށް ނުގޮސް ދެތިން ދުވަހު އޮންނަން ޖެހުނަސް އެއީ މާ ބޮޑު ކަމަކަށް ނުވެ އެވެ. ނަމަވެސް އެނގެނީ ކިހިނެއްތޯ އެވެ. ނޭވާ ހިއްލާ ބައްޔާއި، ހިތުގެ ބޮޑެތި ބަލިތަކާއި، ހަކުރު ބައްޔާއި ހަށިގަނޑުގެ ދިފާއީ ބާރު ބަލިކަށިކޮށްލާ ބޮޑެތި ބަލިތައް ޖެހެނީ މިފަދަ ކުދި ބަލިތަކުން ކަން އަހަރެމެން ހަނދައިނަށް ގެނެސް ފަރުވާތެރިކަމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެބަ ޖެހެ އެވެ.

އެހެންކަމުން މި ލިޔުމުގައި މި ބަލައިލަނީ މޫސުމީ ބަލިތަކާއި ރޯގާތަކުން ސަލާމަތް ވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.

ވެކްސިން

ތަޖުރިބާކާރު ޑޮކްޓަރުން ލަފާ ދެއްވާ ގޮތުގައި މޫސުމީ ބަލިތަކުން ސަލާމަތް ވުމަށް ކުރެވިދާނެ އެއް ކަމަކީ ފްލޫ ވެކްސިން ޖެހުމެވެ. ނިމި ދިޔަ އަހަރު ރާއްޖޭގައި މިފަދަ މޫސުމީ ރޯގާތަކުގައި އެޗް1އެން1 ފަދަ ނުރައްކާތެރި ވައިރަސްތައް ފެތުރި ބައެއް ދިވެހިންގެ ފުރާނަ ވެސް ގެއްލުނެވެ. މާސްކް އަޅައިގެންވެސް އަހަރެމެން އުޅުނީމު އެވެ. ވެކްސިން ޖެހުމަށް ކިއުގައިވެސް ޖެހުނީމު އެވެ. އެހެންކަމުން މިފަދަ ހާލަތެއް އައުމުގެ ކުރިން، ރަށުގެ ސިއްހީ މަރުކަޒުގައި ނުވަތަ ހޮސްޕިޓަލުގައި ފްލޫ ވެކްސިން ހުރި ނަމަ (ހާއްސަ ގޮތެއްގައި) ކުޑަކުދިންނަށް ދުރާލާ ވެކްސިން ދިނުން މުހިންމު ކަމުގައި ބެލެވެ އެވެ.

ޖަރާސީމާ ދުރުވުމަށް ދުރާލާ ފިޔަވަޅު އެޅުން

ބަލި ޖެހިފައިވާ މީހަކު ކައިރީގައި އުޅޭނަމަ، އެމީހަކު ކެއްސާ ކިނބިހި އަޅާނަމަ މޫސުމީ ރޯގާ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ދައުރު ވުމުގެ ފުރުސަތު އިންތިހާ އަށް އޮވެ އެވެ. އަދި މުޖްތަމައެއްގައި ބަލިމަޑުކަމެއް ފެތުރެމުން އަންނަ ހިނދެއްގައި ހިފާގެންގުޅޭ ބައެއް ތަކެތިންނާއި އާންމުކޮށް އަތްލެވޭ ބައެއް ތަކެތީގެ ޒަރީއާއިންވެސް ހަށިގަނޑުގެ ތެރެއަށް ޖަރާސީމު ވަންނަ ގޮތް ވެ އެވެ.

އެފަދަ ގޮތަކަށް ޖަރާސީމު ހަށިގަނޑަށް ވަންނަ ނަމަ އެންމެ ފުރަތަމަ ޖަރާސީމު އެކުލެވެނީ އަތުގައި ކަމަށްވުމުގެ ފުރުސަތު ބޮޑެވެ. އަދި އަތުން ލޮލުގައި އުނގުޅާ ނޭފަތުގައި އުނގުޅައި އަދި މޫނާއި އަތްތިލަ ކައިރިވާ ހިނދުގައި ހަށިގަނޑުގެ ތެރެއަށް ޖަރާސީމު ފެތުރިގަނެ އެވެ.

އެހެންކަމުން މޫސުމީ ރޯގާއެއް ފެތުރެމުން އަންނަހިނދު، ގިނަ ގިނައިން އަތް ދޮވުމާއި، ސެނިޓައިޒާ ފުޅިއެއް ގެންގުޅުން މުހިންމެވެ. ނުވަތަ ތަންތާނގައި އަތްލުމަށްފަހު މޫނުގައި، ނޭފަތުގައި ލޮލުގައި އަތް ލުމުގެ ކުރިން އަތް ރަނގަޅަށް ދޮވުމަށް އާދަ ކުރުންވެސް މުހިންމެވެ.

އަމިއްލަ ނަފްސާއިމެދު ފަރުވާތެރިވުން

މިވެސް މޫސުމީ ބަލިމަޑުކަމުން ރައްކާތެރި ވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

ސިއްހީ ގޮތުން ފައިދާކުރާ ދުޅަހެޔޮ ކެއުންތައް ހިޔާރު ކުރުމާއި، ކަސްރަތު ކުރުމާއި ބަރާބަރަށް ނިދި ހަމަ ކުރުމަކީވެސް ކުރެވިދާނެ ބައެއް ކަންކަމެވެ. އެހެނީ ތިބާގެ ދިފާއީ ނިޒާމުގެ ވަރުގަދަކަން ގުޅިފައިވަނީ ތިބާގެ ނިންޖާއި، ކެއުން ބުއިމާ ސިއްހީގޮތުން ތިބާގެ ދުޅަހެޔޮ ކަމާއެވެ.

މޫސުމީ ރޯގާއެއް ނުވަތަ ބަލިމަޑުކަމެއް ޖެހިއްޖެ ނަމަ އެންމެ ރަނގަޅު ގޮތަކީ ލަސް ނުކޮށް ސިއްހީ އެހީތެރިކަން ހޯދުމެވެ. އަދި ޑޮކްޓަރެއްގެ ލަފާގެ މަތިން ބޭސް އިހުތިޔާރު ކުރުމެވެ. އަދި އެހެން މީޙުންނަށް އެ ބަލި ފެތުރުމުގެ ފުރުސަތު ވީހާވެސް ކުޑަ ކުރުމަށްޓަކައި، ރޯގާ ޖެހިފައިވާނަމަ އާންމުންގެ ތެރެއަށް ނުނިކުތުމަށާއި ކެއްސާ ކިނބިހި އަޅާއިރު ރުމާލެއްފަދަ އެއްޗެއް ބޭނުން ކުރުމެވެ. ގިނަ ގިނައިން އަތް ދޮވުމާއި ހޭންޑް ސެނިޓައިޒާ ފަދަ ތަކެތި ބޭނުން ކުރުމެވެ.

ރައްކާވެ ތިބިއްޔާ ދަތުރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް