ޓާމިނަލް މައްސަލަ: މި ސަރުކާރުން ގައުމު އެ ސަލާމަތް ކޮށްދިނީ ކުރީ ސަރުކާރުން ކޮނުނު އަނދަވަޅަކުން

ސާފުކޮށް ފެންނާން ހުރި ހަގީގަތްތަކަށް ބަލައިލަމާ ހިންގަވާށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ރިޕޯޓުން މަންޒަރު ސިފަ އެ ވަނީ ވަރަށްވެސް ސާފުކޮށެވެ. ސާފުވާ ކަމަކީ ޓާމިނަލުގެ ބޮޑުބައެއް 15 އަހަރު ދ...

18 Feb 2020 | 18:56

ސާފުކޮށް ފެންނާން ހުރި ހަގީގަތްތަކަށް ބަލައިލަމާ ހިންގަވާށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ރިޕޯޓުން މަންޒަރު ސިފަ އެ ވަނީ ވަރަށްވެސް ސާފުކޮށެވެ. ސާފުވާ ކަމަކީ ޓާމިނަލުގެ ބޮޑުބައެއް 15 އަހަރު ދުވަހުގެ މުއްދަތަށް ޓީއެމްއޭއަށް ދޭން ނިންމައި އަޑި އަޑިން ކުޅެންޖެހޭ ހުރިހާ ކުޅިއެއް ކުޅެ ނިންމައިގެން ތިބި ކަމެވެ.

ދައުލަތަށް ލިބެން އޮތް ބޮޑު އާމްދަނީއެއް ގެއްލިގެންދާނެކަން އެނގިތިބެވެސް އަމިއްލައަށް ހިންގުމަށް އެއްވެސް ވަރަކަށް ވިސްނާފައި އަދި އެކަމުގެ އެއްވެސް ނިޔަތެއްވެސް ނެތް ކަމެވެ. މިވަރުގެ ބޮޑު މަޝްރޫއެއް ފަށަން އަދުތޯ މާދަމާތޯއަށް ވެފައި އޮތް އިރު ފަންނީ މުވައްޒަފުން ހޯދާފައިނުވުމާއި މުވައްޒަފުން ތަމްރީނުކުރުމަށް އެއްވެސް ވަރަކަށް ވިސްނާފައިނެތުމުން ހާމަވަނީ މިކަމުގައި އެމްއޭސީއެލްއިން ނިންމައިގެން ތިބި ގޮތެވެ.

ހަމަ ގައިމުވެސް މި ކަމަކީ އިއްޔެމިއަދަކު ހިނގައިގެން އުޅޭ ކަމެއް ނޫނެވެ. މިއީ މި ސަރުކާރު އައުމުގެ މާ ކުރީން ފެށިގެން ހިނގަމުން އައި މަޝްރޫއެކެވެ. މި ޖަރީމާ ރާވާ ހިންގުމުގެ ޒިންމާ ނަގަން ޖެހޭނީ އޭރު މިކަންކަމުގައި ސިޔާސަތުތައް ރާވައި ހިންގަން ތިބި މީހުންނެވެ. ސާފުކޮށް ފެންނަން ހުރި ހަގީގަތަކީ މިއީ ދުރާލާ ރޭވިގެން ގައުމު ވައްޓާލުމަށް ކޮންނަމުންދިޔަ އަނދަވަޅެއް ކަމެވެ.

ކޮންމެއަކަސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިކަމުގެ ހައްލެއްގެ ގޮތުގައި ހުށަހެޅި ގޮތަށް ފާސްކޮށްދިނުމުން މިވަނީ މި މައްސަލައިގާ ހަމަނޭވާ ލެވުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ. މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރި ގޮތަކީ ދެ އަހަރުގެ މުއްދަތަށް 10.35 ޑޮލަރުގެ ރޭޓުން ސީޕްލޭން ޓާމިނަލުގެ 6300 އަކަމީޓަރުގެ ޖާގައެއް ޓީއެމްއޭއަށް ދިނުމެވެ. ޓީއެމްއޭއަށް އެކަންޏެއް ނޫނެވެ. މަންޓާ އަށްވެސް ހަމަ މި ރޭޓުގައި ޖާގަ ދިނުމަށެވެ. އެއަށްފަހު ބާކީ އޮންނަ 21000 އަކަމީޓަރު އަލުން ޓެންޑާކުރުމަށްވެސް ވަނީ ނިންމާފައެވެ.

ދުވަހަށް މައުލޫމާތުދެމުން ކަމުގެ މައުލޫމާތު އަދި ފަންނީ މައުލޫމާތު ރަނގަޅަށް އެނގޭ ބޭފުޅަކު ވިދާޅުވީ މިއީ މިވަގުތަށް ގެނެވޭނެ އެންމެ ރަނގަޅު ހައްލު ކަމަށެވެ.

"އެމްއޭސީއެލްއަށް ޓާމިނަލް ހިނގޭނެ ގޮތެއް ނެތްކަން ހަމަ ވަރަށް ސާފު ނޫންތޯ؟ އެއްވެސް ވަރަކަށް ތައްޔާރުވެފައި ނުވާކަންވެސް ސާފުނޫންތޯ؟، ދެން އެމްއޭސީއެލްއަށް މަޖުބޫރުވެގެންދާނެ ދެ އަހަރު ތެރޭގައި އަމިއްލައަށް ޓާމިނަލް ހިންގޭ ވަރަށް ވަސީލަތްތަކާއި މުވައްޒަފުން ތަރައްގީ ކުރަން، ސަރުކާރުން މިވަގުތު އެ ނިންމެވީ މިވަގުތަށް ހަމަ އެންމެ ރަނގަޅު ގޮތަށް، ގައުމު އެ ސަލާމަތްކޮށްދިނީ ކުރީ ސަރުކާރުން ކޮނުނު އަނދަވަޅަކުން" އޭނާ ވިދާޅުވިއެވެ.

ކުރިން އޮތްގޮތަށް ކަންވެ ނިމުނުނަމަ ޓީއެމްއޭއަށް 31000 އަކަމީޓަރު ނު އަގުގައި ނުވަތަ ވަރަށްވެސް ދަށް އަގެއްގައި ލިބިގެންދާނެއެވެ. ޓީއެމްއޭއިން ވަކާލާތު ކުރަމުންދިޔައީވެސް އެގޮތަށެވެ. ހުއްޖަތަކަށް ދައްކަމުން ދިޔައީ ކުރީ ސަރުކާރުން 2017ގައި އެގޮތަށް އެއްބަސް ވެފައިވާކަމަށެވެ. ނަމަވެސް މިހާރު މި ނިންމާ ގޮތުން ނަމަ ލިބޭނީ އެންމެ 6300 އަކަމީޓަރެވެ. އެވެސް އެންމެ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެއީ އެމްއޭސީއެލްއިން ތައްޔާރުވެވޭން ދެނެވެ.

ދެން އޮތީ ސަރުކާރުން މި ނިންމުން ޓީއެމްއޭއިން ގަބޫލުކޮށްފާނެތޯ އާއިމެދު އުފެދޭ ސުވާލެވެ.؟ ކޮންމެއަކަސް ސަރުކާރުން އެވަނީ މިކަމުގައި ގޮތް ނިންމާފައެވެ. ޓީއެމްއޭއަށް މިގޮތް ގަބޫލު ނުކޮށް ވަކި މޮޅުގޮތެއް ފެންނާކަށް ނެތެވެ. ސަރުކާރުން ގަބޫލުކުރަނީ ދެ އަހަރުގެ ތެރޭގައި އެމްއޭސީއެލްއަށް އަމިއްލައަށް ޓާމިނަލް ހިންގޭވަރަށް ތައްޔާރުވެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް